17 Oct 2012, 11:03
ފުލުހުންގެ ވަޒީފާ އަށް އިތުރު ބަޔަކު ވައްދަން ފުލުސް އޮފީހުން އަނެއްކާ ވެސް އިއުލާންކޮށްފި އެވެ.
ފެބުރުއަރީ ހަތެއްގައި ވެރިކަން ބަދަލުވުމަށް ފަހު ފެބުރުއަރީ މަހުގެ ތެރޭގައި 21 ފުލުހަކު ވަނީ ފުލުހުންގެ ވަޒީފާ އަށް ވައްދައިފަ އެވެ. އަދި ހަމަ އެ މަހުގެ މެދުތެރޭގައި ފުލުހުންގެ ވަޒީފާ އަށް އިތުރު 200 މީހަކު ނެގުމަށް އިއުލާންކުރި އެވެ.
ސަރުކާރުގެ ގެޒެޓްގައި މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ "ޕޮލިސް ކޮންސްޓެބުލް"ގެ މަގާމަށް މީހުން ބޭނުންވާ ކަމަށެވެ. ފުލުހުންގެ ވަޒީފާ އަށް ޝައުގުވެރިވާ ފަރާތްތަކުން މި މަސް ނިމުމުގެ ކުރިން ވަޒީފާ އަށް އެދޭ ފޯމު ހުށަހެޅުމަށް ވެސް ވަނީ އެދިފަ އެވެ.
ފުލުހުންގެ، ސަބް އިންސްޕެކްޓާ ހަސަން ހަނީފު މިއަދު ވިދާޅުވީ އިތުރު ފުލުހުން ވަޒީފާ އަށް ވައްދަނީ ފުލުހުންގެ ތެރޭގައި ހުސްވެފައިވާ ބައެއް މަގާމުތަށް ހުރުމުން ކަމަށާއި ވަޒީފާ އަށް އެދޭ ކުދިންގެ ތެރެއިން ރަނގަޅު ކުދިން ހުސް ޖާގަތަކަށް ނަގާނެ ކަމަށެވެ. ނަމަވެސް ފުލުހުންގެ ތެރެއިން ހުސްވެފައި ވަނީ ކިތައް ޖާގަ ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
ޕޮލިސް ކޮންސްޓެބުލް، އެންމެ ދަށް ރޭންކްގެ ބޭސިކް މުސާރައަކީ 4650ރ. އެވެ. އަދި ފުލުހުންނަށް ލިބޭ އެހެނިހެން އެލަވަންސްތަކާ އެކު އެ ރޭންކަށް އެވްރެޖްކޮށް 8000ރ. އާއި 9،000ރ. ދޭތެރޭގެ އަދަދެއް ލިބޭނެ އެވެ. ފުލުހުންގެ ވަޒީފާ އަށް ވައްދަނީ އުމުރުން އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ މީހުންނެވެ.