ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ އޮފީސް ހުންނަނީ ކޮން ތަނެއްގައިކަން ނޭނގޭތީ އެމަނިކުފާނުގެ އޮފީސް ހިންގުމަށް ދައުލަތުން ދެމުން އައި ފައިސާ ހުއްޓާލައިފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ސަން އޮންލައިނަށް މިއަދު ވިދާޅުވީ ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ އޮފީސް ހަރަދަށްވާ ފައިސާ ނުދީ މަޑުޖައްސާލީ އޮފީސް ހިންގާތަނެއް ސާފުކުރުމަށް އެދި ފޮނުވި ސިޓީ އަށް ނަޝީދު އަދިވެސް ޖަވާބު ދެއްވާފައި ނުވާތީ ކަމަށެވެ. އަދި އެ ފައިސާ ދޫކުރެވޭނީ އޮފީސް ހިންގާ ތަނެއް ސާފުކޮށް ދިނުމުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެކަން ސާފުކުރުމަށް އަޅުގަނޑުމެން ފޮނުވި ސިޓީ އަށް އަދިވެސް ޖަވާބެއް ނުލިބޭ. އެ އޮފީސް ހިންގާ ތަނެއް ސާފުކޮށްދިނީމައި އެ ފައިސާ ދޫކުރާނެ،" ޖިހާދު ވިދާޅުވި އެވެ. ނަމަވެސް އެމަނިކުފާނަށް ދެމުން އަންނަ އެހެން އިނާޔަތްތައް ގަވާއިދުން ދޭ ކަމަށްވެސް ޖިހާދު ވިދާޅުވި އެވެ.

މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގައި އެމްޑީޕީގެ ހުޅުމީދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވީ އޮފީސް އިނާޔަތުގެ ގޮތުގައި ނަޝީދަށް މީގެ ކުރިން ފައިސާ ދޫކުރަމުން ދިޔަ ނަމަވެސް އެ ފައިސާ ހިފެހެއްޓީ ރައްޔިތުން މަޖިލީހުން ސުވާލުކުރާތީ ކަމަށް ފިނޭންސުން ބުނެފައިވާ ކަމަށެވެ.

ކުރީގެ ރައީސުންނަށް ހިމާޔަތާއި ރައްކާތެރިކަމާއި އިނާޔަތް ދިނުމުގެ ގާނޫނުގެ ދަށުން އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި ރައީސް ނަޝީދަށް ވެސް އަދި ރައީސް މައުމޫނަށް ވެސް މަހެއްގެ މައްޗަށް 175،000ރ. ލިބިވަޑައިގަންނަވަ އެވެ. އޭގެ ބޭރުން ގާނޫނުގެ ދަށުން ރައީސް ނަޝީދަށް ވެސް އަދި ރައީސް މައުމޫނަށް ވެސް ކޮންމެ މަހަކު މާލީ އިނާޔަތުގެ ގޮތުގައި 50،000ރ. އަދި ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި 50،000ރ. ބަޖެޓުން ހަރަދުކުރެ އެވެ.

ރައީސް ނަޝީދުގެ އޮފީސް ހަރަދުގެ ފައިސާ ހިފަހައްޓާފައިވާ އޮގަސްޓް، ސެޕްޓެމްބަރު އަދި އޮކްޓޯމްބަރު މަހަށް ދޫނުކޮށް ހިފަހައްޓާފައިވާ ފައިސާގެ ޖުމްލަ އަދަދު 525،000ރ. އަރާނެ އެވެ.