ކޯޓު ތަކުން ކުރާ ޖިނާއީ ހުކުމްތައް ތަންފީޒު ކުރާ މައި އިދާރާ، ޑިޕާޓްމެންޓް އޮފް ޕެނިޓެންސަރީ އެންޑް ރިހެބިލިޓޭޝަން ސެންޓާ (ޑީޕީއާރުއެސް) އަކީ ގާނުނީ ހައިސިއްޔަތު ވަރަށް ކުޑަ މުއައްސަސާ އެއް ކަމަށާއި އޭގެ ސަބަބުން ހިންގުމުގައި ކުރިމަތިވާ ވަރަށް ބޮޑެތި ގޮންޖެހުން ތަކެއް ހުރި ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ފަޔާޒު ވިދާޅުވެއްޖެ އެވެ.

ޑިޕީއާރުއެސް އަށް 41 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ފަޔާޒު ވިދާޅުވީ ޑީޕީއާރުއެސް އަކީ އެއްވެސް ގާނޫނީ ހައިސިއްޔަތެއް އޮވެގެން ހިންގަމުންދާ މުވައްސަސާ އެއް ނޫން ކަމަށާއި، އެގޮތުން ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަންގެ ބިލްވެސް ރައްޔިތުންގެ މަޖިލީހުގައި އޮންނަތާ ގިނަ ދުވަސް ތަކެއްވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ހުކުމްތައް ތަންފީޒު ނުކުރެވޭ މައްސަލަ އަކީވެސް ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. މި ސަރުކާރުން ހަވާލުވިއިރުވެސް 2،000 އަށް ވުރެ ގިނަ ކުއްވެރިން ޖަލު ހުކުމް ތަންފީޒު ކުރަން ޖެހިފައި ތިބި ކަމަށާއި ނަމަވެސް އޭގެ ތެރެއިން %25 ޕަސެންޓު މީހުންވެސް އޭރު ޖަލުގައި ނެތްކަން ފަޔާޒު ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ އެމީހުން އަނބުރާ ޖަލަށް ގެންނަން ބޮޑެތި މަސައްކަތް ތަކެއް ކުރަން ޖެހުނު ކަމަށާއި، މިކަމުންވެސް މުޖުތަމައުގެ ތެރޭގައި ކުށުގެ ހާލަތު އޮތް މިންވަރު އެނގިގެންދާ ކަމަށެވެ.

"މި މުއައްސަސާ މި ހިނގަނީ ގާނޫނީ ބެލެނިވެރި ކަމުގެ ދަށަކުން ނޫން. އެހެންވީމައި ހުކުމް ތަންފީޒު ކުރަން ވަރަށް ދަތި. ކުއްވެރިން ކުއް ކުރާކަށް ޖެހިލުމެއް ނުވާނެ އެމީހުންނަށް ހައްގު އަދަބު ނުލިބޭ ކަމަށްވާނަމަ،" ފަޔާޒު ވިދާޅު ވިއެވެ.

ފަޔާޒު ވިދާޅުވީ ރަށު ކައުންސިލް ތަކުން އަރުވާލާ މީހުން ބަލައިނުގަންނަ މައްސަލަ އަކީވެސް ޑީޕީއާރުއެސް އަށް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް ޖަލަށް ކުރެވޭ ހުކުމް ތަކަށްވުރެ ގޭބަންދަށާއި، އަރުވާލަން ކުރާ ހުކުމްތައް މިހާރުވެސް ގިނަ ކަމަށެވެ.

ކޮންމެ ދުވަހަކުވެސް އަރުވާލުމަށް އެތައް ހުކުމް ތަކެއް ކުރާކަން ފާހަގަކުރައްވާ ފަޔާޒު ވިދާޅުވީ އޭގެ ތެރެއިން ގިނަ މީހުން ބައިތިއްބަން ޖެހެނީ ގޭ ބަންދުގައި ކަމަށެވެ. އަރުވާލަން ޖެހޭ މީހުންނާއި ގޭބަންދު ކުރެވޭ މީހުން ބެލެހެއްޓޭނެ ގާބިލް ކަމެއް ޑީޕީއާރުއެސް ގެ ކިބައިގައި ނެތް ކަމަށާއި، އެފަދަ ހުކުމް ތަކަކީ މިޒަމާނާއި ގުޅޭ ހުކުމް ތަކަކަށް ނުވާ ކަމަށްވެސް ވިދާޅުވި އެވެ ޖަލުގެ ޖާގައިގެ ދަތިކަމަށް އަލިއަޅުވާލައްވާ ވިދާޅުވީ ޖަލުގައި ބައިތިއްބަން ޖެހޭ 2،000ވުރެ ގިނަ ކުއްވެރިން މިހާރުވެސް އެބަތިބި ކަމަށާއި، ނަމަވެސް ޖަލުގެ ޖާގައަކީ 1100 މީހުން ކަމަށެވެ. އަދި ވިދާޅުވީ ޖާގަ ނެތްނަމަވެސް ޖަލު ހުކުމުން އެއްވެސް ކުއްވެރިއެއް ދޫވެގެން އުޅުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، އެމީހުން ހައްޔަރުގައި ބައިތިއްބައިގެން ބެލެހެއްޓޭނެ ގާބިލްކަން އެ މުއައްސަސާ ގައި ހުރި ކަމަށެވެ.

"އަރުވާލާ މިހުން ކައުންސިލް ތަކުން ބަލައެއް ނުގަނެ. ދެން މިޖެހެނީ ގެންގޮސް ގޭބަންދުގައި ބަހައްޓަން. ދެން މި ވާގޮތަކީ ގިނަ އިރު ތަކެއް ނުވެ އެމީހުން ބޭރަށް ނިކުމެ އެހެން ކުއްތަކަށް އެބަ އަރައިގަނޭ. ހަފްތާ އެއްގެ ތެރޭގައި ފަސް ފަހަރު އެކަކު ގެންނަންޖެހިގެން ކޮމިޝަނާވެސް އަޅުގަނޑަށް ގުޅުއްވާފަ ޝަކުވާ ކުރައްވާ. ދެން ކީއްތޯ ކުރާނީ؛" ފަޔާޒު ވިދާޅުވި އެވެ.

ޖަލުގެ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ކ.ކާށިދޫގައި ހަދާ 750 މީހުންގެ ލުއި ޖަލުގެ ބިންގާ މިހާރު ވަނީ އަޅާފަ އެވެ. އަދި ހދ. ނޭކުރެންދޫގައިވެސް ޖަލެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ.