ޓީޗާސް އެކްސެލެންސް އެވޯޑް ނަމުގައި އެޑިއުކޭޝަން މިނިސްޓްރީން ތައާރަފުކުރި، ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ އެވޯޑް، ހަތް ބޭފުޅަކަށް ދީފި އެވެ.

ޓީޗަރުންގެ ދުވަހާ ގުޅުވައިގެން ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެވޯޑުތައް ހާސިލް ކުރެއްވި ޓީޗަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ އެ ވޯޑުތައް ސްޕޮންސާ ކުރި ފަރާތްތަކުންނެވެ.

ޕްރީ ސްކޫލްތަކުގެ ދާއިރާ އިން އެންމެ މޮޅު ޓީޗަރުގެ އެވޯޑް މި އަހަރު ހާސިލްކޮށްފައި ވަނީ އަމީރް އަހުމަދު ސްކޫލުގެ ޕްރިންސިޕަލް ހަދީޖާ ހުސެން އެވެ. އަދި އުނގެނުމުގެ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައި ދިނުމުގެ ދާއިރާ އިން އަހަރުގެ އެއްމެ މޮޅު ޓީޗަރުގެ އެވޯޑް އިމާދުއްދީން ސްކޫލުގެ ރަހުމަތު އީސާ ހާސިލް ކޮށްފައިވާ އިރު ޕްރައިމަރީ ސްކޫލުތަކުން އަހަރުގެ ޓީޗަރުގެ އެވޯޑް ހާސިލް ކޮށްފައި ވަނީ އިމާދުއްދީން ސްކޫލުގެ އަބްދުﷲ އަބްދުލްކަރީމް އެވެ. ސެކަންޑަރީ ސްކޫލުތަކުން އަހަރުގެ ޓީޗަރުގެ އެވޯޑް ހާސިލް ކޮށްފައި ވަނީ ބިލަބޮންގް ސްކޫލުގެ ދިވެހި ޓީޗަރު އަލީ ނަޖީބެވެ. އެންމެ މޮޅު ލީޑިން ޓީޗަރުގެ އެވޯޑް ހޯދި ކަލާފާނު ސްކޫލުގެ އަބްދުލްފައްތާހު ހުސެން އެވެ. އަދި ސަޕޯޓިވް ސްޓާފްގެ އެވޯޑް ހާސިލް ކޮށްފައި ވަނީ ގާޒީ ސްކޫލުގެ މަރިޔަމް ލަތީފާ އެވެ. އަދި އެންމެ ރަނގަޅު ޕްރިންސިޕަލަކަށް ހޮވާފައިވަނީ ތ. ވިލުފުށީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ނާހިދެވެ.

އެވޯޑުތައް ހާސިލު ކުރެއްވި ކޮންމެ ޓީޗަރަކަށް ފައިސާގެ އިނާމުގެ ގޮތުގައި 30000ރ. ދިނެވެ.

އެންމެ މޮޅު ލީޑިން ޓީޗަރުގެ އެވޯޑް ހޯދި ކަލާފާނު ސްކޫލުގެ އަބްދުލްފައްތާހު ހުސެން ވިދާޅުވީ އެފަދަ އެވޯޑެއް ލިބުމުން ވަރަށް ބޮޑަށް އުފާވާކަމަށާއި އަދި އެވޯޑެއްގެ އިތުރުން ޓީޗަރުނަށް ކޮށްދޭން ޖެހޭ ކަންތައްތަށް ކޮށްދިނުމަކީ މުހިންމުކަމެއް ކަމަށް ދެކޭ ކަމަށެވެ. އަދި އެވޯޑަށް ގިނަ ބަޔަކު ކުރިމަތިލުމުން އެވޯޑް ފުރިހަމަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ޓީޗަރުންނަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބަޔަކަށް ވާއިރު ޓީޗަރުންގެ އަގުވަޒަން ކުރުމުގެގޮތުން ހަމަ އެކަނި އެވޯޑެއް ދިނުމުގެ ބަދަލުގައި ޓީޗަރުންގެ ނީޑުސްވެސް ފުރިހަމަ ކޮށްދޭން ޖެހޭ، ދެން އަޅުގަނޑު ގަބޫލް ކުރަނީ މިފަދަ އެވޯޑެއް ދޭ އިރު މިހާރަށްވުރެ ގިނަ ބޭފުލުން ކުރިމަތިލައިގެން ވާދަވެރިކަމައެކު މަސައްކަތް ކުރުމުންކަމަށް އެވޯޑު ލިބުމުން ހިތްހަމަޖެހުމް ލިބެނީ ވެސް" 12 އަހަރު ތައުލީމީ ދާއިރާގައި މަސައްކޮށްކޮށްފައިވާ ފައްތާހު ވިދާޅުވި އެވެ.

ޓީޗާސް އެވޯޑް ރޭގައި ދީފައިވައިރު ޓީޗާސް އެވޯޑްގެ މައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހަޅައިފަ އެވެ. އަދި ޓީޗާސް އެވޯޑު ލިބޭ ފަރާތްތައް ހޮވުމުގައި ނުފޫޒު ފޯރުވާފައިވާ ކަމަށާއި އެ އެވޯޑް ދެނީ ބޭއިންސާފުން ކަމަށް ބުނެ 300 މީހުން ސޮއިކޮށް ރައީސް މުހައްމަދު ވަހީދަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.