17 Oct 2012, 07:30
ހިތް ހުއްޓުމުގެ މައްސަލަ ކުރިމަތިވާ ޒުވާނުންނާއި މެދުއުމުރުގެ މީހުންނަށް ހިތުގެ ބަލި ޖެހޭ ނިސްބަތް އިތުރުވަމުންދާކަމަށް ކަމާ ބެހޭ ދިރާސާއަކުން ހާމަވެއްޖެ އެވެ.
އެމެރިކާގައި ނެރޭ މެޑިކަލް މަޖައްލާއެއް ކަމަށްވާ "ނިއުރޮލޮޖީ" ގައި ޝާއިޢުކޮށްފައިވާ ދިރާސާއެއްގައި ބުނަނީ އެމެރިކާގެ އޮހާޔޯ އާއި ކެންޓަކީގައި ހިތް ހުއްޓުމުގެ މައްސަލަ އާއި ކާޑިއޮކް ސްޓްރޯކް ނުވަތަ ހިތުގައި ލޭކޮޅެއް ގަނޑުވުމުގެ މައްސަލަ ކުރިމަތިވެފައިވާ 55 އަހަރުން ދަށުގެ މީހުންގެ ނިސްބަތް 1993 އާއި 2005 އަހަރާ ދެމެދު ވަނީ ދެގުނައަށް އިތުރުވެފަ އެވެ.
އޮހާޔޯ އާއި ކެންޓަކީގެ 5900 މީހުން ހިމަނައިގެން ކުރި މި ދިރާސާއިން ހާމަވާ ގޮތުގައި 20 އަހަރުގެ ޒުވާނުންނަށްވެސް ހިތުގެ މައްސަލަތައް (މައިނާ ހާޓް އެޓޭކް ޖެހުމާއި ކާޑިއޮކް ސްޓްރޯކް) ކުރިމަތިވަމުންދާ ނިސްބަތް އިތުރުވަމުން ދެއެވެ. މިގޮތުން 20 އަހަރާއި 54 އަހަރުގެ ކޮންމެ އެއްލައްކަ މީހުންގެ ތެރެއިން 26 މީހަކަށް ހާޓް އެޓޭކް ނޫނީ ކާޑިއޮކް ސްޓްރޯކް ޖެހުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު މި ނިސްބަތް މަތިވެ ކޮންމެ އެއްލައްކަ މީހުންގެ ތެރެއިން 48 މީހަކަށް ހާޓްއެޓޭކް ނޫނީ ކާޑިއޮކް ސްޓްރޯކް ޖެހިފައިވާކަން މިމުއްދަތުގެ ތެރޭގައި ފާހަގަކުރެވިފައިވެ އެވެ.
އެމެރިކާގެ ކަޅު ނަސްލުގެ މީހުންގެ މެދުގައި މިނިސްބަތް މާބޮޑަށް އިތުރުވެފައިވާކަންވެސް މިދިރާސާއިން ހާމަވެ އެވެ. އެ ގޮތުން ކަޅު މީހުންގެ ކޮންމެ އެއްލައްކަ މީހުންގެ ތެރެއިން 83 މީހަކަށް ހާޓްއެޓޭކް ނޫނީ ކާޑިއޮކް ސްޓްރޯކް ޖެހިފައި ވާއިރު މި ނިސްބަތްމަތިވެ ކޮންމެ އެއްލައްކަ މީހުންގެ ތެރެއިން 128 މީހަކަށް ހާޓްއެޓޭކް ނޫނީ ކާޑިއޮކް ސްޓްރޯކް ޖެހިފައިވާކަން މި މުއްދަތުގެ ތެރޭގައި ފާހަގަކުރެވިފައިވާ ކަން މި ދިރާސާއިން ހާމަވެފައިވެ އެވެ.
ޒުވާނުންނާއި މެދު އުމުރުގެ މީހުންނަށް ހިތުގެ މައްސަލަތައް ކުރިމަތިވަމުންދަނީ ދިރިއުޅުމުގެ ވައްޓަފާޅިއަށާއި ކާބޯތަކެއްޗަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން ކަމަށް މި ދިރާސާގައި އިސްކޮށް އުޅުއްވި ޕްރޮފެސާ ބްރިޓް ކިސްލާ ވިދާޅުވެފައިވެ އެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަމުންދާ ބަލުތަކުގެ ތެރޭގައި ޙަރަކާތްތައް މަދުވުމާއި ގިނަ ވަގުތު އިށީންދެ އިނުމާއި ކަސްރަތު ނުލިބުންފަދަ ކަންކަން ހިމެނެ އެވެ. ކާބޯތަކެއްޗަށް އަންނަމުންދާ ބަދަލުތަކުގެ ތެރޭގައި ކޮލެސްޓްރޯލާއި ފެޓް ހިމެނޭ ކާތަކެތި ގިނައިން ކެއުމާއި ފިޒީ ބުއިންތައް ބޭނުންކުރާ މިންވަރު ގިނަވުންވެސް ހިމެނެ އެވެ.
ހިތުގެ ސްޓްރޯކާއި ހިތް ހުއްޓުމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުވާ މައްސަލަތަކުގެ ތެރޭގައި ލޭ މައްޗަށް ދިޔުމާއި ހަކުރު ބައްޔާއި ފަލަވުމުން ހިމެނެ އެވެ. މި މައްސަލަތައް ހުންނަ މީހުންނަށް ހިތުގެ ބަލިތައް ކުރިމަތިވުމުގެ ފުރުސަތު ވަރަށް ބޮޑުކަން ކަމާބެހޭ ސާވޭތަކުން ކުރިންވެސް ހާމަވެފައިވެ އެވެ. (ރޮއިޓާސް)