16 Oct 2012, 17:07
ދިރާގުން ރަސްމީކޮށް އިއްޔެ ހުޅުވި އެ ކުންފުނީގެ މައި އޮފީހަށް ނުބައްދަލު ބޮޑެތި ހަރަދުތަކެއް ކޮށްފައިވާ ކަމަށް ބުނެ އެ މައުލޫމާތުތައް މާލިއްޔަތު ކޮމެޓީން ސާފުކުރުމަށް ނިންމައިފި އެވެ.
ސޯޅަ މިލިއަން ޑޮލަރު (277.5 މިލިއަން ރުފިޔާ) ހަރަދުކޮށްގެން އިމާރާތްކުރި ތަނުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ގޮތުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރި ކަމަށް ބުނެ އެކަން މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދެވެ. އޭނާ ވިދާޅުވީ އެއީ އެފަދަ އިމާރާތަކަށް ބޮޑު ހަރަދެއް ކަމަށާއި އެކަމުގެ ތެރޭގައި ވެސް ނާޖާއިޒް ފައިދާތަކެއް ހޯދައިދީފައިވާތީ އެކަން ކޮމެޓީން ބަލަން ޖެހޭނެ ކަމަށެވެ. އަދި އެކަމަށް ތާއީދު ކުރައްވައި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވެސް ވާހަކަދެއްކެވި އެވެ.
އެ ވާހަކަތަކާ ގުޅިގެން ކޮމެޓީގެ މުގައްރިރު ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މެންބަރުން ބޭނުންވާ މައުލޫމާތު ކޮމެޓީން ސާފުކުރާނެ ކަމަށާއި އެކަން ކުރިއަށް ގެންދަވާނެ ކަމަށެވެ.
އެ އިމާރާތް ހެދުމުގެ މަސައްކަތް ފަށާފައި ވަނީ 2009 ޑިސެމްބަރުގައި އެލިއާ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެންނެވެ. އެ އިމާރާތް ނިންމައި އިއްޔެ ހުޅުވި އިރު އެ އިމާރާތުގެ މަސައްކަތްތަކަށް 30 މަސް ދުވަސްވަނީ ހޭދަވެފަ އެވެ.