މިއަދު ހަވީރު 4:00 ޖަހާކަންހާ އިރު މާލޭގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމް ކޮށްލައިފި އެވެ.

އެ މާރާމާރީ ހިންގާފައި ވަނީ މިއަދު ހަވީރު ކުއްލިއްޔާގެ އިރަށް އޮންނަ ހަނި ގޯޅި ޕާކު، ނޫނީ ލޮރެންޒޯ ޕާކު ތެރޭގަ އެވެ. އެއީ މި އަހަރުގެ މެދުތެރޭގައި ދަރުމަވަންތަ ސްކޫލްގެ، އަރުހަމް މަރާލާފައި އޮތް ޕާކެވެ.

އެ ސަރަހައްދުގައި ތިބި މަންޒަރު ދުން މީހުން މިއަދު ބުނީ މާރާމާރީ ހިންގައި ޒަހަމްކޮށްލާފައިވާ މީހާ އަށް ހަމަލަދީފައި ވަނީ ކުއްލިޔާގެ އިރަށް އޮންނަ ހަނި ގޯޅިގަނޑުގައި ހުންނަ ޕާކް ތެރެއިން ކަމަށާއި ޒަހަމްވި މީހާ އެވަގުތު ސަލާމަތްވުމަށް ދުވެފައި ގޮސް ކުއްލިއްޔާގެ ތެރެއަށް ވަނުމާ އެކު އޭނާ ހޭނެތިގެން ވެއްޓުނު ކަމަށެވެ.

"އޭނާ ސަލާމަތް ވާން ވެގެން ކުއްލިއާ ތެރެއަށް ވަންތަނާ އޭނާ ވެއްޓުނީ. ދެން މިތާތިބި ބަޔަކު ވަނީ އޭނާ ހޮސްޕިޓަލަށް ގެންގޮސްފައި. ހިޔެއް ނުވޭ މާބޮޑު ގެއްލުންތަކެއް ވެފައި ހުރި ހެނެއް، އަޅުގަނޑަށް ހީވަނީ ހަމަލާ ދިނީ އަތުންހެން،" މަންޒަރު ދުން މީހާ ސަން އަށް ކިޔައިދެމުން ބުންޏެވެ.

ސަންގެ ނޫސްވެރިން އެ ސަރަހައްދަށް ގޮސް ބެލި އިރު މާރާމާރީގައި ޒަހަމްވި މީހާގެ ފައިވާނުގެ އެއް ކިބަ ކުއްލިއާ ކައިރީގައި އޮތް އިރު އަނެއް ފައިވާން ކިބަ ޕާކް ތެރޭގައިއޮތެވެ. އަދި ކުއްލިއާގެ ދޮރުމަތީގައި ކުޑަކޮށް ލޭ ވެސް ހުއްޓެވެ. ނަމަވެސް އޭނާ އަށް ތޫނު އެއްޗަކުން ހަމަލާދިންކަމަށް ފުލުހުން ވެސް އަދި މަންޒަރު ދުށްމީހަކު ވެސް ނުބުނެ އެވެ.

އެ މާރާމާރީ ޕާކުތެރޭގައި ހިންގީ ތިން މީހުންގެ ގުރޫޕަކުންކަމަށް ވެސް މަންޒަރުދުށް މީހުން ބުންޏެވެ. އަދި ހަމަލާދިނުމަށް ފަހު އެމީހުން ވަނީ ސައިކަލަށް އަރައިގެން ފިލާފައި ކަމަށް ވެސް އެ މީހުން ބުންޏެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިހާރު އެމައްސަލަ ބަލަމުން އަންނަ ކަމަށާއި އެ މަރަމާރީގައި ޒަހަމްވެފައި ވަނީ 26 އަހަރުގެ ފިރިހެނަކު ކަމަށެވެ. އަދި އޭނާ ބޯ ކޮންމެ ވެސް ވަރަކަށް ޒަހަމްވެފައި ހުރި ނަމަވެސް ސީރިއަސް އަނިޔާއެއް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެ މައްސަލާގައި މިހަތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ އިރު ފުލުހުން ދަނީ އެމައްސަލަ ތަހުގީގް ކުރަމުންނެވެ.

ކުއްލިޔާގެ އިރަށް އޮންނަ ހަނި ގޯޅި ޕާކްގެ ތެރޭގަިއ މިއަދު މަރާމާރީއެއް ހިންގާފައިވާ އިރު މިއަހަރުގެ މެއި މަހުގެ 30 ވަނަ ދުވަހު ވަނީ އެ ޕާކުގެ ތެރޭގައި ޒަހަމުތަކަކާ އެކު މަރާލާފައި އޮތް 16 އަހަރުގެ ކުއްޖަކު ވެސް ފެނިފަ އެވެ. އެއީ ހއ. ހޯރަފުށީ، ނޫރީގޭ، މުހަންމަދު އަރުހަމް، 16އ. އެވެ. އަނެއްކާވެސް މާރާމާރީއެއް ހިނގާފައި މިވަނީ ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރުކަން ކުރެއްވި ޑރ. އަފްރާޝީމް އަލީ އަށް ހަމަލާދީ އަވަހާރަކޮށްލިތާ މަހެއްވެސް ނުވަނީހެވެ.