ކްލާހުގައި ނިދިޖެހިފައި ތިބޭ ކުދިންނާ މެދު އެކުދިންގެ ކްލާސްމޭޓުންގެ ޝަކުވާތައް ގިނަވާނެ އެވެ. އަދި ކްލާސްމޭޓުން އެކުދިން ދެކެ ރުޅިއައުން ވެސް ގިނަވާނެ އެވެ.

ނަމަވެސް ކެނެޑާގައި ދާދިފަހުން ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ގިނައިން ނިދާކުދިންގެ އަހުލާގު ރަނގަޅުވެ އެވެ.

ކެނެޑާގައި ހަފުތާއަކު އެއް ފަހަރު ނުކުންނަ ސިއްހީ މަޖައްލާއެއް ކަމަށްވާ "ޖާނަލް ޕިޑިއެޓްރިކްްސް"ގައި ޝާއިއުކޮށްފައިވާ ދިރާސާ ރިޕޯޓްގައިވާ ގޮތުން ނިދާ ވަގުތު ގިނަކުރުމަކީ ކުދިންގެ އުފެއްދުންތެރިކަމާއި ސިއްހަތު ރަނގަޅުކުރުމަށް އޮތް ރަނގަޅަށް ނަތީޖާ ނެރެވޭ އަދި ދެމެހެއްޓެނިވި އެއްގޮތެވެ.

"ނިދާ ވަގުތު ދިގުކުރުމަކީ ނަތީޖާ ނެރެވޭ އަދި ދެމެހެއްޓެނިވި ގޮތަކަށް ކުދިންގެ ގާބިލިއްޔަތާއި ސިއްހަތު ރަނގަޅު ކުރުމަށް ހުޅުވޭ ދޮރެއް،" ދިރާސާގެ އެއް މުސައްނިފު ކެނެޑާ ކިއުބެކްގައި ހުންނަ ޑަގްލަސް ރިސާޗް ސެންޓަރުގެ އެޓެންޝަން ބިހޭވިއާ އެންޑް ސްލީޕް ލެބްގެ ޑިރެކްޓަރު ރިއުޓް ގްރޫބާ ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވެ އެވެ.

ދިރާސާ ކުރުމަށްޓައި ގްރޫބާއާއި އޭނާގެ ބައިވެރިން ކުރި ދިރާސާގައި، ބެލެނިވެރިންގެ ހުއްދައާ އެކު އުމުރުން ހަތް އަހަރާއި 11 އަަހަރާ ދެމެދުގެ 34 ދަރިވަރަކު ބައިވެރިކުރި އެވެ. އެކުދިންނަކީ ކިޔެވުމުގައި ވެސް އަދި އަހުލާގީ ގޮތުން ވެސް މައްސަލައެއް ނެތް، ސިއްހަތު ރަނގަޅު ކުދިންނެވެ.

ދިރާސާގައި އެއް ހަފުތާ ވަންދެން އެކުދިންގެ ތެރެއިން ދެބައިކުޅަ އެއްބައި ކުދިން އަވަހަށް ނިންދެވި އެވެ. އެކުދިން އާއްމުކޮށް ނިދާ ވަރަށް ވުރެ 27 މިނެޓް ކުރިންނެވެ. އަދި އަނެއްބައި ކުދިން ނިދުން އާއްމުކޮށް ނިދާ ވަރަށް ވުރެ 54 މިނެޓް ލަހުން ނިންދެވި އެވެ.

އެއަށް ފަހު ކުދިންގެ ނިދުމަށް ގެނައި ބަދަލު ނޭނގި ތިބި ޓީޗަރުންނާ އެކުދިންގެ ކިޔެވުމާއި ކްލާސްތެރޭގެ އުޅުމާ މެދު ސުވާލު ކުރި އެވެ. އެ ޓީޗަރުންގެ ފަރާތުން އެނގުނު ގޮތުގައި ގިނައިރު ނިންދެވި ކުދިންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމާއި އުޅުމާ އަހުލާގަށް ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކެއް އަ އެވެ. އަދި މަދުން ނިންދެވި ކުދިންގެ ފަރާތުން ވަރުބަލިކަމުގެ އިތުރުން އަވަހަށް ރުޅިއައުމާއި ރުއިމާއި ބަސްނޭހުން ތަޖުރިބާކުރެވުނެވެ.

ގިނައިން ނިންދެވި ކުދިންނަށް އެ ކުދިންގެ އިހުސާސްތައް ކޮންޓްރޯލް ކުރުވުނު ކަމަށާއި އެކުދިންގެ ސަމާލުކަން އިތުރުވި ކަން ވެސް ޓީޗަރުންގެ ފަރާތުން އެނގުނެވެ.

ދިރާސާ ކުރި ފަރާތްތަކުން ބުނަނީ އެނަތީޖާއަކީ ވިސްނާލަން ޖެހޭ ނަތީޖާއެއް ކަމަށާއި ނިދީގެ މުހިއްމުކަން ކަށަވަރުކުރުމަށް އިތުރު ހެކި ލިބިދޭ ނަތީޖާއެއް ކަމަށެވެ.

"ނިދިން މަހުރޫމްވުމުން ހަނދާނަށާއި އުފެއްދުންތެރިކަމަށާއި ބަހުގެ އުފެއްދުންތެރިކަމަށާއި ނިންމުންތައް ނިންމުމާއި ޝައުގުވެރިކަމާއި ކްލާހުގައި ބައިވެރިވުމަށް އަސަރުކުރާކަން އަހަރެމެންނަށް އެނގޭ،" އެމެރިކާގެ ވޮޝިންޓަންގައި ހުންނަ ޗިލްޑްރަންސް ނެޝަނަލް މެޑިކަލް ސެންޓަރުގެ ސްލީޕް މެޑިސިންގެ ޑިރެކްޓަރު ޑރ. ޖުޑިތު އޮވެންސް ވިދާޅުވެފައިވެ އެވެ.

މިދިރާސާގެ ނަތީޖާއާ ގުޅިގެން، ކުދިން އަވަހަށް ނިންދެދުމަށް ބެލެނިވެރިން ސަމާލުކަން ދިނުމަށް ދިރާސާގެ ބައިވެރިން އެދިވަޑައިގަންނަވަ އެވެ. އެގޮތުން އެލެމެންޓްރީ ސްކޫލްގައި އުޅޭ ކުދިން 24 ގަޑިއިރުގެ ތެރެއިން 10 ގަޑިއިރާ 11 ގަޑިއިރާ ދެމެދުގެ ދިގުމިނަކަށް ނިންދަވަން ޖެހޭ ކަމަށް އެބޭފުޅުން ގަބޫލުކުރައްވަ އެވެ.

ކާރު ތެރޭގައި އިންދާ ނިދުން ނުވަތަ ޓީވީ ބަލަން އިންދާ ނިދުމަކީ ރަތް ދިދައެއް، ( ގޯސް ސިގުނަލެއް) އޮވެންސް ވިދާޅުވެ އެވެ.