އައްޑޫ ސިޓީގެ ހިތަދޫގައި 100 އެނދުގެ ހޮސްޕިޓަލެއް އެޅުމަށް 8.4 މިލިއަން ޑޮލަރު (129.5 މިލިއަން ރުފިޔާ)ގެ ލޯނެއް އޯޕެކް ފަންޑް ފޯ ޑިވަލޮޕްމަންޓް (އޯޕިޑް) އިން ނެގުމަށް އެ ފަންޑާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި އިއުލާން ކުރި ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ޕްރޮޖެކްޓަކީ އޯޕިޑްގެ އިތުރުން ސައުދީ ފަންޑްގެ އެހީގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

އޯޕިޑް އިންދޭ ލޯނުގެ އެގްރިމަންޓްގައި ސޮއިކުރުން އޮތީ މިއަދު ހެނދުނު ފިނޭންސް މިނިސްޓްރީގަ އެވެ. އޯޕިޑްގެ ފަރާތުން ލޯނު އެގްރިމަންޓްގައި ސޮއިކުރެއްވީ އެ ފަންޑްގެ ޑިރެކްޓަރު ޖެނެރަލް ސުލައިމާން ޖާސިރު އަލްހާބިޝް އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ ފިނޭންސް މިނިސްޓާ، އަބްދުﷲ ޖިހާދެވެ.

ލޯނު އެގްރިމަންޓްގައި ސޮއިކުރެއްވުމަށް ފަހު ޖިހާދު ސަން އޮންލައިންއަށް ވިދާޅުވީ އެ ލޯނުގެ އިންޓަރެސްޓް ރޭޓަކީ، 4.5 ޕަސެންޓް ކަމަށެވެ. އަދި އެއީ 20 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާ ގޮތަށް ފަސް އަހަރުގެ ގްރޭސް ޕީރިއަޑްގައި ނެގި ލޯނެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ލޯނު ލިބުމާ އެކު ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ހޮސްޕިޓަލްގެ އިމާރާތް ކުރާނެ ކޮންޓްރެކްޓަރެއް ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާން ކުރާނެ ކަމަށާއި އެ މިނިސްޓްރީ އިން މިހާރު އެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

އެ ހޮސްޕިޓަލް އިމާރާތްކުރުމަށް ސައޫދީ ފަންޑުންދޭ 12.5 މިލިއަން ޑޮލަރު (192.7 މިލިއަން ރުފިޔާގެ) ލޯނު އެގްރިމަންޓްގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސަރުކާރުން ވަނީ ސޮއިކޮށްފަ އެވެ. އެ ލޯނަކީއެއް ޕަސެންޓްގެ އިންސްޓްރަސްޓާ އެކު، ފަސް އަހަރުގެ ގްރޭސް ޕީރިއަޑާ އެކު 20 އަހަރު ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތަށް ނެގި ލޯނެކެވެ.