މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ދ. ކުޑަހުވަދޫގައި، އެ ރަށު ސަމަންދަރުގޭ އަލީ ހަސަން 70، (އައްޔުބޭ) މަރާލި މައްސަލައާ ގުޅިގެން ޖުވެނައިލް ކޯޓުގައި ދައުލަތުން ދައުވާ ކުރާ ތިން ކުދިންގެ މައްޗަށް ހުކުމް ކުރުން އަންނަ މަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޖުވެނައިލް ކޯޓުގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގެ އެންމެ ފަހުގެ އަޑުއެހުން މިއަދު ބާއްވާފައިވާ ކަމަށާއި އަދި އަންނަ މަހުގެ 14 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް ކުރުމަށް ޝެޑިއުލް ކޮށްފައިވާ ކަމަށެވެ.

"މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އޮތީ ދައުވާ ލިބޭ ފަރާތްތަކާއި ދައުލަތުން ވެސް ޚުލާސާ ބަޔާން ހުށަހެޅުން. ދެން އޮންނާނީ ހުކުމް އިއްވުން. ހުކުމް ކުރުމަށް ޝެޑިއުލްކޮށްފައި ވަނީ އަންނަ މަހުގެ 14 ވަނަ ދުވަހަށް،" އޮފިޝަލް ވިދާޅުވި އެވެ.

އައްޔުބެ މަރާލުމުގެ ތުހުމަތުގައި ޖުވެނައިލް ކޯޓުގައި ދައުވާ ކޮށްފައިވާ ތިން ކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ. އަނެއް ދެ ކުދިންގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ.

ޖުވެނައިލް ކޯޓުން ބުނީ އެ ތިން ކުދިންގެ ތެރެއިން ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ ލިބޭ ކުއްޖާ ދައުވާ އަށް އިންކާރު ކުރި ނަމަވެސް މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ލިބޭ ދެ ކުދިން ވެސް ކުށަށް އިއުތިރާފް ވެފައިވާ ކަމަށެެވެ.

ދައުވާ އަށް އިންކާރުކޮށްފައިވާ ކުއްޖާގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހަމައެކަނި ހުށަހަޅާފައި ވަނީ އެ ކުއްޖާގެ ޑީއެންއޭ ކަމަށާއި ނަމަވެސް ރާއްޖެ އިން ބޭރަށް ފޮނުވައިގެން ހެދި އެ ޑީއެންއޭ އައްޔުބޭގެ ޑީއެންއޭއާ ދިމާ ނުވާކަމަށް ވެސް ޖުވެނައިލް ކޯޓުން ބުންޏެވެ.

ދައުވާ ކުރި އިރު އެ ތިން ކުދިންނަށް 18 އަހަރު ފުރިފައިނުވި ނަމަވެސް ދެ ކުދިންނަށް މިހާރު ވަނީ 18 އަހަރު ފުރިފަ އެވެ.

އައްޔުބޭ މަރާލުމުގެ ތުހުމަތުގައި ތިން މީހެއްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ވެސް ދައުލަތުން ވަނީ ދައުވާ ކޮށްފަ އެވެ. އެ ތިން މީހުންނަކީ އައްޔުބެއަށް ދޮންކާފަ ކިޔާ އެ ރަށު މާވެލި އިބްރާހިމް ވަސީމާއި އެ ރަށު ރަނަކުރި އިބްރާހިމް މާޖިދާއި ފަނަސް ފައުޒާން މުހައްމަދެވެ.

ވަސީމްގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ ކޮށްފައިވާ އިރު ފައުޒާނާއި މާޖިދުގެ މައްޗަށް ކޮށްފައި ވަނީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާ އެވެ.

ފައުޒާނާއި މާޖިދު ދައުވާއަށް އިންކާރު ކުރި ނަމަވެސް އެ ދެ މީހުންނާއި އެކު އައްޔުބެ މަރާލުމުގައި ބައިވެރިވިކަމަށް ވަސީމް ވަނީ އެއްބަސްވެފަ އެވެ.