އަލިފާން ނިއްވާފުޅިއަށް ސާވިސް ދެމުންދާ ސާވިސް ސެންޓާއެއްގައި އަލިފާން ނިއްވާފުޅިއަށް އަޅާ ޕައުޑާއެއް ކަމަށްވާ ޑުރައި ކެމިކަލް ޕައުޑާ (ޑީސީޕީ) ލީކްވެ ހާދިސާއެއް ހިނގައިފި އެވެ.

ލިންކު ސާވް އިން ހިންގާ އެ ސާވިސް ސެންޓާގައި އެވަގުތު މަސައްކަތް ކުރަމުން ދިޔަ ހަމްދޫން އަހުމަދު ބުނީ އެ ހާދިސާ ދިމާވީ މިއަދު 12:00 ޖަހާކަންހައިރު އަލިފާން ނިއްވާ ކުޑަ ގޭސްފުޅިއަކަށް ޑީސީޕީ ޕައުޑާ އަޅަން އުޅުމުގެ ތެރެއިން އެޕައުޑާތައް ލީކް ވެގެން ކަމަށާއި އެ ހާދިސާގައި މީހަކަށް ގެއްލުން ނުވާ ކަމަށެވެ.

"ފަންސާސް ކިލޯގެ އެޕައުޑާ ފުޅި ލީކްވީ އެހެންވެ. މުޅި ހިސާބުގައި އޮތީ ދުން ގޮތަށް ހުސް ޕައުޑާ، ފުލުހުން ވެސް އައި ނަމަވެސް އަނެއްހެން ގެއްލުމެއް ލިބިފައިނެތީމަ،" ހަމްދޫން ބުންޏެވެ.

ބޮޑުފެންވަޅުގޭ ކުރިމަތީގައި ހުންނަ އެ ސާވިސް ސެންޓަރަށް ސަންގެ ނޫސްވެރިން ދިޔަ އިރު އެ ހިސާބުގައި ވަރަށް ބޯކޮށް ޕައުޑަގެ އަސަރު ހުއްޓެވެ. އަދި އެސެންޓަރުގެ ތެރޭގައި ޕައުޑަރުން ފުރިފަ ކަހަލަ ގޮތަކަށެވެ.