17 Oct 2012, 13:45
ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަބުދުﷲ ޔާމީން ގުޅިގެން ހިންގާފައިވާ ކަމަށް އެމްޑީޕީ ސަރުކާރުން ތުހުމަތު ކުރާ 800 މިލިޔަން ޑޮލަރުގެ ތެލުގެ "ވަގު" ވިޔަފާރީގެ މައްސަލާގައި އޮޑިޓާ ޖެނަރަލްއަށާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ލިބިފައިވާ މައުލޫމާތުތައް ގައުމީ ސަލާމަތު ކޮމެޓީން ހޯދުމަށް ނިންމައިފި އެވެ.
އެސްޓިއޯގެ ޗެއާމަނަކަށް ޔާމިން ހުންނެވި އިރު އެ ކުންފުނިން ހިއްސާވާ މޯކަމް ޓްރޭޑިން ސިންގަޕޯ ކުންފުނިން ބަރުމައާ ތެލުގެ "ވަގު" ވިޔަފާރިކޮށްފައިވާ ކަމަށް ތުހުމަތުކޮށްފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ގައުމީ ސަލާމަތު ކޮމެޓީން މިއަދު ނިންމާފައި ވަނީ އޮޑިޓާ ޖެނަރަލްގެ އޮފީހުންނާއި އޭސީސީން މަޖިލީހަށް ފޮނުވާ މައުލޫމާތު މައްޗަށް ރިޔާއަތްކޮށް މައްސަލައިގެ ތަހުގީގު އަލުން ފެށުމަށެވެ.
ތެލުގެ "ވަގު"ވިޔަފާރީގެ މައްސަލާގައި އޮޑިޓާ ޖެނަރަލްގެ އޮފީހަށާއި އޭސީސީ އަށް ލިބިފައިވާ މައުލޫމާތުތައް ހޯދުމަށް ހުށަހެޅުއްވީ ޑީއާރްޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ނާޝީޒް އެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު ނާޒިމް (މަޑަވެލި ނާޒިމް) އެވެ.
އެ ވިޔަފާރީގެ މައްސަލަ ގައުމީ ސަލާމަތު ކޮމެޓީން ތަހުގީގުކޮށްފައި ވަނީ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވިއިރު އެވެ. އޭރު ކޮމެޓީގެ މުގައްރިރަކަށް ހުންނެވި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު ވަނީ މައްސަލައާ ގުޅުން ހުރި ލިޔެކިޔުންތައް ކޮމެޓީއަށް ފޮނުއްވައި ދިނުމަށް އެދި 12 މުއައްސަސާއަކަށް އަންގާފަ އެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި ކުރީގެ ރައީސް ނަޝީދު އުފެއްދެވި ރިޔާސީ ކޮމިޝަނަށާއި ފޮރިން މިނިސްޓްރީގެ އިތުރުން އިކޮނަމިކް މިނިސްޓްރީއަށާއި ބަންޑާރަ ނައިބުގެ އޮފީހަށާއި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓިއޯ)ގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތީރިޓީ (އެމްއެމްއޭ) އަށް ވެސް އަންގާފައިވެ އެވެ.
އެ މައްސަލާގައި ޔާމީން ވެސް ވަނީ ކޮމެޓީ އަށް ހާޒިރުކޮށް ޖަވާބުދާރީކޮށްފަ އެވެ. ޔާމީން ވިދާޅުވެފައި ވަނީ ތެލުގެ ވަގު ވިޔަފާރި ކުރި ކަމަށް ބުނާ ސިންގަޕޫރްގެ މޯކަމް ޓްރޭޑިން އިން ހިންގާ ކަންތަތައް އެނގިވަޑައިނުގަންނަވާ ކަމާއި އެކަންތައްތައް "އެނގެން ނުޖެހޭ" ކަމަށެވެ.
އަށްސަތޭކަ މިލިޔަން ޑޮލަރުގެ މައްސަލަ މަޖިލީހުން ތަހުގީގު ކުރަމުންދަނީ ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ހުށަހެޅުއްވި ގަރާރަކާ ގުޅިގެންނެވެ.