އިނގިރޭސި ވިލާތުގައި އެންމެ ފުރަތަމައަށް ކުޑަ ކުއްޖެއްގެ ހިތް ބަދަލު ކުރުމުގެ ކާމިޔާބު އޮޕަރޭޝަން ކުރެވުނު ކޭލީ ޑޭވިޑްސަން-އޯލޭ، އެ ތާރީޚީ އޮޕަރޭޝަނުގެ ރިހިޔޫބީލް ފާހަގަ ކޮށްފިއެވެ.

ނިއުކާސަލްގެ ފްރީމޭން ހަސްފަތާލުގައި ކޭލީގެ އޮޕަރޭޝަން ކުރެވުނީ އޭނާގެ އުމުރުން އެންމެ ފަސް އަހަރުގައެވެ. އޭނާގެ ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަނަށް 25 އަހަރު ފުރުން ފާހަގަ ކުރި ހަފްލާގައި ކޭލީ ވަނީ ދުނިޔޭގެ ތަފާތު އެތައް ގައުމެއްގެ ސިއްހީ ތަޖްރިބާކާރުންނާ ބައްދަލު ކޮށްފައެވެ. އުމުރުން އެއް އަހަރު ފުރުމުގެ ކުރީން ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަން ކުރެވިފައި ވާ 30 ފަރާތެއް ކޭލީއާ އެކު މި ހަފްލާގައި ބައިވެރި ވިއެވެ.

މިހާރު ސޭލްސް އެޑްވައިޒަރެއްގެ މަގާމު އަދާ ކުރަމުން ދާ ކޭލީ ދަނީ ގުނަވަންތައް ހަދިޔާ ކުރާން ބާރު އެޅުމުގެ ގޮތުން ހޭލުންތެރިކަމުގެ ޕޮރުގުރާމްތަކުގައި ބައިވެރި ވަމުންނެވެ.

"އަހަރެން ވަރަށް އުފާ ވޭ، މި ކަހަލަ އޮޕަރޭޝަނަކަށް ފަހު ދުޅަހެޔޮކަމާ އެކު 25 އަހަރު ވޭތު ކޮށްލެވުނީތީ، އަހަރެންގެ ފުރާނަ ސަލާމަތް ވީ އަހަރެންގެ ހަށިގަނޑުގެ ތެރޭގައި މިއަދު މި ވާ ހިތުގެ ހަގީގީ ވެރިޔާގެ އާއިލާގެ މީހުން ރަނގަޅު ވަގުތުގައި ނިންމި ރަނގަޅު ނިންމުމެއްގެ ސަބަބުން. ތިމާމެންގެ އާއިލާއިން ދުނިޔެ ދޫ ކޮށްފައި ދާ ފަރާތުގެ ދިރުން ބޭނުން ކޮށްގެން އެހެން މީހެއްގެ ފުރާނަ ސަލާމަތް ކޮށް ދިނުމަށް ނިންމުމަކީ ވަރަށް އުނދަގޫ، އެހެން ނަމަވެސް މަތިވެރިކަން އެކުލެވިފައި ވާ ނިންމުމެއް." ކޭލީ ބުންޏެވެ.

ފާއިތު ވި 25 އަހަރު ތެރޭގައި އިނގިރޭސި ވިލާތުގައި ވަނީ އުމުރުން އެއް އަހަރުން ދަށުގެ 112 ކުދީންގެ ހިތް ބަދަލު ކުރުމުގެ އޮޕަރޭޝަން ކޮށްފައެވެ. ފްރީމޭން ހަސްފަތާލުގައި މަސައްކަތް ކުރައްވާ އަދި ކުޑަކުދީންގެ ބަލިތަކުގެ ކޮންސަލްޓެންޓެއް ކަމުގައި ވާ ޑރ. ރިޗަރޑް ވިދާޅުވި ގޮތުގައި، ގުނަންތައް ހަދިޔާ ކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަމުގެ ޕޮރުގުރާމްތައް ހިންގަމުން ދިޔަ ކަމަށް ވިޔަސް، މަރުވަމުން ދާ މީހުންގެ ގުނަންތައް ހަދިޔާ ކުރުމުގައި އިސް ނަގާ އާއިލާތައް ވަރަށް މަދެވެ.

މިހާރު ވެސް ހިތް ބަދަލު ކުރާން ވެފައި، ހިތް ހަދިޔާ ކުރާނެ ބަޔެއްގެ އިންތިޒާރުގައި 6 ކުއްޖަކު ފްރީމޭން ހަސްފަތާލުގައި އެބަ ތިބި ކަމަށް ވެސް ޑރ. ރިޗަރޑް ވަނީ ވިދާޅުވެފައެވެ.