16 Oct 2012, 23:06
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އިބްރާހިމް މުއްތޮލިބާ ދެމެދު ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކޮށްފި އެވެ.
މަސްވެރިންނަށް ސަބްސިޑީ ދިނުމާ ބެހޭ ގޮތުން މިއަދު މަޖިލީހުގައި ކުރިއަށް ގެންދިޔަ ބަހުސްގައި މުއްތޮލިބަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ މިފަހަކަށް އައިސް ދީނީ އިލްމުވެރިންނާއި އިސްލާމިކް މިނިސްޓްރީ އާއި އަދާލަތު ޕާޓީއާ ބެހޭ ގޮތުން ޖާބިރު ވަރަށް ފާޅުކަން ބޮޑު ގޮތަކަށް އެއްޗެހި ވިދާޅުވެ ވާހަކަދައްކަވަމުން ގެންދަވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށެވެ.
މުއްތޮލިބު ވިދާޅުވީ ދީނީ އިލްމުވެރިންނަށް ނިސްބަތްކޮށް ޖާބިރު އެއްޗެހި ކިޔުއްވާއިރު އެބޭފުޅުންނަކީ ﷲ ސުބުހާނަހޫ ވަތައާލާގެ ރަސޫލާގެ ވަލީވެރިން ކަމަށެވެ.
"އެ އިއްޒަތްތެރި މެމްބަރު ހިލްޓަން ހޮޓަލުން އެއް އަތުން އަނބިކަނބަލުން އަނެއް އަތުން ރާފުޅި ހިއްޕަވައިގެން ނުކުންނެވިއިރު އަޅުގަނޑު ދުށިން، އަޅުގަނޑުމެން އެ ވާހަކައެއް ނުދައްކަން،" މުއްތޮލިބު ވިދާޅުވި އެވެ.
މުއްތޮލިބުގެ ވާހަކަތަކަށް ރައްދު ދެއްވުމަށް ދެ ތިން ފަހަރެއްގެ މަތިން ނިޒާމީ ނުގުތާ ނަންގަވާ މުއްތޮލިބަށް ޖާބިރު ރައްދުދެއްވަން ފެއްޓެވުމުން ނިޒާމީ ނުކުތާ ބަލައިގެނެވޭކަށް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ވެލިދޫ ދާއިރާގެ މެމްބަރު އަލީ މުހައްމަދު ވަނީ ޖާބިރުގެ މައިކުން އަޑު ކަޑާލައްވައިފަ އެވެ.
ޖާބިރު ނިޒާމީ ނުކުތާ ނަންގަވާ ދެއްކެވި ވާހަކަފުޅުގައި މުއްތަލިބު ދެއްކެވި އެވާހަކަތައް ވަނީ ދޮގުކުރައްވައިފަ އެވެ. އަދި ޖާބިރާ ބެހޭ ގޮތުން މުއްތޮލިބު މަޖިލީހުގައި ދެއްކެވި ވާހަކަތަކަކީ އިމްތިޔާޒު ކޮމިޓީން ވަގުތުން ބަލަން ޖެހޭނެ މައްސަލައެއް ކަމަށް ވިދާޅުވެ، އެ މައްސަލަ އިމްތިޔާޒު ކޮމިޓީއަށް ހުށަހަޅުއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.