ބ. އޭދަފުށިން ޑިންގީއެއް ވަގަށް ނަގައިގެން ފަޅުރަށަކަށް ގޮސް ތިބި ތިން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓާ އޮފް ޕޮލިސް ހަސަން ހަނީފް މިރޭ ވިދާޅުވީ ޑިންގީއެއް ގެއްލިގެން ބ. އޭދަފުށިން މިއަދު ހެނދުނު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށާއި އެމައުލޫމާތު ލިބުމާ ގުޅިގެން ޑިންގީގެ ވެރިފަރާތާއި ފުލުހުން ސުވާލު ކުރުމުން އެގިންޑީ ރޭ ދަންވަރު 12 ޖެހިއިރުވެސް އެރަށުގައި އޮތް ކަމަށް ބުނެފައިވާ ކަމަށެވެ.

ހަނީފު ވިދާޅުވީ އެ މައްސަލަ ހުށަހެޅުމާ އެކު އެ ޑިންގީ ހޯދުމަށް ފުލުހުން މިއަދު ހިންގި ހާއްސަ އޮފަރޭޝަނެއްގައި ރ. މީދޫ ކައިރީ އޮންނަ ފެންފުށި ނަމަކަށް ކިޔާ ފަޅުރަށެއްގައި އެ ޑިންގީ އޮއްވާ ފުލުހުން ހޯދާފައިވާ ކަމަށެވެ. އަދި ޑިންގީ ފެނުނު އިރު އޭގައި ތިން ފިރިހެނުން ތިބި ކަމަށާއި މިހާރު އެ އެންމެން ވެސް ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭދަފުށީ ޕޮލިސް ސްޓޭޝަނުން މިހާރު އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.