17 Oct 2012, 10:34
ފުލުހަކަށް ހަމާލާދިން ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ)ގެ މައްޗަށް ދައުލަތުން ކުރި ދައުވާ އަށް އޭނާ އިންކާރު ކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ މި އަހަރުގެ ޖުލައި 30 ވަނަ ދުވަހުގެ ހަވީރު 5:45 އެހާކަންހާއިރު، އެމްޑީޕީ އަށް ތާއީދުކުރާ ގިނަ ބަޔަކު ސައިކަލްތަކުގައި ކޮލިގޭ އުމަރު މަނިކު ގޯޅިން ވަންވޭއާ އިދިކޮޅަށް އޯކިޑްމަގަށް ނުކުންނަން ދިޔުމުން އެ ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވި ފުލުހުން އެ ސައިކަލްތައް ހުއްޓުވައި، ސައިކަލްތައް ދުއްވި މީހުންގެ ލައިސަންސް ދިނުމަށް އެންގި ކަމަށެވެ.
ދައުލަތުގެ ވަކީލާ ވިދާޅުވީ ލައިސަންސް ދިނުމަށް އެންގުމުން ސައިކަލެއްގެ ފަހަތުގައި އިނދެ ކޮޅަށް ދެތުވެ، އެއްވެސް މީހަކު ފުލުހުންނަށް ލައިސަންސް ކާޑު ދީގެން ނުވާނެ ކަމަށް ބުނެ ހަޑިހުތުރު ބަހުން ފުލުހުންނާ މުއާމަލާތްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ބޮންޑާ ހުރަސްއަޅާފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ސައިކަލުން ފައިބައިގެން ގޮސް ފުލުހުންގެ ކުރިމައްޗަށް އަރައި ފުލުހުންނަށް ފުރަގަސް ދިނުމަށް ފަހު އޭނާގެ ހަށިގަނޑު ބޭނުންކޮށްގެން ފުލުހުން ފަހަތަށް ކޮއްޕަން މަސައްކަތް ކުރުމުން އެގޮތަށް އަމަލު ނުކުރުމަށާއި ރުޅި އިސް ނުކުރުމަށް އެތަނުގައި ތިބި ފުލުހުން އޭނާ އަށް ނަސޭހަތްތެރިވި ކަމަށް ވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ފުލުހުން ފަހަތަށް ކޮއްޕަން މަސައްކަތް ނުކުރުމަށާއި ރުޅި އިސްނުކުރުމަށް ނަސޭހަތްތެރިވަމުން ދަނިކޮށް އެތަނުގައި ހުރި ފުލުހެއްގެ މޭމަތީގައި އޭނާ ޖެހިތަން ދުށްކަމަށް އެވަގުތު އެ ސަރަހައްދުގައި ތިބި ތިން ފުލުހަކު ބުނެފައިވާ ކަމަށް ވެސް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.
ދައުވާ އިއްވުމުން ދައުވާ އަށް އިންކާރުކުރެއްވުމަށް ފަހު ބޮންޑާ ވިދާޅުވީ އެ މައްސަލައިގައި އޭނާގެ ފަރާތުން ވަކާލާތު ކުރެއްވުމަށް ރާއްޖެ އިން ބޭރުން ވަކީލަކު ގެންނަން ބޭނުންވާ ކަމަށެވެ.
ވަކީލަކު އައްޔަން ކުރަން އެދުމުން ގާޒީ ވިދާޅުވީ ތިން ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖައްސަން ޖެހޭނެ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ ތިން ދުވަހުގެ ތެރޭގައި ރާއްޖެ އިން ބޭރުން ވަކީލަކު ނުގެނެވޭނެ ކަމަށާއި އެކަމަށް އިތުރު މުއްދަތެއް ބޭނުންވާ ކަމަށެވެ.
ގާޒީ ވިދާޅުވީ ގަވާއިދުގައި ވާގޮތުން ވަކީލަކު އައްޔަން ކުރަން ދެވޭނީ ތިން ދުވަހުުގެ ފުރުސަތެއް ކަމަށާއި އެހެންކަމުން ތިން ދުވަހުގެ ތެރޭގައި ވަކީލަކު އައްޔަން ކުރަން ޖެހޭނެ ކަމަށެވެ.
ދައުލަތުން ކޮށްފައިވާ ދައުވާ އަކީ ސިޔާސީ ދައުވާ އެއްކަމަށާއި ފެބްރުއަރީ އަށް ވަނަ ދުވަހު ފުލުހުން އޭނާ އަށް އަނިޔާކުރި މައްސަލަތައް ފުލުހުންނަށް ހުށަހަޅާފައި ވީނަމަވެސް ފުލުހުން އެ މައްސަލަތައް ނުބަލާ ކަމަށް ވެސް ޝަރީއަތުގައި ބޮންޑާ ވިދާޅުވި އެވެ.
ފުލުހުންގެ ގާނޫނުގެ 75 ވަނަ މާއްދާގައި ބުނަނީ އެފަދަ ދައުވާއެއް ސާބިތުވެއްޖެ މީހެއްގެ އަދަބަކީ 12000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ނުވަތަ 12000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމާ އެކު ހަ މަސް ދުވަހަށް ވުރެ ދިގުނޫން މުއްދަތަކަށް ޖަލަށް ލުން ކަމަށެވެ.