ރ. އުނގޫފާރު ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދެވި ޑރ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލުމާ އެކު އެ ދާއިރާގެ ގޮނޑިއަށް މެންބަރަކު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަން އަންނަ ޑިސެމްބަރު މަހު ބާއްވާނެ އެވެ.
އެއާ އެކު އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރުމަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީން "ފައި ނަގާފައިވާ އިރު" އަފްރާޝީމް ނިސްބަތްވެވަޑައިގެންނެވި ޕީޕީއެމުން ވެސް އެ ގޮނޑި ދިފާއުކުރުމަށް ނުކުންނާނެ ކަން ވަނީ އިއުލާންކޮށްފަ އެވެ.

އެންމެ ބޮޑު ދެ ސިޔާސީ ޕާޓީ އިން އެ ގޮޑިއަށް ވާދަކުރާ އިރު އެ ބައި އިލެކްޝަން ވާނީ ވާދާވެރި އިންތިހާބަކަށްކަން ކަށަވަރުކުރެވެ އެވެ. މިހާރު ގިނަ ބައެއްގެ ސުވާލަކީ އެ ގޮނޑި ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ ކޮން ޕާޓީއަކަށް ބާ އެވެ؟

މައުލޫގައި ބަހުސްކުރާ އިރު ޑރ. އަފްރާޝީމް އިންތިހާބު ކާމިޔާބު ކުރެއްވި ވޯޓުގެ ތަފްސީލްތަކަށް ބަލަން ޖެހެ އެވެ. އޭރު ޑީއާރުޕީގެ ޓިކެޓްގައި ޑރ. އަފްރާޝީމް އުނގޫފާރުގޮނޑި ކަށަވަރު ކުރެއްވީ ގިނަ ކެންޑިޑޭޓުންތަކަކާ ވާދަކުރައްވައިގެންނެ އެވެ.

އެމްޑީޕީގެ ޓިކެޓްގައި މިފަހަރު ވެސް ކުރިމަތިލެއްވި ޑރ. އަހްމަދު އަޝްރަފް އަލީ އެފަހަރު ވެސް އަފްރާޝީމްއާ ވާދަކުރެއްވި އެވެ. އަޝްރަފްގެ މައްޗަށް އަފްރާޝީމް ކާމިޔާބު ހޯއްދެވީ 40 ވޯޓުގެ ތަފާތުންނެވެ. އަމިއްލަ ތިން ކެންޑިޑޭޓުންނާއި ގައުމީ ޕާޓީންނާއި ޑީއާރުޕީ ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީ ކުރިމަތިލި އެ ގޮނޑި އެމްޑީޕީއަށް ގެއްލިފައި ވަނީ ކުޑަ ތަފާތަކުން ކަމަށްވާއިރު އެގޮނޑި އެމްޑީޕީއަށް ލިބުމަކީވެސް ވުން ކައިރި ކަމެކެވެ.

އުނގޫފާރާއި ހުޅުދުއްފާރު އަދި މާކުރަތުގެ މައްޗަށް އެކުލެވިގެންވާ އެ ދާއިރާގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ 2600 އަށް ވުރެ ގިނަ މީހުން ތިބީއިރު އުނގޫފާރުގެ އެމްޑީޕީ އެކްޓިވިސްޓުން ގަބޫލުކުރަނީ ކުޑަ މަސައްކަތަކުން އުނގޫފާރު ގޮޑި އެ މީހުންނަށް މިލްކުކުރެވޭނެ ކަމަށެވެ.

ނަމަވެސް އެ ދާއިރާގެ ސިޔާސީ ފޯކާސްޓެއް ލަފާކޮށްލަން އެހާ ފަސޭހައެއް ނުވާނެ އެވެ. އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުތަކުގައި ވެސް ފޯމޭޝަން އެތުރިފައި އޮތް ގޮތުންނެވެ. އެއީ އުނގޫފާރު ދާއިރާގެ ރަށު ކައުންސިލްގެ ހުރިހާ ގޮނޑިއެއް ޑީއާރުޕީން ކާމިޔާބު ކޮށްފައިވާ އިރު އެ ދާއިރާގެ ހުޅުދުއްފާރު ރަށު ކައުންސިލްގެ ހުރިހާ ގޮޑި ކާމިޔާބު ކޮށްފައި ވަނީ ކުރީ އެމްޑީޕީންނެވެ. އަދި މާކުރަތު ރަށު ކައުންސިލްގެ ހަތަރު ގޮނޑި އެމްޑީޕީ އަށް އަދި އެއް ގޮޑި ލިބުނީ ޑީއާރުޕީއަށެވެ.

އެއީ 2009 ގައި ބޭއްވުނު ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ފަހުން ނެގުނު ރައްޔިތުންގެ ސީދާ ވޯޓަށްވާ އިރު އެ ދާއިރާގެ ޕާޓީތަކުގެ ފޯމޭޝަން އެ ވޯޓުގައި އެތުރުނު ގޮތުން އަންނަ އިންތިހާބު ވެސް ލަފާކުރަން އުނދަގުލެވެ.
ޕީޕީއެމް ޓިކެޓްގައި ވާދަކުރާނެ ފަރާތެއް އަދި ކަށަވަރު ނުވާއިރު ޑރ. އަފްރާޝީމްގެ ކޮއްކޮ އިބްރާހިމް އަމީނު ވަނީ އެ ޓިކެޓަށް ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އެއީ ޕީޕީއެމްގެ ގިނަ ފަރާތްތަކެއްގެ ހިޔާލު ހުރީ އަފްރާޝީމްގެ އާއިލާގެ ބޭފުޅަކަށް އެ ގޮޑީގެ ޓިކެޓް ދިނުމަށެވެ.

އެއީ އެ ގޮނޑި ހުސްވުމުގެ ސަބަބަކަށް އަފްރާޝީމް އަވަހާރަކޮށްލުން ހިމެނޭ އިރު އެ ކޮޑީގެ ވަށައިގެން އެނބުރޭ އެހެން ސަބަބުތަކާ ވެސް އެކު އެ ޕާޓީން ވިސްނާ ވިސްނުމެކެވެ.

ޑރ. އަފްރާޝީމަށް ކުރިން ވޯޓް ދީފައިވާ ފަރާތްތަކުން މި ފަހަރު އަފްރާޝީމްގެ ކޮއްކޮ ޕީޕީއެމް ޓިކެޓް ނިކުތުމުން ވޯޓް ނުދޭންވީ ސަބަބެއް ނެތް ކަމަށް އުނގޫފާރު ދާއިރާގެ ޕީޕީއެމް އެކްޓިވިސްޓުން ގަބޫލުކުރެ އެވެ. އެ ކެންޑިޑޭޓް ފެއިލް ވުމުގެ ޖާގައެއް ނެތް ކަމަށް އެ މީހުން ތިބީ ގަބޫލުކޮށްގެންނެވެ.

އުނގޫފާރު ރަށު ކައުންސިލް މެންބަރަކު ވިދާޅުވީ އެރަށުގެ މެޖޯރިޓީ ޕީޕީއެމްގެ ކެންޑިޑޭޓަށް ލިބޭނެ ކަމުގެ ވަރަށް ބޮޑު ޔަގީން ކަމެއް އެބަ އޮތް ކަމަށާއި އެދާއިރާގައި ހިމެނޭ ހުޅުދުއްފާރުންނާއި މާކުރަތުން ވެސް މެޖޯރިޓީ ވޯޓު ޕީޕީއެމްއަށް ދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ޔަގީން އެންމެ ގިނަ ވޯޓް ޕީޕީއެމްގެ ކެންޑިޑޭޓަށްކަން ލިބޭނީ. އަދި ދެން އޮތް ދެ ރަށުން ވެސް އަޅުގަނޑު ޔަގީންކުރަން ފުދޭ ވަރަށް ލިބޭނެ ކަމަށް،" ކައުންސިލަރު ވިދާޅުވި އެވެ.

މާކުރަތަށް ނިސްބަތްވާ އެމްޑީޕީ ކައުންސިލް މެންބަރަކު ވިދާޅުވީ އެ ރަށުގެ ވޯޓު އެމްޑީޕީ އާއި ޕީޕީއެމް އާއި ދެމެދު ގާތްގަނޑަކަށް ހަމަ ހަމަ ވާނެ ކަމަށެވެ. އެހެންކަމުން އެ ގޮޑި ކާމިޔާބު ކުރާނެ ފަރާތެއް ކުރިން ބުނަން ނޭނގޭނެ ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ މި ރަށުން ހަމަ ހަމަ ހެން ވާނީ. އެމްޑީޕީއާ ޕީޕީއެމްއާ ދެމެދު ވޯޓުގެ ތަފާތުގައި. އެހެންވީމަ ކާމިޔާބު ކުރެވޭނެ ބައެއް ލަފާކޮށްލާފައި ވެސް ބުނަން ނޭނގެ،" ކައުންސިލް މެންބަރު ވިދާޅުވި އެވެ

ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އުނގޫފާރު ދާއިރާގެ ގޮނޑި ޕީޕީއެމް އިން ކާމިޔާބު ކުރާނެ ކަމާމެދު އެއްވެސް ޝައްކެތް އެޕާޓީން ނުކުރާ ކަމަށެވެ.

އަދި ވިދާޅުވީ މީގެކުރިން ބޭއްވި އެދާއިރާގެ އިންތިހާބު ކުޑަ ތަފާތަކުން އަފްރާޝީމް ކާމިޔާބު ކުރެއްވި ނަމަވެސް މިފަހަރު އެ އިންތިހާބު ބޮޑު ތަފާތަކުން ޕީޕީއެމް ކާމިޔާބު ކުރާނެ ކަމަށެވެ.

"ކުރިން ގިނަ ކެންޑިޑޭޓުން ތަކެއް ކުރިމަތިލައިގެން ވޯޓު ވަރަށް ބޮޑަށް ބެހިގެންދިޔަ. އެކަމުން މި ފަހަރު އެ އިންތިހާބު ކުރަނީ ޕީޕީއެމް ކަމަށްވާތީ އަޅުގަނޑުމެނަށް ވަރަށް ސާފުކޮށް އިނގޭ ޕީޕީއެމް ބޮޑު އަގުލަބިއްޔަތުން ނަގާނެ ގޮނޑި ކާމިޔާބު ކުރާނެކަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އެމްޑީޕީން ވެސް އެވާހަކަތަކަށް ރައްދު ދެނީ އުއްމީދުއާއެކުގަ އެވެ. ޕީޕީއެމް ބަލިކުރެވޭނެ ކަމަށް ބުނެ އެވެ.

"އަޅުގަނޑުމެން އުނގޫފާރުން ބޮޑު މެޖޯރިޓީއެއް ނުލިބުނަސް ހުޅުއްދުއްފާރުންނާއި މާކުރަތުން މެޖޯރިޓީ ހޯދާނަން،" އުނގޫފާރުގެ އެމްޑީޕީ އެކްވިސްޓެއް ބުންޏެވެ.

ޕީޕީއެމްގެ ޓިކެޓަށް އެދިފައިވާ އަފްރާޝީމް ކޮއްކޮ އަމީން ބުނީ އޭނާ ޕީޕީއެމް ޓިކެޓަށް އެދުނީ އެގޮޑި ޕީޕީއެމް ޓިކެޓްގައި ކާމިޔާބު ކުރެވޭނެ ކަމަށް ގަބޫލުކުރެވޭތީ އެވެ.

އެހެން ކަމުން އުނގޫފާރު ދާއިރާގައި ތިބި 2600 ވުރެ ގިނަ މީހުންގެ މައްޗަށް ބޭއްވޭ ބައި އިލެކްޝަނުގެ ނަތީޖާއަކީ މި ފަހުގެ ސިޔާސީ ފޯމޭޝަން ރ. އަތޮޅުގައި އެތުރިފައިވާ ގޮތް ލަފާކުރެވޭނެ ރަނގަޅު މިންގަނޑެކެވެ. ރާއްޖޭގައި ސިޔާސީ ގޮތުން އޮތް މައި ދެ ޕާޓީއަށް ވެސް އުނގޫފާރު ދާއިރާގައި ފެންނަނީ ހަނި ފުރުސަތުތަކެވެ. ސިޔާސީ ތިލަފަތުން މިނާނަމަ ކާމިޔާބީގެ ފުރުސަތު ފެންނަނީ ހަމަހަމަކޮށެވެ.