16 Oct 2012, 14:20
ތާލިބާނުންގެ ހަމަލާއެއްގައި ބޮލަށް ބަޑިޖަހައި ޒަހަމަކޮށްލި، ޕާކިސްތާންގެ ސްކޫލު ދަރިވަރު އަދި ހިއުމަންރައިޓްސް އެކްޓިވިސްޓް، މަލާލާ ޔޫސުފުޒާއި ސަލާމަތް ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަން އޮތް ކަމަށް އިނގިރޭސި ޑޮކްޓަރުން ބުނެފި އެވެ.
މަލާލާ ފަރުވާ ހޯދުމަށް އެޑްމިޓްކޮށްފައި އޮތް ބާމިންހަމް، ކްއީން އެލިޒަބަތު ހޮސްޕިޓަލުގެ މެޑިކަލް ޑައިރެކްޓަރު ޑރ. ދަވޭ ރޮސާ ވިދާޅުވީ މަލާލާ ފުރިހަމަ އަށް ރަނގަޅުވާނެ ކަމުގެ އުންމީދު ޑޮކްޓަރުންދީފައިވާ ކަމަށެވެ. އަދި ވިދާޅުވީ އޭނާ އިނގިރޭސިވިލާތަށް އިތުރު ފަތުރުވާ ގެންދެވުނީ ޕާކިސްތާނުގައި ކުރި އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނަކަށް ވުމުން ކަމަށެވެ.
ރޮސާ ވިދާޅުވީ މަލާލާ އަށް ލިބިފައިވާ "ޒަހަމުތަކުގެ ފުންމިން ބެލުމަށް" ސްކޭންއެއް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
މަލާލާގެ ބޮލަށް އެރި ވަޒަން ތިން ގަޑި އިރުގެ އޮޕަރޭޝަނަކަށް ފަހު، ޕާކިސްތާނުގެ ޑޮކްޓަރުން ވަނީ ނަގައިފަ އެވެ. ނަމަވެސް އޭނާ އަށް "އިންޓެންސިވް" ހާއްސަ އެހީ ބޭނުންވާ ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ.
ރޮސާ ވިދާޅުވި ގޮތުގައި 877 މިލިއަން ޑޮލަރުގެ އެލިޒަބަތު ހޮސްޕިޓަލަކީ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ހަނގުރާމައިން ޒަހަމްވި އިނގިރޭސި އެންމެންނަށް ފަރުވާދީފައިވާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލްގައި މަލާލާ އަށް ދޭ ފަރުވާގެ ތެރޭގައި ހަލާކުވެފައިވާ ބޮލުގެ ނާށިގަނޑު މަރާމާތު ކުރުމާއި އަދި އެއާ އެކު ދިމާވާ ނިއުރޮލެޖިކަލް މައްސަލަތަކަށް ފަރުވާދޭނެ ކަމަށް ރޮއިޓާސް އިން ބުންޏެވެ.
"ބޮލުގެ ނާށިގަނޑަށް ލިބިފައިވާ ގެއްލުން، ނިއުރޯސާޖަނުން އަދި ޕްލާސްޓިކް ސާޖަނުންނަށް ވަރަށް ރަނގަޅަށް ފަރުވާދީ ރަނގަޅު ކުރެވޭނެ. އެކަމަކު ހަލާކުވެފައިވާ، ސިކުނޑިއަށް ލޭ ފޮނުވައިދޭ ނިޒާމް، ގިނަ ދުވަސްތަކަށް ނުކުޅެދުންތެރިކަން ހުރެދާނެ،" ކޮންސަލްޓަންޓަކު ވިދާޅުވި އެވެ.
ޑޮކްޓަރުން ވިދާޅުވީ މަލާލާއަކީ ޒުވާންފުރައިގެ ކުއްޖަކަށް ވުމުން ބޮޑު މީހަކަށް ވުރެ ބޮޑަށް އޭނާގެ ޒަހަމްތައް ރަނގަޅުވުމުގެ ފުރުސަތު އޮންނެ ކަމަށެވެ.