މި އަހަރުގެ ޖެނުއަރީ މަހުން އޮގަސްޓަށް ދައުލަތުން ކޮށްފައިވާ ހަރަދުތަށް މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާ އިރު 13.5 ޕަސެންޓް އިތުރުވެފައިވާ ކަމަށް ހިސާބުތަކުން ހާމަވެއްޖެ އެވެ.

ޕްލޭނިން ޑިޕާޓްމަންޓުން އާންމު ކުރި ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އަހަރުގެ ފުރަތަމަ އަށް މަސް ދުވަހުގެ ދައުލަތުގެ ޖުމްލަ ހަރަދުގެ ގޮތުގައި 7.8 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. ނަމަވެސް މިއަހަރުގެ އަށް މަސް ދުވަހު ދައުލަތުން ވަނީ 8.3 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ނަމަވެސް މި އަހަރުގެ އޮގަސްޓް މަހު ދައުލަތުން ކުރި ހަރަދު މި އަހަރުގެ ޖުލައި މަހާ އަޅާބަލާ އިރު 12.7 ޕަސެންޓް ވަނީ ދަށަށް ގޮސްފަ އެވެ. އަދި މި އަހަރުގެ އޮގަސްޓް މަހު ކުރި ހަރަދު މިދިޔަ އަހަރުގެ އޮގަސްޓް މަހާ އަޅާ ބަލާއިރު 2.9 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

ނަމަވެސް އަންދާޒާ ކުރި ވަރަށް ވުރެ ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް ޕްލޭނިންގެ ހިސާބުތަކުން ދައްކަ އެވެ. މިއަހަރުގެ ޖުލައި މަހާ އަޅާކިޔާ އިރު އޮގަސްޓް މަހު ދައުލަތުގެ އާމްދަނީ ވަނީ 14 ޕަސެންޓް އުފުލިފަ އެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓްމަހާ އަޅާ ކިޔާ އިރު 7.9 ޕަސެންޓަށް އާމްދަނީ އިތުރުވި އެވެ. އަދި މިދިޔަ އަހަރުގެ ޖެނުއަރީން އޮގަސްޓާ އަޅާ ކިޔާ އިރު 4.5 ޕަސެންޓް އާމްދަނީއަށް ވަނީ އިތުރުވެފަ އެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާ އަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ހަރަދު ބަރަދުގެ ތަފްސީލްތަކުން ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތުގެ އާމްދަނީ ވަނީ 7.7 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އަދި ޖުމްލަ ހަރަދު ވަނީ 9.8 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އަދި ބަޖެޓްގެ ޑެފިސިޓް މިއަހަރުގެ މިހާތަނަށް ހުރީ 2.1 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ.