ސައިކަލެއް ވަގަށް ނެގި މައްސަލައެއްގެ ތަހުގީގު ނިންމައި ދަޢުވާ ކޮށްދިނުމަށް ޕީޖީއަށް ފޮނުވައިފި އެވެ.

ދަޢުވާ ކޮށްދިނުމަށް އެދި މިމަހުގެ އަށް ވަނަ ދުވަހު ޕީޖީއަށް ފޮނުވާފައި ވަނީ މއ. ނޫރުޒޭރު ހުސައިން ޝިފާޢު ޖަމީލު 19،ގެ މައްޗަށެވެ.

ހުސައިން ޝިފާޢުގެ މައްޗަށް ދަޢުވާ ކޮށްދިނުމަށް އެދިފައި ވަނީ މިދިޔަ އަހަރުގެ ޖޫން 25 ވަނަ ދުވަހުގެ ދަންވަރު، ނިކަގަސް ހިނގުމުގައި ޕާކް ކޮށްފައި ހުރި ސައިކަލެއްގެ ތަޅު ހަލާކު ކޮށްލައިގެން ވަގަށް ނެގި މައްސަލައިގަ އެވެ. ފުލުހުން ބުނީ އޭނާ ހިފަހައްޓާފައި ވަނީ އަމީނީމަގު ބަނޑޭރިކޮށި ކުރިމަތީ ގޯޅިގަނޑު ތެރެއިން ދަނިކޮށް، އެވަގުތު މާލެތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ފެނިގެން ކަމަށެވެ.

އޭނާ އަކީ ވައްކަމާއި މާރާމާރީގެ އިތުރުން މަސްތުވާތަކެތީގެ މައްސަލަތަކުގެ ގިނަ އަދަދެއްގެ ރެކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ.

ޝިފާއު އަކީ މަޗް 19 ވަނަ ދުވަހު ވީޓީވީ އަށް ގާއުކި މައްސަލައިގައި ވެސް ދައުލަތުން ދައުވާ ކުރާ މީހެކެވެ.