16 Oct 2012, 12:53
މަސްވެރިންނަށް ދިނުމަށް ކަނޑައަޅާފައިވާ ސަބްސިޑީ ނުދެވި އޮތީ ކޮން ސަބަބަކާ ހުރެތޯ ބެލުމަށް ފަހު، އެ ސަބްސިޑީޒް މަސްވެރިންނަށް ދިނުމަށް ބައެއް މެމްބަރުން ސަރުކާރަށް ގޮވާލައްވައިފި އެވެ.
ބައެއް މެމްބަރުން އެކަމަށް އެދި ގޮވާލައްވާފައި ވަނީ މަސްވެރިންނަށް ތެލުގެ ސަބް ސިޑީޒްގެ ގޮތުގައި ދިނުމަށް 2012 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ކަނޑައަޅާފައިވާ 100 މިލިޔަން ރުފިޔާ މިހާތަނަށް ދީފައިނުވާތީ އެ ސަބްސިޑީ ވަގުތުން ވަގުތަށް ދިނުމަށް ގޮވާލައްވައި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ ގަރާރަށް މިއަދު ވާހަކަ ދައްކަވަމުންނެވެ.
މިއަދުގެ ޖަލްސާގައި ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވީ މަސްވެރިކަމަކީ ރާއްޖޭގެ އިގުތިސާދުގެ މައި ނާރު ކަމަށާއި އެ ފައިސާ މަސްވެރިންނަށް ނުދީ މަސްވެރިކަމުގެ ސިނާއަތް ދެމި ނޯންނާނެ ކަމަށެވެ.
އެ ގަރާރު މަޖިލީހަށް ހުށަހަޅުއްވަމުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު ވިދާޅުވީ އެ ފައިސާ ނުދީ އޮތީ ދައުލަތުގެ ބަޖެޓްގައި އެ ފައިސާ ނެތިގެން ކަމަށް ބުނާ އިރު، ސިޔާސީ މަގާމުތައް އުފައްދައި ދައުލަތުގެ ހަރަދުތައް އިންތިހާ އަށް ބޮޑުކުރަމުން ގެންދާ ކަމަށެވެ.
"މިފައިސާ މިހާތަނަށް ވެސް ނުދީ އޮތީ ބަޖެޓްގައި ފައިސާ ނެތިގެން ކަމަށް ބުނަމުންދާ އިރު ދައުލަތުގެ ސިޔާސީ މަގާމުތައް އިތުރުކޮށް ދައުލަތުގެ ހަރަދުތައް މިގެންދަނީ އިންތިހާއަށް ބޮޑުކުރަމުން. މަސްވެރިންގެ ސަބްސިޑީ ދިނުމަށް ގޮވާލުމުގެ ގޮތުން މިގަރާރު މިހުށަހެޅީ،" ރަޝީދު ވިދާޅުވި އެވެ.
ވިިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ މަސްވެރިންގެ ސަބްސިޑީ މިއަދާ ހަމައަށް ވެސް ނުލިބި އޮތީ ކޮން ސަބަބަކާ ހުރެތޯ މިއީ ބަލަން ޖެހޭ މައްސަލައެއް ކަަމަށާއި އެ މައްސަލަ މިއަދާ ހަމައަށް ވެސް އޮތީ ސަބް ކޮމިޓީގައި ކަމުގައިވާ އިރު އެކަމުގައި މި ސަރުކާރުން ޒިންމާވާން ނުޖެހޭނެ ކަމަށެވެ.
"މި ފައިސާ މިއަދާ ހަމައަށް ވެސް ނުދީ އޮތީ މިއަދުގެ ސަރުކާރުން ޒިންމާވާން ޖެހޭ މައްސަލައެއް ނޫން. އެމްޑީޕީގެ ސަރުކާރުގައި އޮތް އިރު ވެސް އެ ފައިސާ ދޭން ޖެހޭނެ ކަމަށް އަޅުގަނޑުމެން އޮންނާނީ ބުނެފައި،" ރިޔާޒު ވިދާޅުވި އެވެ.
ސަބްސިޑީ ދިނުމުގެ ގަރާރަށް ތާއީދު ކުރައްވައި ވާހަކަ ދެއްކެވި ގިނަ މެންބަރުން ވިދާޅުވީ ސަބްސިޑީ އަވަހަށް ދޭންޖެހޭ ކަމަށެވެ. ނަމަވެސް އަނެއްބައި މެންބަރުން ވިދާޅުވީ އެ ފައިސާ ދިނުމުގައި މިވަގުތު ދިމާވެފައިވާ ދަތިތަކަކީ ވެސް ވިސްނަން ޖެހޭނެ ކަންކަން ކަމަށެވެ.
ސަރުކާރުގެ މަސްކުންފުނިތަކުގެ ފައިދާ އަމިއްލަ ފަރާތްތަކަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަދި މަސްވެރިންގެ ސިނާއަތް ބަގުރޫޓްވާ ފަދަ ގޮތަކަށް ސިޔާސީ ފަރާތްތަކަށް ބޭނުން ކުރަމުން ގެންދާ މައްސަަލަ ވެސް އެ ގަރާރުގައި ފާހަގަކޮށްފައި ވާތީ އެކަމާ ބެހޭ ގޮތުން ވެސް މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ވާހަކަ ދައްކަވައިފަ އެވެ.