17 Oct 2012, 11:19
ބޯކޮށް ވާރޭވެހި ދަނޑުގައި ފެންބޮޑުވުމުން ވޯލްޑް ކަޕް ކޮލިފައިންގައި ޕޮލެންޑާއި އިނގިރޭސިން ރޭ ކުޅެން އޮތް މެޗު މިރެއަށް ފަސްކޮށްފި އެވެ.
އެންމެ ފަހުގެ ޔޫރޯ އަށް ޕޮލެންޑްގައި ތައްޔާރު ކުރި 400 މިލިއަން ޕައުންޑްގެ ސްޓޭޑިއަމުގައި ފެންބޮޑުވީ ދަނޑު ހިޔާކުރުމަށް ބޭނުންކުރާ ފުރާޅު ކަހާނުލައި އޮތުމުންނެވެ. މިކަން ނުކުރެވުނީ ޕޮލެންޑްގެ މޫސުމާ ބެހޭ އިދާރާގެ އިންޒާރުތަކަށް ފުޓްބޯޅަ އެސޯސިއޭޝަނުން ފަރުވާލެއް ނުބެހެއްޓުމުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެ އެވެ. މެޗު ހުއްޓާލީ ދެ ފަހަރެއްގެ މަތީން ރެފްރީން ދަނޑު އިންސްޕެކްޓްކުރުމަށް ފަހު އެވެ. އަދި މެޗު މިރޭ ކުޅެން ނިންމީ ދެ ގައުމުގެ އެސޯސިއޭޝަނުން ވެސް އެގޮތަށް އެއްބަސްވުމުންނެވެ.
މި މެޗުން މިރޭ ކުޅެން ހަމަޖެއްސުމުން އިނގިރޭސި ސަޕޯޓަރުންނަށް ޓިކެޓް ކޮމްޕަންސޭޝަން ދިނުމަށް އެ ގައުމުގެ އެފްއޭއިން ވަނީ ބުނެފަ އެވެ. އިނގިރޭސި ކުރީގެ ކުޅުންތެރިޔާ ގްރެހަމް ޓެއިލާ މިކަމާ ބެހޭ ގޮތުން ބުނީ އޭނާ އަކީ ސަޕޯޓަރެއްގެ ގޮތުގައި ޓިކެޓްގަތް މީހެއްނަމަ މިކަމާ ހެދި މަލާމާތް ކުރާނެ ކަމަށެވެ. 55000 މީހުންގެ މި ސްޓޭޑިއަމަށް އިނގިރޭސި ވިލާތުން 2000 މީހުން ވަނީ ގޮސްފަ އެވެ. އެމީހުން ރޭގެ މެޗަށް ފަހު ފުރަން ޓިކެޓް ނަގާފައިވާތީވެ، މެޗު ލަސްކުރުމުން ވަނީ ދަތިތަކާ ކުރިމަތިވެފަ އެވެ.