12 Sep 2010, 13:55
19:00
އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރުމަށް ވާދަވެރި ޑީއާރްޕީ އަށް ގޮވާލައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ބޭރުގެ އޮންލައިން ނޫހެއް ކަމަށްވާ އޭޝިޔާ ޓްރިބިއުނަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ، "ޔުނިޓީ ގަވަމަންޓް" ނުވަތަ އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރުމުގެ ހިޔާލު މީގެ ކުރިން ވެސް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި އެއްބައިވަންތަކަމުގެ ސަރުކާރެއް ގާއިމްކުރުމަށް ޑީއާރްޕީ އަށް ގޮވާލައްވާ ކަމަށާއި އެ ޕާޓީން އެކަން "އަންޑަސްޓޭންޑް" ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ވާދަވެރި ޕާޓީތަކުން މަސައްކަތްކުރަމުންދަނީ މީގެ ތިން އަހަރު ފަހުން ބާއްވާ ރިޔާސީ އިންތިހާބަށް މަޑުކުރުމުގެ ބަދަލުގައި، އޭގެ ކުރިން ވެރިކަން ބަދަލުކުރުމަށް ކަމަށެވެ. އިދިކޮޅު ފަރާތްތަކުން ސަރުކާރާ މެދު އެއްވެސް ވަރަކަށް ހިތްހަމަނުޖެހޭ ކަމަށާއި އެ ފަރާތްތަކުން ބޭނުންވަނީ އަލުން އަނބުރާ ވެރިކަން ހޯދަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެކަން ނުކުރެއްވޭނެ ކަމަށާއި އިދިކޮޅު ފަރާތްތަކުން ވެސް އެ ހަގީގަތާ މިއަދު ކުރިމަތިލައްވަންޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ އަށް ތައުރީފުކުރައްވާފައިވާ މި އިންޓަވިއުގައި ރައީސް ވިދާޅުވީ، ޑިމޮކްރެސީ އާއި ރާއްޖެ މިއަދު އޮތް ހާލަތު ތަސްމީނަށް ވަރަށް ރަގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ދައުރު ހަމަނުވަނީސް ސަރުކާރު ވައްޓާލުމަށް ތަސްމީން މަސައްކަތް ނުކުރައްވާ ކަމަށާއި އޭނާ މަސައްކަތް ކުރައްވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ނަމަވެސް، ތަސްމީންގެ ޕާޓީގެ އިތުރު ބޭފުޅުންނަށް ޑިމޮކްރެސީ އެނގިވަޑައިނުގަންނަވަނީ ކަމަށާއި އެކަމުގެ ސަބަބުން ޕާޓީ ހިންގެވުމަށް ތަސްމީނަށް އަދި ވަގުތު ބޭނުންފުޅުވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޑީއާރުޕީގެ ޑެޕއިއުޓީ ލީޑަރު އިބްރާހިމް ޝަރީފް ވިދާޅުވީ ސަރުކާރުން އެކިފަހަރު މަތިން އެއްބައިވަންތަ ސަރުކާރެއް ގާއިމް ކުރުމަށް ޑީއާރުޕީއާ އެކު ވާހަކަ ދައްކާފައިވާ ކަމަށެވެ. ޝަރީފް ވިދާޅުވީ ޑީއާރުޕީ އަށް މަސައްކަތް ކުރެވޭނީ އިޚްލާސްތެރި ބައަކާ އެކު ކަމަށާއި މިހާރު މިއޮތް ސަރުކާރަކީ އިޚްލާސްތެރި ސަރުކާރެއް ނޫން ކަމަށެވެ. އަދި ރައީސް ނަޝީދު އެގޮވާލާ ގޮވާލެއްވުމަކީ ޑީއާރުޕީން ގަބޫލު ކުރާނެ ކަމެއް ނޫން ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.