ގދ. ތިނަދޫގައި 18 އަހަރުން ދަށުގެ ދެ ކުއްޖަކު ދުއްވި ސައިކަލެއް އެކްސިޑެންޓްވެ ސީރިއަސް އަނިޔާތަކެއްވެއްޖެ އެވެ.

ތިނަދޫން ވާހަކަ ދެއްކި މީހަކު މިއަދު ބުނީ އިއްޔެ ހަވީރު އެ ރަށުގައި ހިނގި އެކްސިޑެންޓްގައި ސައިކަލު ދުއްވި އެއް ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ވޯޑަށް ދޫކޮށްލާފައިވާ ކަމަށެވެ. އަދި ހަމަ އެ އެކްސިޑެންޓްގައި އަނިޔާވި އިތުރު ކުއްޖަކަށް ވެސް ހޮސްޕިޓަލުން ފަރުވާ ދީފައިވާ ކަމަށެވެ.

ތިނަދޫ ހޮސްޕިޓަލުން ބުނީ އިއްޔެގެ ހާދިސާއާ ގުޅިގެން ޒަޚަމްވި ދެ ކުދިންގެ ތެރެއިން އައިސީޔޫގައި ފަރުވާދިން ކުއްޖާގެ ބަނޑު ކަފައިގެން ދިއުމުގެ އިތުރުން އިންޓާނަލް ބްލީޑިންއެއް ވެސް ހުރި ކަމަށެވެ. އަދި މިހާރު އެ ކުއްޖާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށާއި ވޯޑަށް ބަދަލުކޮށްފައިވާ ކަމަށް ވެސް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ. ތިނަދޫ ހޮސްޕިޓަލުން ބުނީ އެ އެކްސިޑެންޓްގައި އަނިޔާވި ދެވަނަ ކުއްޖާ އަށް ސީރިއަސް އަނިޔާއެއް ނުވި ނަމަވެސް ގައިގެ އެކި ތަންތަނުން ވަރަށް ބޮޑަށް ހަންމަށައިގެން ގޮސްފައިވާ ކަމަށެވެ. އަދި އެކުއްޖާ އަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށްވެ އެވެ.

ތިނަދޫ ބޭރުމަގުން ބާރު ސްޕީޑްގައި އެއްކޮޅަށް ދުއްވި ދެ ސައިކަލު އެކްސިޑެންޓްވެފައި ވަނީ އެއް ސައިކަލު ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން ދިޔަ އަނެއް ސައިކަލަށް ކޮންޓްރޯލު ނުކުރެވިގެން ވެއްޓުނު ސައިކަލު ދުއްވި ކުއްޖާގެ ގައިމަތިން ދިއުމުންނެވެ.

ފުލުހުން ބުނީ އިއްޔެ ތިނަދޫގައި އެފަދަ "އިންސިޑެންޓެއް" ހިނގާފައިވާ ކަމަށެވެ.