16 Oct 2012, 15:25
ރަހުމުކުޑަ ގޮތަކަށް ޝަހީދު ކޮށްލި އުނގޫފާރު ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު ޑރ. އަފްރާޝީމް އަލީ ގެންގުޅުއްވި ދީނީ ފޮތްތަކުން ބޮޑުބައެއް ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އަށް ހަދިޔާ ކުރައްވައިފި އެވެ.
އަފްރާޝީމްގެ ހުވަފަތް އަނބިކަނބަލުން ގުރައިޝާ މުހައްމަދު "ސަން އޮންލައިން" މިއަދު ވިދާޅުވީ އަފްރާޝީމް ގެންގުޅުއްވި ދީނީ ފޮތްތަކުގެ ތެރެއިން ކުއްލިއްޔާ އަށް ހަދިޔާ ކުރެއްވީ ބައެއް ފޮތްތައް ކަމަށާއި ގިނަ އަދަދެއްގެ ދީނީ ފޮތްތައް ގޭގެ ލައިބުރަރީގައި އެބަހުރި ކަމަށެވެ. އަދި ވިދާޅުވީ ކުއްލިއްޔާ އަށް އެ ފޮތްތައް ހަދިޔާ ކުރައްވަން ނިންމެވީ އަފްރާޝީމް ވެސް ބޭނުންފުޅުވީ އޭނާގެ ފޮތްތައް ކޮންމެވެސް އިސްލާމިކް ލައިބްރަރީ އަކަށް ހަދިޔާ ކުރައްވަން ކަމަށް ވާތީ ކަމަށެވެ. ގުރައިޝާ އިތުރަށް ވިދާޅުވީ މިހާރު އަފްރާޝީމްގެ ލައިބްރަރީގައި ހުރި ބާކީ ފޮތްތައް ވެސް ހަދިޔާ ކުރައްވަން ގަސްތު ކުރައްވަނީ، އަފްރާޝީމް ސާނަވީ ތައުލީމު ހާސިލު ކުރެއްވި ކުއްލިއްޔާ އަށް ކަމަށާއި ނަމަވެސް އެކަން ނިންމަވާނީ އާއިލާގެ ބޭފުޅުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
ގުރައިޝާ ވިދާޅުވީ އަފްރާޝީމް ގެންގުޅުއްވި ފޮތްތަކަކީ އިސްލާމީ ގައުމުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި އެތަންތަނުން ވަރަށްބޮޑު އަގު ދެއްވާފައި ބައްލަވައިގެންފައި ހުރި ފޮތްތަކެއް ކަމަށެވެ. އަދި ވިދާޅުވީ އަފްރާޝީމަކީ ފޮތް ކިޔުއްވުމާއި ފޮތް އެއްކުރެއްވަށް ވަރަށް ޝައުގު ހުންނެވި ފޭފުޅެއް ކަމަށާއި އެގޮތުން ރާއްޖެ އިން ބޭރުން ބައްލަވައިގެންނެވި ގިނަ ފޮތްތަކެއް ރާއްޖެ ނުގެންނެވިގެން ވިއްކަވާ ވެސް ލެއްވި ކަމަށެވެ.
"އަފްޝީމް ގެންގުޅުއްވި ފޮތްތަކުގެ ތެރެއިން ބާކީ ހުރި ފޮތްތައް ވެސް ހަދިޔާ ކުރާނީ ކުއްލިއްޔާ އަށް. އަދި އަފްރާޝީމް ބައްލަވައިގަތް ފޮތްތަކުގެ ތެރެއިން ވަރަށް ގިނަ ފޮތްތައް ވިއްކާ ވެސް ލެއްވި، ގެންނަން އުނދަގޫވެގެން. އަދި ވިދާޅުވާނެ ވަރަށް ދެރަވެޔޭ އެފޮތްތައް ވިއްކާލަން ޖެހުނީމާ. އެކަމަކު ގޮތެއް ނެތިގެން ވިއްކާ ލައްވަނީ،" ގުރައިޝާ ވިދާޅުވި އެވެ.
ގުރައިޝާ ވިދާޅުވީ އަފްރާޝީމަކީ ފޮތް ކިޔުއްވުމާއި، ދިރާސާ ކުރެއްވުމުގައި ވަރަށް ގިނަ ވަގުތު ހޭދަ ކުރެއްވި ބޭފުޅެއް ކަމަށާއި ޕްރޮގްރާމްތަކަށް ވަޑައިގަންނަވަނީ ވެސް ގިނަ ވަގުތުތަކެއް ދިރާސާ ކުރެއްވުމުގައި ހޭދަ ކުރެއްވުމަށް ފަހު ކަމަށެވެ.
ކުއްލިއްޔަތުއް ދިރާސާތުލް އިސްލާމިއްޔާ އަށް އަފްރާޝީމްގެ ގިނަ ފޮތްތަކެއް އާއިލާގެ ފަރާތުން ހަދިޔާ ކުރައްވާފައިވާ އިރު ރައީސް މައުމޫނުގެ އަތްޕުޅަށް އަފްރާޝީމް ލިއުއްވި ފޮތެއް ދެއްވާފައިވާ ކަމަށް މައުމޫން ވަނީ ވިދާޅުވެފަ އެވެ. މައުމޫން ވިދާޅުވެފައި ވަނީ އެފޮތް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.