ގާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ހަމަނުޖެހުންތަކާ އެއްވުންތައް އެންމެ މިނިމަމް ފޯސް ބޭނުންކޮށްގެން ކޮންޓްރޯލް ކުރާނެ ޓެކްނިކްސްތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދާ ޕަބްލިކް އޯޑާ ޓްރެއިނިންގެ 18 ވަނަ ބުރު ނިންމި ބައިވެރިނަށް ސެޓްފިކެޓް ދީފި އެވެ.

އެއް މަސް ދުވަހަށް ކުރިއަށްގެން ދިޔަ އެ ތަމްރީނު ޕްރޮގްރާމް ނިންމި ފުލުހުންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އިއްޔެ ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެސިސްޓަންޓް ކަމިޝަނާ އޮފް ޕޮލިސް އަޙްމަދު ޢަރީފް އެވެ.

އެ ރަސްމިއްޔާތުގައި އޭސީޕީ ޢަރީފްގެ ވާހަކައިގައި ޕަބްލިކް އޯޑާ ޓްރެއިނިން އަކީ ރާއްޖެ މިހާރު އޮތް ހާލަތަށް ބަލާ އިރު ފުލުހުންނަށް ވަރަށް ބޭނުންތެރި ޓްރެއިނިންއެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން އެ ޓްރެއިނިންގައި ބައިވެރިވި ކޮންމެ ފުލުހަކީ ކަމަށް ޤާބިލް ކުޅަދާނަ ފުލުހެއް ކަމަށާއި އަދި އެ ކޯސް ފުރިހަމަކުރި ކޮންމެ ފުލުހަކީ މުސްތަޤުބަލްގައި ޕަބްލިކް އޯޑާ ޔުނިޓެއްގެ ކޮމާންޑަރުކަން ފަސޭހަކަމާ އެކު ކުރެވޭނެ ވަރުގެ ފުލުހަކަށް ވާނެ ކަމަށް ޔަޤީންކުރައްވައި ވިދާޅުވި އެވެ.

ޢަރީފްގެ ވާހަކައިގައި ޓްރެއިނިން ނިންމައިގެން ނުކުންނަށް ކޮންމެ ފުލުހަކީ ޤައުމަށް ވަފާތެރި، ތެދުވެރި އަދި އިޚްލާސްތެރި ފުލުހަކަށް ވާންޖެހޭނެ ކަމަށާއި އަދި ރައްޔިތުން ދެކެ ލޯބިވާ މާތްﷲ އަށް ތަޤްވާވެރިވާ ދަރީންތަކަކަށް ވާންވާނެ ކަމަށް ނަސޭހަތްތެރިވި އެވެ.

ބައެއް ކޮމިޝަންޑު އޮފިސަރުންނާއި ސްޕަވައިޒަރީ ލެވެލްގެ ގިނަ ފުލުހުން ބައިވެރިވި މި ތަމްރީނު ޕްރޮގްރާމުގައި އެތިކްސް، ހިޔުމަން ރައިޓްސް، ޕޮލިސް އިންޓެގްރިޓީ ފަދަ މޮޑިއުލްތައް ކިޔަވައިދީފައިވެ އެވެ. އަދި ނޭޝަނަލް ސެކިޔުރިޓީ ފްރޭމްވޯކް އަށް އަހުލުވެރިކުރުމާއި އޮޕަރޭޝަނަލް ޕްލޭން ކުރާނެގޮތާއި ބްރީފިން އޯޑާސްގެ މޮޑިއުލްތައް ވެސް ހިމެނިފައިވެ އެވެ. އަދި ޤާނޫނާއި ޤަވާއިދާ ޚިލާފަށް ހިންގާ ހަމަނުޖެހުންތަކާއި އެއްވުންތައް ޤާނޫނާއި ޤަވައިދާއި އެއްގޮތްވާ ގޮތުގެމަތިން ޢާންމު ޙާލަތަކަށް ގެނެސްދިނުމުގައި ޕޭޝަންސް، ޑިސިޕްލީން، ސްޕީޑް އަދި ޔުނިޓީގެ މައްޗަށް އެންމެ މިނިމަމް ފޯސް ބޭނުންކޮށްގެން އެއްވުން ކޮންޓްރޯލްކުރާނެ ޓެކްނިކްސްތައް ދަސްކޮށްދީފައިވެ އެވެ.

އެ ކޯހުން ފާސްވުމަށް ކޯހުގެ ބައިވެރިން އޯރަލް ޓެސްޓަކާއި ކެމިކަލްއަށް ހޭނުމާއި ފުލް ބޮޑީ ގިއަރުގައި ހަތަރު ކިލޯމީޓަރުގެ ދިގު ދުވުމެއް ފުރިހަމަ ކުރަންޖެހޭއިރު މިބުރުގައި ބައިވެރިވި 35 ފުލުހުން ވެސް ކާމިޔާބުކަމާ އެކު ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެކޯހުގައި ކިޔަވައިދީފައި ވަނީ ފުލުހުންގެ ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ތަޖުރިބާކާރު ފުލުހުންނެވެ.