ފެބްރުއަރީ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހިނގި ހުޅުޖެހުމުގެ ހާދިސާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ އިތުރު ބައެއްގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ހެކި ހުށަހަޅައިފި އެވެ.

ދައުލަތުން މިއަދު ހެކި ހުށަހަޅާފައި ވަނީ ސ. ހިތަދޫ މުދިންގޭ މުއާޒު ހަލީމާއި ސޮޑާގޭ އަހުމަދު ސައީދާއި ރަތްކެލާގޭ އަހުމަދު އަރީޝްގެ އިތުރުން ސ. ފޭދޫ ރާޅު ސަޖާހު ރަޝީދާއި ސިލްސިލާގޭ އަހުމަދު ނިޒާމްގެ އިތުރުން އަހުމަދު މަގުސަދު ސައީދުގެ މައްޗަށެވެ.

އެ މީހުންގެ މައްޗަށް ދައުވާ ސާބިތުކުރަން ދައުލަތުން މިއަދު ހެކި ހުށަހަޅާފައި ވަނީ ދައުލަތުން މިއަދު އެ މީހުންގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ އަށް އެ މީހުން އިންކާރު ކުރުމުންނެވެ.

އެ މީހުންގެ ތެރެއިން ސައީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:00 އާ ދެމެދުގެ ވަގުތެއްގައި، ސ. ގަމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސިފައިންނާއި ފުލުހުން ސަފަކަށް އެތުރިގެން ތިއްބާ އެމީހުންނަށް ހަމަލާދިނުމަށް އޭނާ ގޮވާލާފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް ގަން ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާ އިރު އެ ޕޮލިސް ސްޓޭޝަންގެ ގޭޓް އޭނާ ހަލާކުކޮށްލާފައިވާ ކަމަށް ވެސް ދައުވާ އިއްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ނިޒާމްގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އޭނާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:00 އާ ދެމެދުގެ ވަގުތެއްގައި، ސ. ގަމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސިފައިންނާއި ފުލުހުން ސަފަކަށް އެތުރިގެން ތިއްބާ އިތުރު ބަޔަކާ އެކު ގޮސް އެ މީހުންނަށް އޭނާ ހަމަލާދީފައިވާތީ ކަމަށެވެ.

އެ މީހުންގެ ތެރެއިން އަރީޝްއާއި މަގުސަދު އަދި ސަޖާހުގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:00 އާ ދެމެދުގެ ވަގުތެއްގައި، ސ. ގަމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސިފައިންނާއި ފުލުހުން ސަފަކަށް އެތުރިގެން ތިއްބައި އިތުރު ބަޔަކާ އެކު ގޮސް އޭނާ އެ މީހުންނަށް ހަމަލާދީފައިވާ ކަމަށެވެ. އަދި އޭގެ އިތުރަށް ގަން ޕޮލިސް ސްޓޭޝްނެއްގެ ތެރެއަށް ވަދެ އެތާގެ މުދަލަށް ގެއްލުންދީ އެތަނުގައި ބޭނުންކުރަމުން އައި ވެހިކަލްތަކުގައި އެތިން މީހުން ހުޅުޖަހައި އަންދާލާފައިވާ ކަމަށް ވެސް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

މުއާޒުގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:00 އާ ދެމެދުގެ ވަގުތެއްގައި އިތުރު ބަޔަކާ އެކު ގަން ޕޮލިސް ސްޓޭޝަން ކައިރިއަށް އެއްވެ، އެތަނުގެ މައި ގޭޓް ހަލާކުކޮށްލުމުގައި އޭނާ ބައިވެރިވެފައިވާ ކަމަށެވެ. އަދި ގަން ޕޮލިސް ސްޓޭޝަނަށް ވެސް އޭނާ ގެއްލުންދިނުމުގެ އިތުރަށް ހިތަދޫ ޕޮލިސް ސްޓޭޝަނަށް ގެއްލުން ދިނުމަށް ވެސް އޭނާ ގޮވާލާފައިވާ ކަމަށެވެ.

ދައުލަތުން ދައުވާ އިއްވުމުން އެ އެންމެން ވެސް ވަނީ ދައުވާގައި ބުނާ ފަދަ ކަމެއް އެ މީހުން ނުކުރާކަމަށް ބުނެ ދައުވާ އަށް އިންކާރުކޮށްފަ އެވެ.

އެ މީހުން ދައުވާ އިންކާރު ކުރުމުން ދައުވާ ސާބިތު ކުރަން ދައުލަތުން މިއަދު ވަނީ ހެކި ހުށަހަޅާފަ އެވެ. އަދި ދިފާއުގައި ހެކި ހުށަހެޅުމަށް އެ މީހުންނަށް ގާޒީ މިއަދު ވަނީ ފުރުސަތު ދެއްވާފަ އެވެ.