މި މަހުގެ ދެ ވަނަ ދުވަހު އިންޑިއާ އިން މާލެ އައި ދިވެއްސަކު ދިރުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން އޭނާ ހިފަހައްޓައިގެން 24 ގަޑިއިރަށް ވުރެ ގިނައިރު އާއިލާއަށް އެންގުމަކާ ނުލައި ގެންގުޅެފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ދިރުވާލައިގެން ރާއްޖެ އަށް މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި ކަސްޓަމްސް އިން ހިފަހައްޓާފައި ވަނީ އައްޑޫ ސިޓީގެ ހިތަދޫ ޖެމިސްކޯ، ފައިސަލް ހަސަން ކަމަށް ސަން އޮންލައިންއަށް ވަނީ އެނގިފަ އެވެ.

ފައިސަލްގެ އާއިލާ އިން ވާހަދަ ދެއްކި އޭނާގެ ދައްތަ މިއަދު ބުނީ މި މަހުގެ ދެ ވަނަ ދުވަހު އިންޑިއާ އިން ފައިސަލް މާލެ އައިތަނުން، ދިރުވާލައިގެން މަސްތުވާތަކެތި އެތެރެ ކުރި ކަމުގެ ތުހުމަތުގައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް ފައިސަލް ގެންދިޔަ ކަމަށާއި ނަމަވެސް އެކަން އާއިލާއަށް ވެސް ނާންގާ ކަމަށެވެ. ފައިސަލް ހިފެހެއްޓުމަށް ފަހު އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި އެކްސްރޭ އިން ހަށިގަނޑުގެ ތެރޭގައި މަސްތުވާތަކެތި ހުރިކަމަށް ފާހަގަ ކުރެވިގެން އޭޑީކޭ ހޮސްޕިޓަލްގައި ތިން ދުވަސް ވަންދެން އެޑްމިޓްކޮށްފައި ބޭއްވި ނަމަވެސް ފާއިތުވެ ދިޔަ ދުވަސްތަކުގައި ފައިސަލްގެ އެއްވެސް މައުލޫމާތެއް ކަސްޓަމްސް އިން އެ އާއިލާ އަށް ހިއްސާ ނުކުރާ ކަމަށެވެ. އަދި ފައިސަލަށް ވީނުވީއެއް ނޭނގިގެން އާއިލާ އިން އުޅެނިކޮށް ފައިސަލްގެ މައުލޫމާތެއް ފުރަތަމަ ލިބުނީވެސް މި މަހުގެ ފަސް ވަނަ ދުވަހުގެރޭ ކަސްޓަމްސް އިން އޭނާ ފުލުހުންނާ ހަވާލުކުރުމުން ކަމަށެވެ.

"ފުލުހުން އަޅުގަނޑުމެންނަށް ގުޅާފަިއ ބުނީ. އަޅުގަނޑުމެން ފައިސަލް ވީނުވީއެއް ނޭނގިގެން އުޅުނީ. އައިޖީއެމްއެޗްގަ އާއި އޭޑީކޭގައި ވެސް އެޑްމިޓްކޮށްގެން ގެންގުޅުނު އިރު ވެސް ނުވެސް އަންގާ. އަދި ކޯޓަކަށް ވެސް ނުގެންދޭ. ފައިސަލް ގެންދިޔަތާ 24 ގަޑިއިރަށް ވުރެ ގިނަ ވަގުތު ފާއިތުވެގެން ދިޔަ އިރުވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަކަށް ނުގެންދޭ. އަޅުގަނޑުމެން ގަބޫލު މި ކުރަނީ ތިން ދުވަސް ވަންދެން ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ފައިސަލް ބެހެއްޓީ ގާނޫނު އަސާސީއާ ހިލާފަށޭ،" އޭނާ ބުންޏެވެ.

ފުލުހުންގެ ސަބް އިންސްޕެކްޓާ ހަސަން ހަނީފާ އެ މައްސަލައިގައި ސުވާލުކުރުމުން ވިދާޅުވީ މި މަހުގެ ފަސް ވަނަ ދުވަހު ކަސްޓަމްސްގެ ބެލުމުގައި ދަށުގައި ހުރި މީހަކު އެ އިދާރާގެ ފަރާތުން ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ. އެކަމާ ގުޅޭގޮތުން އިތުރު އެއްޗެއް އޭނާ ވިދާޅެއްނުވި އެވެ.

އެ މައްސަލައިގައި ކަސްޓަމްސްގެ އިސް އޮފިޝަލަކު ވިދާޅުވީ އެ އިދާރާއިން ކޮންމެ ހާލަތެއްގައި ވެސް މަސްތުވާތަކެތީގެ މައްސަލަތަކުގައި ޑީލްކޮށްފައި ވާނީ އޮންނަ ޕްރޮސީޖާގެ ތެރެއިން ކަމަށާއި އެ އުސޫލާއި ހިލާފުވެފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ އެފަދަ ވާހަކަތައް އެ ދައްކަނީ އެ މައްސަލަ އޮއްބުމުގެ ބޭނުމުގައި ކަމަށެވެ.

"ދިރުވާލައިގެން މަސްތުވާތަކެތި ގެންނަ މީހެއް ވިޔަސް އެ ނޫން މީހެއް ވިޔަސް އަޅުގަނޑުމެން ފޮލޯ ކުރާ ޕްރޮސީޖާގެ ތެރެއިން ގެންދާނީ. އެގޮތަށް މި ކަމުގައި ވެސް. މިކަހަލަ ބޮޑެތި ކޭސްތަކުގައި ބައެއް މީހުން އެފަދަ ވާހަކަ ދައްކައިގެން ކޭސް ފޮރުވަން މަސައްކަތް ކުރާނެ،" އޮފިޝަލް ވިދާޅުވި އެވެ.