16 Oct 2012, 16:10
ފިއުލްސަޕްލައި މޯލްޑިވްސްގެ ތެޔޮ ބާޖަކުން ކުކިން އޮއިލް ހުސްކުރި 20 ލީޓަރުގެ ފަސް ހަމުގެ ޕެޓްރޯލް ވަގަށް ނެގި މީހަކު ހަމަހަށް އަރުވާލަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ޕެޓްރޯލް ވަގަށް ނެގުމުގެ ކުށުގައި ހަ މަހަށް އަރުވާލަން ހުކުމްކޮށްފައި ވަނީ ހދ. މަކުނުދޫ ކާޕެންޓާ ހައުސް، އަހުމަދު ރަމީޒުގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ބުނަނީ ފެބްރުއަރީ 28 ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި "ވިލާ"ގޭސް އާ ދިމާލު ދެކުނު ފަރާތު ފަޅުގައި އޮތް ފިއުލް ސަޕްލައިގެ ތެޔޮ ބާޖުން 20 ލީޓަރުގެ ކުކިން އޮއިލް ހުސްކުރި ފަސް ހަމުގެ ޕެޓްރޯލް ނަގާފައިވާކަން އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާކަމަށެވެ.
އެ ހުކުމްގައި ބުނަނީ ޕެޓްރޯލް ވަގަށް ނަގާފައި ވަނީ ޒަހީން ކިޔާމީހަކު ބުނެގެންކަމަށް ރަމްޒީ ބުނިނަމަވެސް އެކަން އޭނާއަށް ޝަރީއަތަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ. އަދި މިއީ ވައްކަންކުރުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމްގައި ވެއެވެ.