މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންސްޓިޓިއުޓް ފޯ ސެކިއުރިޓީ އެންޑް ލޯ އެންފޯރސްމަންޓުން ހިންގި ސްޓޭޝަން މެނޭޖްމަންޓް ކޯހުގެ 16 ވަނަ ބުރާއި ފީލްޑް ޓެކްނީޝަންސް ކޯހުގެ ތިން ވަނަ ބުރުގެ ދަސްވެނިވުން ބާއްވައިފި އެވެ.

އެ ދެ ކޯސް ފުރިހަމަ ކުރި ފުލުހުންނަށް ސެޓްފިކެޓް ދިނުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ބޯޑް މެމްބަރު އަހުމަދު ފައިސަލް އެވެ.

އިސްކަންދަރު ބިލްޑިންގައި އިއްޔެ އޮތް އެ ރަސްމިއްޔާތުގައި ޝަރަފްވެރި މެހެމާން ފައިސަލް ވިދާޅުވީ ޑިމޮކްރަސީއެއްގެ އެއްމެ ބޮޑު އަސާސަކީ އެއްމެނަށް ވެސް އެ މީހެއްގެ ޙައްޤު ހަމަޔަށް ލިބިދިނުން ކަމުގައިވާ އިރު މުޖްތަމަޢުގައި ހުރި އެކިއެކި މުއައްސަސާތަކުގެ ތެރެއިން އެންމެ ފުރިހަމަ އަށް މަސައްކަތެއް ކުރާ ތަނަކީ ފުލުހުންގެ މުއައްސަސާ ކަމަށެވެ. އަދި ރާއްޖޭގެ ވަރަށް ގިނަ މުއައްސަސާތަކުގެ މަސައްކަތަކީ ކަމެއް ހިނގުމުން އެކަމަކާ ގުޅޭ ގޮތުން ބަޔާނެއް ނެރުން ކަމަށާއި އެހެން ނަމަވެސް ފުލުހުންގެ މަސައްކަތަކީ ވަރަށް ދުރާލައި ރޭވިގެން ކުރިޔަށް ގެންދާ މަސައްކަތެއް ކަމަށެވެ. އަދި ވަރަށް ގިނަ ފަހަރަށް އެކެއްގެ ޙައްޤު ނިގުޅައިގަނެވޭ ވަގުތު އެމީހެއްގެ ޙައްޤު ހިމާޔަތް ކުރުމަށް މަސައްކަތް ކުރަނީ ފުލުހުންގެ މުއައްސަސާ ކަމަށާއި އެހެންކަމުން ޑިމޮކްރަސީއެއްގައި ފުލުހުން ވެސް ރައްޔިތުން ވެސް ފުލުހުންގެ ދައުރު ވަރަށް ރަނގަޅަށް ޤަބޫލު ކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

ފުލުހުންގެ މުޢައްސަސާ ކުރިއެރުވުމަށް ފުލުހުންގެ ލީޑާޝިޕުން ކުރައްވާ މަސައްކަތްތަކަށް ޝުކުރު އަދާ ކުރައްވައި ފުލުހުންގެ މަސައްކަތްތަކަށް ހުރަސް އެޅޭ ފަދަ ކަންތައް އެއްވެސް ފަރާތަކުން ނުކުރުމަށް ވެސް ފައިސަލް އިލްތިމާސް ކުރައްވާފައިވެ އެވެ.

އިއްޔެ ނިންމުން ފާހަގަ ކުރި ދެކޯހުގެ ތެރެއިން ސްޓޭޝަން މެނޭޖްމަންޓް ކޯހަކީ އަތޮޅު ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރާ ފުލުހުންނަށް އަމާޒު ކޮށްގެން އެއްމަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ. އެކޯހުގައި 13 ފަރާތަކުން ބައިވެފައިވާ އިރު ކޯހުގެ ހުރިހާ ބައިވެރިން ވެސް ވަނީ ކޯސް ފުރިހަމަކޮށް ކާމިޔާބުކަމާ އެކު ސެޓްފިކެޓް ހާސިލް ކޮށްފަ އެވެ.

މިކޯހުގައި ފުލުހުންނާއި ގުޅުން ހުރި މުހިއްމު ޤާނޫނުތަކާއި އަސާސީގެ މުހިއްމު ޗެޕްޓާތަކާއި ސިޓުއޭޝަނަލް ލީޑާޝިޕާއި ޑިސިޝަން މޭކިން އެންޑް ޕްރޮބްލަމް ސޯލްވިން އާއި އެފެކްޓިވް ލީޑާޝިޕް އެންޑް މެނޭޖްމަންޓްގެ އިތުރުން ޕީޕަލް މެނޭޖްމަންޓް އެންޑް މޯޓިވޭޝަން އާއި ޕްރެޒެންޓޭޝަން ސްކިލްސް އާއި ޓީމް ބިލްޑިން ފަދަ މޮޑިއުލްތައް ހިމަނާފައި ވެއެވެ. އަދި ނިއުސް ބްރީފިންގެ ޕްރެކްޓިކަލް އާއި ބަހުގެ ހުނަރުތަކާއި ދިވެހި ބަހުގެ ހަމަތަކާ ގުޅޭ ކްލާސްތައް ވެސް ހިންގާފައިވެ އެވެ.