17 Oct 2012, 14:18
ކ. ގުރައިދޫގައި ތިބޭ ޚާއްސަ އެހީ އަށް ބޭނުންވާ މީހުން ތިބޭ މަރުކަޒުގެ ނަރުދަމާ ނިޒާމްގެ އެކްސްޓެންޝަން ޕްރޮޖެކްޓްގެ މަސައްކަތް އެމްޑަބްލިޔުއެސްސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިއުމަށް ޖެންޑާ މިނިސްޓްރީ އިން ނިންމައި އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.
އެމްޑަބްލިޔުއެސްސީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ހުސެއިން ރަޝީދު އެވެ. ފެންކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ މުހައްމަދު އަހުމަދު ދީދީ އެވެ.
ޖުމްލަ 594،000ރ. އަށް ހަވާލު ކުރި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ދެ ފަރާތުން އެއްްބަސްވެފައި ވަނީ އެއްހަރު ދުވަހެވެ.
އެ މަޝްރޫއުގައި ސޮއި ކުރެއްވުމަށް ފަހު ހުސެއިން ވިދާޅުވީ އެ ޕްރޮޖެކްޓަކީ މީގެ ތިން އަހަރު ކުރިން މަޝްވަރާތައް ފަށާފައިވާ މަޝްރޫއުއެއް ކަމަށާއި އަދި އަމަލީ މަސައްކަތްތައް ވެސް ފަށާފައިވާ ޕްރޮޖެކްޓެއް ކަމަށެވެ. އަދި ވިދާޅުވީ އެ އެއްބަސްވުމުގައި މިއަދު ސޮއި ކުރުމަކީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި ޕްރޮޖެކްޓްގެ ސަބަބުން މަރުކަޒުގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެން މިހާރު މި ގެންގުޅޭ ނަރުދަމާ ނިޒާމު ވަރަށް ބޮޑަށް ބާވެ ހަލާކު ވެއްޖެ. އޭގެ ސަބަބުން ތަނުގެ ތެރޭގައި ބަލިތައް ވެސް ފެތުމުގެ ބިރު އެބައޮތް. ނަމަވެސް މިއަދު މި ލިބިގެން ދިޔައީ ވަރަށް ބޮޑު ކުރިއެރުމެއް،" ހުސެއިން ރަޝީދު ވިދާޅު ވިއެވެ.
ގުރައިދޫގައި ތިބޭ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ނަރުދަމާ ނިޒާމު ގާއިމު ކުރުމުގެ ޕްރޮޖެކްޓްގައި މިއަދު ސޮއިކުރެވުނު އިރު އެތަނުގެ ފެނުގެ ނިޒާމް ރަނގަޅު ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު ގެންދަނީ ކުރަމުން ނެވެ.