17 Oct 2012, 10:19
ރާއްޖޭގެ އިގްތިސޯދުގެ ހާލަތު ދެނެގަތުމަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރު މުޅި ރާއްޖޭގައި ކުރާ، އިކޮނޮމިކް ސާވޭ މުޅި ރާއްޖޭގައި އިއްޔެ ފަށައިފި އެވެ.
ޕްލޭނިން ޑިޕާޓްމަންޓުން ބުނީ އިގްތިސޯދާ ގުޅޭ ގޮތުން އެއްކުރަން ޖެހޭ މުހިންމު ތަފާސްހިސާބުތައް އެއްކުރާ އެ ސާވޭ އަންނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ.
އެ ސާވާ ބިނާވެފައި ވަނީ ތިން ބައެއްގެ މައްޗަށެވެ. އެއީ ރާއްޖޭގައި ހިންގާ އިގްތިސޯދީ މަސައްކަތްތައް ކުރާ ތަންތަނުގެ މައުލޫމާތު ނެގުމާއި އެ ތަންތަނުގެ އަސާސީ ހިސާބުތަށް އެއްކުރުމާއި އަދި ހޮވާލެވޭ ތަންތަނުގެ މައުލޫމާތުތަށް އެއްކުރުމެވެ.
ޑޕާޓްމަންޓުން ބުނީ އެ ސާވޭގައި އެއްކުރެވޭ މައުލޫމާތުތަށް ބޭނުންކުރާނީ ރާއްޖޭގެ އުފެއްދުންތެރިކަން މިންކުރުމާއި އަދިވެސް އިގްތިސޯދީ އެކި ދާއިރާތަކުން ކުރެވޭ ދިރާސާތަކުގައި ކަމަށެވެ. އަދި ރާއްޖޭގެ ޖީޑީޕީ ރިބޭސް ކުރުން އަދި އިގްތިސޯދަށް އެންމެ ބޮޑު ހިއްސާއެއް ކުރާ ދާއިރާތަށް ދެނެގަތުމުގައި އެ ސާވޭގެ ހިސާބުތަށް ބޭނުންކުރަން ވަނީ ނިންމައިފަ އެވެ.
އިގްތިސޯދީ ހާލަތު ދެނެގަތުމުގެ ގައުމީ ސާވޭ ކުރިއަށް ގެންދަނީ ޖީޑީޕީގައި އިންޑަސްޓްރީތަކުން ހިއްސާ ކުރާ މިންވަރު ދެނެގަތުމަށެވެ. އިގްތިސޯދުގެ ގައުމީ ސާވޭ އެއް މީގެ ކުރިން ކުރިއަށް ގެންގޮސްފައިވަނީ 2007 ން 2008 އަށެވެ.