ދައުލަތުގެ މާލިއްޔަތުން ފާއިތުވި ފަސް އަހަރު ދުވަހު ކޮށްފައި ހުރި ހަރަދުތަކާ ބެހޭ "ބަޕްލިކް ޑެބްޓް އޮޑިޓެއް" ހެދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި 300 މިލިއަން ޑޮލަރުގެ ލޯނުގެ މައްސަލާގައި މާލިއްޔަތު ކޮމެޓީން މިއަދު ކުރިމަތި ކުރި ސުވާލުތަކަށް ޖަވާބު ދާރީވެ ވަޑައިގަންނަވަމުން އޭނާ ވިދާޅުވީ އެ މައްސަލައިގައި އެއްޗެއް ވިދާޅުވެވޭނީ އޮޑިޓެއް ހެދުމަށް ފަހުގައި ކަމަށެވެ. ދައުލަތުގެ ހަރަދުތައް ކޮށްފައި ހުރި ގޮތްބެލުމަށް އެ އޮފީހުން މިހާރު ކުރިއަށް ގެންދާ އޮޑިޓްގެ ތެރޭގައި އެކަން ވެސް ހިމެނޭނެ ކަމަށް ނިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެ އޮޑިޓްގައި ބަލާނެ ދައުލަތުން ދަރަނި ނަގާފައި ވަނީ ކިހިނެތްކަމާއި މާލިއްޔަތު ގާނޫނާއި އެއްގޮތައްތޯ ނުވަތަ ނޫންތޯ. އެއީ އަޅުގަނޑުމެން ކުރާ ކޮމިޓްމަންޓެއް އަޅުގަނޑުމެން މިއަހަރު ނިމުމުގެ ކުރިން އެއްވެސް އޮޅުވާލުމެއް ނެތި އެކަން ހާމަކުރާނަން ކަރުދާހުން ފެނުނު ގޮތަށް އެ އޮޑިޓް އަޅުގަނޑުމެން ފޮނުވާނަން،" ނިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސައްކަތް ފެށީ މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށާއި އިއްޔެގެ ނިޔަލަށް ކުރަމުން ދިޔައީ ވޭތުވެ ދިޔަ ފަސް އަހަރު ދައުލަތުން ނަގާފައި ހުރި ލޯނުތަކާއި ދަރަނިތަކުގެ ތަފްސީލްހޯދުން ކަމަށެވެ. އެ މައުލޫމާތުތައް އިއްޔެގެ ވަގުތެއްގައި ލިބިފައިވާ ކަމަށާއި މިހާރު ކުރަމުން ދަނީ އެތަކެތި ދިރާސާކޮށް ބެލުމުގެ މަސައްކަތް ކަމަށެވެ.

"މިއީ ދައުލަތުގެ ދެމިއޮތުމާ ވެސް ގުޅިފައި އޮތްކަމެއްވީމާ މި އޮޑިޓްގެ މުހިންމުކަން ވަރަށް ބޮޑު. އަދި މިއީ ދައުލަތުން ދަރަނި ނެގުމުގައި އަމަލުކޮށްފައި ހުރި ގޮތް ހާމަވެގެންދާނެ އޮޑިޓެއް. ދައުލަތުން ނަގާ ދަރަންޏާ މެދު ވެސް ސަމާލުވުމަކީ އަޅުގަނޑުމެންގެ މެންޑޭޓްގެ ގޮތުގައި މި އޮންނަނީ،" ނިޔާޒު ވިދާޅުވި އެވެ.

ދައުލަތުގެ ދަރަނިތަކުގެ އޮޑިޓެއް ކުރާ މިއީ ފުރަތަމަ ފަހަރެވެ. ނިޔަޒު ވިދާޅުވީ އެ އޮފީހުގައި އެންމެ އެކަށީގެންވާ ވަރަށް ވަސީލަތްތައް ނެތް ނަމަވެސް، "ތީމް ބޭސްޑް އޮޑިޓް" ނޫނީ ވަކި ކަމަކާ ގުޅޭ ގޮތުން އެކަމެއް ހާސިލްވެފައި ހުރި މިންވަރު ބަލައި އޮޑިޓެއް ކުރުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

"މިއީ ވަރަށް ޓެކްނިކަލް ގިނަ ފަންނީ މީހުން ބޭނުންވާ ކަމެއް. އަޅުގަނޑު ލަތުވެތިވޭ އެހެން އެފަދަ އޮޑިޓެއް ކުރަން ރިސޯސް ވެސް ނެތް ވާހަކަ. ނަމަވެސް އަޅުގަނޑުމެން ވަރަށް އަވަހަށް އެފަދަ އޮޑިޓްތައް ވެސް ފަށަން މިއުޅެނީ،" ނިޔާޒު ވިދާޅުވި އެވެ.

އެ އޮފީހުން އަންނަނީ ސަރުކާރުން ކުރިއަށް ގެންދިޔަ ބަޕްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ކަންތައްތައް ކުރިއަށް ދިޔަ ގޮތުގެ އޮޑިޓް ވެސް ކުރިއަށް ގެންދަމުންނެވެ.

މިއަދުގެ ކޮމެޓީގެ ބައްދަލުވުން ނިންމާލަމުން މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ 300 މިލިއަން ރުފިޔާގެ ބަޖެޓް ސަޕޯޓް ލޯނު ނެގި މައްސަލަ މަޖިލީހުގެ ފްލޯގައި ވެސް ކުރިއަށްދާތީ އެ މައްސަލަ އޮތީ ކޮމެޓީގައި މަޑުޖައްސާލައިފަ އެވެ.