ނިޔުޔޯކް (އޮކްޓޯބަރ 17):ސޫރިޔާ ސަރުކާރުން އެޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށް ސޫރިޔާގެ އިންސާނީ ޙައްޤުތަކުގެ މައްސަލަތައްބަލާ އދ.ގެ މުސްތަޤިއްލު ކޮމިޓީން ބުނެފި އެވެ.

މިކޮމިޓީގެ ރައީސް ޕާވްލޯ ބިނީރޯ ނިޔުޔޯކްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސޫރިޔާގެ ސަލާމަތީ ބާރުތަކުން އެ ޤައުމުގެ ބޮޑެތި މީހުންނާއި ކުޑަކުދިންގެ ޙައްޤުގައި ޖިސްމާނީ އަދި ޖިންސީ ޖަރީމާތަކެއް ހިންގާފައިވާ ކަމުގަ އެވެ. މިއީ ހަނގުރާމައިގެ ޖަރީމާ ކަމަށް ބެލެވޭނެ ޖަރީމާ ތަކެއްކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސޫރިޔާ ސަރުކާރުން އެޤައުމުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ ކަމަށް އދ.ގެ މުސްތަޤިއްލު ކޮމިޓީން ބުނާ ޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި ޝަރީޢަތަކާނުލާ ހައްޔަރުކުރުމާ ކުޑަކުދިންނަށާއި އަންހެނުންނަށް ޖިންސީ ގޯނާކުރުން ހިމެނެ އެވެ. މިކަމާ ބެހޭ ރިޕޯޓެއް މިކޮމިޓީން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅާފަ އެވެ.

އދ.ގެ ކޮމިޓީގެ ރައީސް ޕާވްލޯ ބިނީރޯ ވިދާޅުވީ ސޫރިޔާގެ ސަލާމަތީ ބާރުތަކުގެ އިތުރުން އެޤައުމުގެ އިދިކޮޅު ހަނގުރާމަވެރިންނާއި ސޫރިޔާ ސަރުކާރަށް ތާއީދުކުރާ ޝައްބީޙާ މިލީޝިޔާއިން ވެސް ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމުގަ އެވެ. މިކޮމިޓީ ބުނާގޮތުން ސޫރިޔާގެ އަހްލީ ހަނގުރާމައިގެ ސަބަބުން އެޤައުމުގެ ޢާންމުންވަނީ ވަރަށް ބޮޑަށް ޙާލުގައި ޖެހިފަ އެވެ. މިގޮތުން ގެދޮރު ދޫކޮށް ރެފިއުޖީންގެ ގޮތުގައި އެކިތަންތަނުގައި ވަރަށް ނިކަމެތި ޙާލުގައި ސޫރިޔާގެ 2.5 މިލިޔަން މީހުން ދިރިއުޅެމުންގެންދާކަން އެކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ. މީގެތެރެ އިން ގިނަ ބަޔަކު ދިރިއުޅެނީ ސޫރިޔާގެ އެތެރޭގަ އެވެ. (އަލްޖަޒީރާ)