ލަންޑަން (އޮކްޓޯބަރ 16):ޔުނައިޓެޑް ކިންގްޑަމްގެ އިއްތިޙާދުން ސްކޮޓްލޭންޑް ވަކިވެ މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ސްކޮޓްލޭންޑް މިނިވަންވުމާ ބެހޭ ގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމުގެ އެއްބަސްވުމުގައި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާއި ސްކޮޓްލޭންޑްގެ ވަތަނީ ޚިޔާލުގެ ޒަޢީމް އެލެކްސް ސެލްމޮންޑް ސޮއިކުރައްވައިފި އެވެ.

މިއެއްބަސްވުމުގައި ދެބޭފުޅުން ސޮއިކުރެއްވީ ސޮކޮޓްލޭންޑްގެ ލޯކަލް ސަރުކާރުގެ މައިމަރުކަޒުގަ އެވެ. މިއެއްބަސްވުމުގައިވާ ގޮތުން ސްކޮޓްލޭންޑް މިނިވަން މުސްތަޤިއްލު ދައުލަތަކަށް ހެދުމަށް އެ ސަރަޙައްދުގެ ރައްޔިތުންނަށް ފެނޭތޯ ނުވަތަ ނުފެނޭތޯ ބެލުމަށް ބާއްވާ ވޯޓު އޮންނާނީ 2014 ވަނަ އަހަރު އެވެ. މި ވޯޓުގައި ސްކޮޓްލޭންޑް މިނިވަން މުސްތަޤިއްލު ދައުލަތަކަށް ހެދުމަށް 50 އިންސައްތައަށް ވުރެ ގިނަ ރައްޔިތުން ތާއީދުކޮށްފައިވާ ނަމަ ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ)ގެ އިއްތިޙާދުން ސްކޮޓްލޭންޑް ވަކިވާނެ އެވެ. އަދި މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ސްކޮޓްލޭންޑް ނުކުންނާނެ އެވެ.

ޔޫކޭގެ އިއްތިޙާދުގައި ހިމެނެނީ އިންގްލެންޑާއި ސްކޮޓްލޭންޑްގެ އިތުރުން ވޭލްޒް އާއި އުތުރު އަޔަރލޭންޑެވެ. ފެންނަ ނުފެންނަ މިވޯޓާގުޅިގެން ޔޫކޭގެ އިއްތިޙާދުން ސްކޮޓްލޭންޑް ވަކިވެއްޖެ ނަމަ ދެން އެ އިއްތިޙާދުގައި އޮންނާނީ އިންގްލެންޑާއި ވޭލްޒް އާއި އުތުރު އަޔަރލޭންޑެވެ. ސްކޮޓްލޭންޑްގެ މުސްތަޤްބަލާ މެދު ބާއްވާ ފެންނަ ނުފެންނަ އިންތިޚާބުގެ އެންމެހާ ކަންތައްތައް އިންތިޒާމްކޮށް ބެލެހެއްޓުމުގެ ބާރު މިއެއްބަސްވުމުގެ ދަށުން ލިބިދީފައި ވަނީ ސްކޮޓްލޭންޑްގެ ލޯކަލް ޕާލަމެންޓަށެވެ.

މިއެއްބަސްވުމުގައި ސޮއިކުރެއްވި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮންއަކީ އިނގިރޭސި އިއްތިޙާދުން ސްކޮޓްލޭންޑް ވަކިވުމާ ދެކޮޅު ހައްދަވާބޭފުޅެކެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ކެމެރޮން ވިދާޅުވީ މިނިވަންވުމަށް ސްކޮޓްލޭންޑްގެ ރައްޔިތުންނަށް ފެންނަ ނަމަ އެކަން އެގޮތަށް ވާންޖެހޭނެ ކަމުގަ އެވެ. އަދި މިއީ ސްކޮޓްލޭންޑްގެ ތާރީޚުގެ މުޅިން އައު ބާބެއް ކަމަށާއި ސްކޮޓްލޭންޑްގެ މުސްތަޤްބަލް ކަނޑައެޅުމުގެ ހުރިހާ ބާރުތަކެއް ވަނީ އެސަރަޙައްދުގެ ރައްޔިތުންގެ އަތުގައި ކަމަށް ޤަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އިނގިރޭސި އިއްތިޙާދުން ސްކޮޓްލޭންޑް ވަކިވެގަތުމާ މެދު ގޮތެއް ނިންމާއިރު ސްޕޭންގެ ކެތަލީނިޔާ ވެސް ވަނީ ސްޕޭންގެ ދައުލަތާ ވަކިވެ އެ ސަރަޙައްދު މުސްތަޤިއްލު ދައުލަތަކަށް ހެދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ނިންމާފަ އެވެ. އަދި އިޓަލީގެ ވެނިސް އާއި އިތުރު އެހެން ސަރަޙައްދެއް ވެސް މިހާރު ގެންދަނީ އިޓަލީގެ ދައުލަތުން ވަކިވެ މިނިވަންވާން ބޭނުންވާކަން ހާމަކުރަމުންނެވެ.

ޔޫރަޕްގެ މިސަރަޙައްދުތައް ވަކިވެގަތުމަކީ ޔޫރަޕަށް މިހާރު ކުރިމަތިވެފައިވާ އިޤްތިސާދީ މައްސަލަތަކާގުޅިގެން ޔޫރަޕް ބައިބައިވެ ރޫޅިގެން ދިޔުމުގެ ކޮޅުމަތިކަމަށް ސްޓްރެޓީޖިކް ދިރާސާތައް ކުރާ ފަރާތްތަކުން ލަފާކުރެ އެވެ. ޔޫކޭ ގެ އިއްތިޙާދުން ސްކޮޓްލޭންޑް ވަކިވެ މުސްތަޤިއްލު ދައުލަތަކަށް އެ ސަރަޙައްދު ވެއްޖެ ނަމަ އިޤްތިސާދީ ގޮތުންނާއި ބާރުގެ ގޮތުން މިއިއްތިޙާދު ވަރަށްބޮޑަށް ބަލިކަށިވެގެންދާނެ ކަމަށް ތަޖްރިބާކާރުން ދެކެ އެވެ. (ނޫސްއެޖެންސީތައް)