12 Sep 2010, 15:19
20:21
ސ. ހިތަދޫގައި މަސްތުވެގެން ތިބި ބަޔަކު މާރާމާރީ ހިންގަން އުޅެނިކޮށް، ފުލުހުން ގޮސް ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުންނާ މާރާމާރީ ހިންގި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އީދު ދުވަހުގެ ރޭ ދަންވަރު ވަގުތެއްގައި ހިތަދޫ ސުކޫލް ކައިރީގައި މާރާމާރީ ހިންގަން ބަޔަކު އުޅޭކަމުގެ މަޢުލޫމާތު ލިބިގެން ފުލުހުން އެ ސަރަހައްދަށް ގޮސް އެމީހުން ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހުންނާ އެމީހުން ކުރިމަތިލާ މާރާމާރީ ހިންގާފައިވާ ކަމަށެވެ. އެގޮތުން އެތަނަށް ދިޔަ ބައެއް ފުލުހުންގެ ގައިގައި އެމީހުން މަސްތުވެގެން ތިބެ ތަޅާ ވަކި އަޅާ ހަދާފައިވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ މާރާމާރީއާ ގުޅިގެން ޒަހަމްވި ހަތަރު ފުލުހަކަށް ފަރުވާ ދީފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ފުލުހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ އޮފިޝަލު ވިދާޅުވި އެ މައްސަލައާ ގުޅިގެން އެވަގުތު 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ކުޑަ ދެ ކުއްޖެއް ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް މިހާރު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައި ތިބީ ބޮޑު ހަތަރު މީހަކު ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.