16 Oct 2012, 14:16
އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ މެންބަރު އަހުމަދު މިރުޒާދުގެ މައްޗަށް ދައުލަތުން ކުރި ޓެރަރިޒަމްގެ ދައުވާ އަށް އޭނާ އިންކާރު ކުރެއްވުމުން އޭނާގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ގިނަ ހެކިތަކެއް ދައުލަތުން މިއަދު ހުށަހަޅައިފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި މިރުޒާދުގެ މައްޗަށް ދައުވާ އިއްވަވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ އޭނާގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާއި އެރޭ 9:00 އާ ދެމެދުގެ ވަގުތެއްގައި ސ. ގަމަށް ދާން އޮންނަ ކޯޒުވޭ މަތީގައި ސިފައިންނާއި ފުލުހުން ސަފަކަށް އެތުރިގެން ތިއްބާ އިތުރު ބަޔަކާއި އެކު އެތަނަށް އެއްވެ، ބާރުގެ ބޭނުންކޮށްގެން އެ ސަފުތައް ރޫޅާލުމަށް ގޮވާލާފައި ވާތީ އާއި އަދި ގަން ޕޮލިސް ސްޓޭޝަން ތެރެއަށް ވަދެގަތުމަށާއި އެތަނަށް ގެއްލުން ދިނުމަށް އޭނާ ގޮވާލާފައިވާތީ ކަމަށެވެ.
ދައުވާ އިއްވުމުން އޭނާ ވިދާޅުވީ ދައުވާ ސާފުވެއްޖެ ކަމަށާއި ދައުވާ އަށް އިންކާރު ކުރައްވާކަމަށެވެ. މިރުޒާދު ދައުވާ އަށް އިންކާރުކޮށްފައި ވާތީ އޭނާގެ މައްޗަށް ދައުވާ ސާބިތުކޮށްދިނުމަށް ސިފައިންނާއި ފުލުހުންގެ 18 މީހަކާއި ސިއްރުން ހެކިބަސް ނަގާގޮތަށް އިތުރު ތިން މީހަކު ހެކީންގެ ގޮތުގައި ހުށަހެޅި އެވެ.
ދައުލަތުން ހެކި ހުށަހަޅައި ނިމުމުން ދިފާއުގައި ހެކި ހުށަހެޅުމަށް ގާޒީ ވަނީ މިރުޒާދަށް ފުރުސަތު ދެއްވާ ފައެވެ. ގާޒީ އެ ފުރުސަތު ދެއްވުމުން ޖިނާއީ ބޮޑެތި މައްސަލަތައް ކާމިޔާބު ކުރައްވާފައިވާ، އޭނާގެ ގާނޫނީ ވަކީލު އަބްދުﷲ ޝާއިރު ވިދާޅުވީ ދިފާއީ ހެކި ހުށަހެޅުމަށް ދެ ދުވަހުގެ ފުރުސަތެއް ބޭނުންވާކަމަށެވެ. އަދި ދައުލަތުން ހެކީން ހުށަހެޅީ ކޮންކަމެއް ސާބިތުކޮށްދިނުމަށް ކަން އެނގެން ބޭނުންވާކަމަށް ވެސް ޝާއިރު ވިދާޅުވި އެވެ.
ޝާއިރު އެހެން ވިދާޅުވުމުން ގާޒީ ވަނީ ހެކީންގެ ކިބައިން ސާބިތުކޮށް ދިނުމަށް ބޭނުންވަނީ ކޮން ކަމެއްކަން ބަޔާންކޮށް ލިޔުމަކުން ކޯޓަށް ހުށަހެޅުމަށް ދައުލަތަށް އަންގަވާފަ އެވެ. އަދި ލިޔުމުން ހެކި ހުށަހެޅުމަށް ދެ ދުވަހުގެ ފުރުސަތު މިރުޒާދަށް ދެއްވުމަށް ފަހު ގާޒީ ވިދާޅުވީ ހެކި ހުށަހަޅާއިރު ހެކީންގެ ކިބައިން ސާބިތުކުރަން ބޭނުންވަނީ ކޮންކަމެއް ކަން ވެސް ލިޔުމުގައި ބަޔާންކުރަން ވާނެ ކަމަށެވެ.