މަސްތުވުމަށް ބޭނުންކުރާ ބޭހެއް ކަމަށްވާ ބެންޒޯޑައިޒީޕައިން ގެންގުޅުމަކީ ކުށެއް ކަމަށް މިހާރު އަމަލުކުރަމުންދާ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި ބުނެފައި ނުވާތީ އެތަކެތި ގެންގުޅުނު މީހެއްގެ މައްޗަށް އަދަބު ކަނޑައަޅާނެ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމްގައި ބުނަނީ މ. ލޭންޑް އޮފް ގާޑަން މުހައްމަދު އިހުވާޖް އަލީ މާލޭގެ ގެއެއްގެ ތެރޭގައި ނިދާފައި އޮތްކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފުލުހުން އެގެއަށް ގޮސް އޭނާގެ ވޮލެޓް ޗެކްކުރި އިރު މަސްތުވުމަށް ބޭނުންކުރާ ބޭހެއް ކަމުގައިވާ ބެންޒޯޑައިޒީޕައިން ފެނިފައިވާކަމަށް ހެކީންގެ ހެކިބަހުން ޝަރީއަތަށް ސާބިތުވާކަމަށެވެ.

އެ ހުކުމްގައި ބުނަނީ ބެންޒޯޑައިޒީޕައިން އޭނާގެ އަތުން ފެނުނުކަން ޝަރީއަތަށް ސާބިތުވިޔަސް މިހާރު އަމަލު ކުރަމުންދާ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި އެކަމަށް އަދަބު ކަނޑައަޅާފައި ނުވާކަމަށެވެ.

މީގެ އިތުރުން އެ ހާދިސާއާ ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް ކުރި މަނާކޮށްފައިވާ މަސްތުވާއެއްޗެއް ބޭނުން ކުރުމަށް އަތުގައި ބެހެއްޓުމުގެ ކުށުގެ ދައުވާ އަށް ބެލިއިރު މަސްތުވާތަކެތި އޭނާގެ އަތުން ފެނުނުކަން އެނގުނު ނަމަވެސް އޭނާގެ އަތުން ފެނުނީ މަސްތުވާތަކެތީގެ ކޮން ބާވަތެއް ކަން އެނގެން ނެތުމުން އެކަމަށް ވެސް އަދަބު ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

"....މި ފެނުނު ތަކެތި ތަހުލީލު ކުރި އިރު އޭގައި 0.0205 ގްރާމް ބެންޒޯޑައިޒީޕައިން ހުރިކަމަށް އެތަކެތީގެ ތަހުލީލު ރިޕޯޓުން އެނގޭ އިރު، މިހާލު އަމަލު ކުރަމުންދާ މަސްތުވާތަކެއްޗާއި ބެހޭ ގާނޫނުގައި އެކަމަށް އަދަބެއް ކަނޑައަޅާފައި ނުވާތީ އާ ގާނޫނު އަސާސީގެ 59 ވަަނަ މާއްދާގެ (ހ) ގައި ކުށް ކުރުމާއި، އެ ކުށްކުރި މީހާއަށް ހުކުމް ކުރުމާ ދެމެދު، އެކުރި ކުށުގެ އަދަބަށް ގާނޫނަށް ގެންނަ ބަދަލަކުން ލުޔެއް ދީފައިވާނަމަ އެމީހަކަށް ލުޔެއް ދޭންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާތީ ބޭހުގެ ގޮތުގައި ބޭނުންކުރެވޭ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ކުށަށް އަދަބު ކަނޑައަޅާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، މުހައްމަދު އިހުވާޖް އަލީގެ މައްޗަށް ކުޅަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި އަތުގައި ބެހެއްޓުމުގެ ބަޔަށް ބެލިއިރު، މުހައްމަދު އިހުވާޖް އަލީގެ އަތުން ފެނުނު މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ބާވަތްތަކަކަކީ، މަނާކުރެވިފައިވާ މަސްތުވާތަކެތީގެ ކޮންބާވަތެއްގެ މަސްތުވާތަކެތިކަން ޝަރީއަތަށް ސާބިތު ނުވާތީ ދައުލަތުން މުހައްމަދު އިހުވާޖް އަލީގެ މައްޗަށް ކުޅަ މަނާކުރެވިފައިވާ މަސްތުވާއެއްޗެއް ބޭނުންކުރުމަށްޓަކައި ބެހެއްޓުމުގެ ބައި މިގަޒިއްޔާ ބަލައި ދީފައި ނުވާކަން އަންގާ ހުކުމްކޮށްފީމެވެ،" ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.


ދެހާސް ނުވަ ވަނަ އަހަރު ހިނގި އެ ހާދިސާގައި އޭނާގެ މައްޗަށް އަދަބު ކަނޑައަޅާނެތަނެއް ނެތްކަމަށް ހުކުމް ކުރިއަސް 2010 ވަނަ އަހަރު އިހުވާޖްގެ އަތުން މަސްތުވާތަކެތި ފެނުނު މައްސަލައެެއްގައި 10 އަހަރަށް އޭނާ ޖަލަށް ލުމަށް މިއަދު ވަނީ ހުކުމް ކޮށްފަ އެވެ.