20:23


ރިހިބެލިޓޭޝަން ޕްރޮގްރާމް ދަށުން ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައި ހުރި މީހަކާއި 25 އަހަރުގެ ޖަލު ހުކުމެއްގައި ހުރެ ވަކި ސަބަބެއް ފުލުހުންނަށް ވެސް ނޭނގި ދޫކޮށްލާފައި ހުރި ދެ މީހަކު މަސްތުވާތަކެތީގެ މައްސަލައެއްގައި ސ. ހުޅުދޫގައި އަނެއްކާ ވެސް ހައްޔަރުކޮށްފި އެވެ.  


ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހުޅުދޫ، އެވަލާސްޓް ގޭގެ ތެރެއިން ހައްޔަރުކުރީ އެރަށު ރަންކޮކާގޭ އުމުރުން 26 އަހަރުގެ ޝިމާޒު މުހައްމަދާއި ހަމަ އެރަށު ރަންހާރުގޭ އުމުރުން 35 އަހަރުގެ މުހައްމަދު އަސްލަމް ކަމަށެވެ. އަދި އެގެ އަކީ އެތަނުން އެކަކުގެ ތިމާގެ ބައެއް ދިރިއުޅޭ ގެއެއް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


އޮފިޝަލު ވިދާޅުވީ އެ ދެ މީހުންނަކީ މީގެ ކުރިންވެސް މަސްތުވާތަކެތީގެ ކުށުގެ ހުކުމެއް ތަންފީޒު ކޮށްފައިވާ ބައެއް ކަމަށެވެ. އެގޮތުން ޝިމާޒަކީ 2005 ވަނަ އަހަރު 12 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ހުއްޓާ ރިހިބެލިޓޭޝަން ޕްރޮގްރާމްގެ ދަށުން ފަރުވާ ހޯދުމަށް ފަހު ދޫކޮށްލާފައިވާ މީހެއް ކަމަށެވެ. އަދި އަސްލަމަކީ 2004 ވަނަ އަހަރު 25 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައި ހުއްޓައި، ފުލުހުންނަށް ވެސް ވަކި ސަބަބެއް ނޭންގި ދޫކޮށްލާފައި ހުރި މީހެއް ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ އަސްލަމް ހައްޔަރުކޮށްފައި ވަނީ އެ ގޭގެ ކޮޓަރިއެއްގެ ތެރޭގައި މަސްތުވެގެން ހުރި ކަމަށް ޝައްކު ކުރެވިގެން ކަމަށެވެ. އަދި އެ ކޮޓަރިތެރެ ބަލާ ފާސް ކުރިކުރުމުން އެތަނުން އެކަކު ބަލާފައި އޮތް ޖިންސެއްގެ ޖީބުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. ފުލުހުންގެ އޮފިޝަލު ވިދާޅުވީ ޝިމާޒު ހައްޔަރުކޮށްފައި ވަނީ އެގޭގެ ބަދިގެ ތެރޭގައި ހުއްޓާ ކަމަށެވެ.


ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ ދެ މީހުންނަކީ އެރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ވެސް ކުރަމުންދާ ބައެއް ކަމަށާއި އަދި މަސްތުވާތަކެތީގެ ކުށުގެ ރިކޯޑް ވެސް އޮންނަ ބައެއް ކަމަށެވެ.