އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ އެމްބެސެޑަރު މިޝޭލް ސިސޯން އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުންނާއި އެ ކައުންސިލުގެ ސެކްރެޓޭރިއަޓާ އިއްޔެ ބައްދަލުކުރައްވައިފި އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަބުދުﷲ ޞާދިގު (ސޯބެ) ވިދާޅުވީ އެމްބެސެޑަރު ސިސޯން އައްޑޫ ސިޓީ ކައުންސިލާއި ސެކްރެޓޭރިއަޓާ އިއްޔެ ބައްދަލުކުރެއްވި ކަމަށެވެ.

އޭނާ ވިދާޅުވީ އެމްބެސެޑަރު ސިސޮން ސިޓީ ކައުންސިލަށް ޒިޔާރަތް ކުރެއްވީ "ކޮކްނަޓް ގްރޯވް 2012"ގެ ނަމުގައި އައްޑޫ ސިޓީގައި ދިވެހި ސިފައިންނާއި އެމެރިކާ ސިފައިން ގުޅިގެން ކުރިއަށް ގެންދިޔަ ތަމްރީނުތަކުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ހަފުލާގައި ބައިވެރިވެވަޑައިގެންނެވުމަށް ޓަކައި އައްޑޫ ސިޓީއަށް ވަޑައިގެން އުޅުއްވަމުން ކަމަށެވެ.

އެމެރިކާ އިން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާ ކުރުމަށް ކަމަށާއި އެމެރިކާގެ މެރިންސްއާއި ދިވެހި ސިފައިން ގުޅިގެން ހެދި ތަމްރީނުތަކަކީ ވެސް އެމަސައްކަތްތަކުގެ ތެރޭގައި ހިމެނޭ މަސައްކަތްތެއް ކަމަށް ސިސޮން ވިދާޅުވި ކަމަށް ވެސް ސޯބެ ވިދާޅުވި އެވެ.

އަދި ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލުގެ ހުރި ކަންބޮޑުވުންތައް އެމްބެސެޑަރަށް ހުށައެޅި ކަމަށާއި ފެބްރުއަރީ ހަތެއްގައި ރާއްޖޭގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތުގެ ސަބަބުން އައްޑޫ ސިޓީގެ ތަރައްގީއަށް ފަށާފައި ހުރި މަޝްރޫއުތައް ހުއްޓިފައި ހުރި ވާހަކަ އޭނާ އަށް ދެންނެވި ކަމަށެވެ.

"އަޅުގަނޑުމެން ދެންނެވިން ފެބްރުއަރީ ހަތެއްގައި ރާއްޖޭގެ ވެރިކަން ބަދަލުވީ ފަހުން އައްޑޫ ސިޓީގެ ތަރައްގީ އަށް ފަށާފައި މަޝްރޫއުތައް ހުއްޓިފައި ހުރި ވާހަކަ. އަދި އެ މަޝްރޫއުތައް އަލުން ކުރިއަށް ދާނީ ރާއްޖޭގައި އިންތިހާބެއް ބޭއްވިގެން ކަމަށް ވެސް ވެސް ދެންނެވިން. އަދި އެކަމަށް އެމެރިކާ އިން އެހީތެރިވެދިނުމަށް އެދޭ ކަމަށް ވެސް ދެންނެވިން،" ސޯބެ ވިދާޅުވި އެވެ.

"ރާއްޖޭގައި އިންތިހާބެއް ބޭއްވުމުގެ އިންތިޒާމު މިހާރު ވެސް ވަނީ ހަމަޖެހިފައެއް ނޫންހޭ" ސިސޮން ވިދާޅުވި ކަމަށާއި އެ އިންތިހާބު މިނިވަން އިންސާފު ވެރި އިންތިހާބަކަށް ހެދުމަށް އެމެެރިކާ އިން މަސައްކަތް ކޮށްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި ކަމަށް ސޯބެ ވިދާޅުވި އެވެ.

އަދި ހަތެއް ފެބްރުއަރީގައި ވެރިކަން ބަދަލުވުމާ ގުޅިގެން އައްޑޫ ސިޓީގައި ހިނގައި ދިޔަ ހަމަނުޖެހުންތަކާ މެދު ހިތާމަކުރައްްވާ ކަމަށާއި ނަމަވެސް އެކަމާ ގުޅިގެން ދައުވާތައް ކޮށްފައި ވަނީ ސިޔާސީ ކުލަޖެހިފައިވާ ގޮތަކަށް ކަމަށާއި އެކަމާ ގުޅިގެން އައްޑޫ ސިޓީގެ އެމްޑީޕީގެ އިސްފަރާތްތަކާއި ކައުންސިލްގެ ބައެއް މެމްބަރުންނާ ދެކޮޅަށް ދައުވާކޮށްފައިވާ ވާހަކަ ވެސް ސިސޮން އަށް ދެންނެވި ކަމަށް ސޯބެ ވިދާޅުވި އެވެ.