16 Oct 2012, 12:00
ގައުމީ ޕާޓީގެ ނައިބު ރައީސް އަދި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ރިޔާޒް ރަޝީދު އެ ޕާޓީން ވަކިވެވަޑައިގެންފި އެވެ.
ގައުމީ ޕާޓީގެ ސެކްރެޓަރީ ޖެނަރަލް އަބްދުﷲ އަމީން މިއަދު ދާޅުވީ ރިޔާޒް އެ ޕާޓީން ވަކިވެވަޑައިގަތުމަށް ގަސްތުކުރައްވާ ކަމަށް ވިދާޅުވެ، ސިޓީއެއް ޕާޓީގެ އޮފީހަށް ލިބިފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވި އެވެ.
ރިޔާޒަކީ ޑީއާރުޕީއާ އެކު ކޯލިޝަން ހަދާފައިވާ ގައުމީ ޕާޓީގައި ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރައްވާ ހަމައެކަނި މެންބަރެވެ.
ގައުމީ ޕާޓީން ރިޔާޒު ވަކިވެވަޑައިގަތް ސަބަބު ސާފުކުރުމަށް އޭނާ އަށް ފޯން ކުރި އިރު ފޯނަށް ޖަވާބު ނުދެއްވާތީ، އޭނާ އެ ޕާޓީން ވަކިވެވަޑައިގަތް ކަން ވެސް އަދި ސަބަބު ވެސް އޭނާގެ ފަރާތުން ވަނީ ސާފުކުރެވޭ ގޮތް ނުވެފަ އެވެ. ނަމަވެސް މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގައުމީ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށް ދޭހަވާ ގޮތަށް އޭނާ ވަނީ ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ "އަޅުގަނޑު ކުރިން ތަމްސްލީކުރި ގައުމީ ޕާޓީން" ކަންތައްތަކެއް ކުރެއްވި ވާހަކަ އެވެ.
ގައުމީ ޕާޓީން ވަކިވެވަޑައިގެންފައިވާ ކަމަށް ދޭހަވާ ގޮތަށް ރިޔާޒް ވާހަކަ ދެއްކެވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ ވަހީދު ނެންގެވި ނިޒާމީ ނުކުތާ އަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ޕާޓީން ވަކިވެވަޑައިގެންފައިވާކަން އަދި އަންގަވާފައިނުވާ ކަމަށެވެ.
ގައުމީ ޕާޓީން ވަކިވާން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ، ގައުމީ ޕާޓީގެ ރައީސް ޑރ. ހަސަން ސައީދަށް ރިޔާޒު އިއްޔެ ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ ސަރުކާރު ނިންމުމަކަށް ގެނައުމަށް ގައުމީ ޕާޓިންވީ ވައުދު ފުރިހަމަވެފައިވުމާ އެކު މިހާރުގެ ސަރުކާރުގެ އިސް މަގާމުތަކުގައި އެ ޕާޓީގެ އިސް މެންބަރުންތަކެއް ހިމެނިވަޑައިގެންފައިވާ ދަނޑިވަޅުގައި އެޕާޓީން ރިޔާޒް ފަދަ އާދައިގެ މީހަކު ހުރުން ނުވަތަ ނެތުމަކީ ޕާޓީ އަށް އެއްވެސް ވަރެއްގެ އުނިކަމެއް ލިބޭނެ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.