16 Oct 2012, 18:38
އިންޑިއާ (16 އޮކްޓޯބަރު) – އިންޑިއާގެ މައި ދެ އެއާޕޯޓް ކަމަށްވާ ދިއްލީ އެއާޕޯޓާއި މުމްބާއީ އެއާޕޯޓުން ނަގާ އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ) ނެގުން އަންނަ ޖެނުއަރީ މަހުން ފެށިގެން މަނާކުރަން އެ ގައުމުގެ ސަރުކާރުން ނިންމައިފި އެވެ.
އެ އެއާޕޯޓްތަކުގެ ތެރެއިން އެ ގައުމުގެ މައި އެއާޕޯޓް ކަމަށްވާ ދިއްލީ އެއާޕޯޓް އޮޕަރޭޓް ކުރަނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އޮޕަރޭޓް ކުރާ އިންޑިއާގެ، ޖީއެމްއާރު ކުންފުނިންނެވެ.
އިންޑިއާގެ އެންޑީޓީވީގައި އެ ގައުމުގެ ސިވިލޭވިއޭޝަން މިނިސްޓްރީއާ ހަވާލާދީ ބުނެފައިވަނީ މުމްބާއީ އާއި ދިއްލީ އެއާޕޯޓުން ނަގަމުން އަންނަ އޭޑީސީ ފައިސާ އަންނަ ޖެނުއަރީ އެކަކުން ފެށިގެން ނެގުން ހުއްޓާލާނެ ކަމަށެވެ.
އިންޑިއާ ސަރުކާރުގެ ނިންމުން އެގޮތަށް އައިސްފައި މިވަނީ އެއާޕޯޓް އިންވެސްޓްމަންޓަށް ފަންޑުކުރަން، އޭޑީސީ ނެގުމަކީ ދިއްލީ އެއާޕޯޓް ޖީއެމްއާރާ ހަވާލުކުރަން ސަރުކާރުން ވެފައިވާ އެއްބަސްވުމާއި ހިލާފުކަމެއް ކަމަށް އެ ގައުމުގެ އޮޑިޓާ ޖެނެރަލް ވިދާޅުވެފައިވާ ދުވަސްވަރެއްގަ އެވެ.
ޖީއެމްއާރުން އޮޕަރޭޓް ކުރާ ދިއްލީ އެއާޕޯޓުން އޭޑީސީގެ ގޮތުގައި އިންޑިއާ މީހެއްގެ އަތުން ނަގަނީ 200 ރުޕީސް އެވެ. އަދި މުމްބާއީ އެއާޕޯޓުން ނަގަނީ 100 ރުޕީސް އެވެ. އެހެން ގައުމުތަކުގެ މީހުން އަތުން ދިއްލީ އެއާޕޯޓުން ނަގަނީ 1300 ރުޕީސް އެވެ. އަދި މުމްބާއީ އެއާޕޯޓުން 600 ރުޕީސް އެވެ.
އޭޑީސީ ނެގުން އަންނަ ޖެނުއަރީން ފެށިގެން މަނާ ކުރާއިރު މާލޭ އެއާޕޯޓުން ޖީއެމްއާރުން އޭޑީސީނަގަން މަސައްކަތް ކުރި ނަމަވެސް ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ އޭޑީސީ ނުނެގޭނެ ކަމަށެވެ. ރާއްޖޭގެ އެއާޕޯޓުން ނަގަން ޖީއެމްއާރުން ރާވާފައި ވަނީ އޭޑީސީގެ 25 ޑޮލަރާއި އިންޝުއަރެންސްގެ ދެ ޑޮލަރާއި އެކު 27 ޑޮލަރެވެ.