އިންޑިޔާގައި 2010 ވަނަ އަހަރު އަންހެން ކުއްޖަކާއި އޭނާގެ ލޯބިވެރިޔާ މަރައިލުމުގެ ކުށުގައި، ދިއްލީ ކޯޓުން، އާއިލާއެއްގެ ފަސް މީހުންނަށް މަރުގެ ހުކުމް އިއްވައިފިއެވެ. އާއިލާގެ ރުހުމާ ޚިލާފަށް، ފިލައިގެން ގޮސް ކައިވެނި ކުރާން އުޅުމުން، އާޝާ ނަމަކަށް ކިޔާ އަންހެން ކުއްޖާ އާއި އޭނާގެ ލޯބިވެރިޔާ ޔޯގޭޝް މަރައިލައިފައިވަނީ އާޝާގެ އާއިލާއިންނެވެ.

އަނިޔާވެރި ގޮތަކަށް އާޝާ އާއި ޔޯގޭޝް މަރައިލި ދުވަހުގެ ފަހު ދުވަހު ފުލުހުން ވަނީ އާޝާގެ މަންމަ އާއި ބައްޕަ އާއި ބޮޑުބޭބެގެ އިތުރުން ދެބެންގެދެދަރި މީހަކު ވެސް ހައްޔަރު ކޮށްފައެވެ. އާޝާގެ އާއިލާގެ މީހުން އާޝާ އާއި ޔޯގޭޝް މަރައިލީ އާއިލާގެ ގަދަރު ހިފަހައްޓާންށޭ ކިޔައިފައެވެ. ޔޯގޭޝް އަކީ އެހެން ފަންތިއެއްގެ އާއިލާއަކަށް ނިސްބަތް ވާ މީހަކަށް ވެފައި، ޔޯގިޝް އާޝާއާ ކައިވެނި ކޮށްފި ކަމަށް ވާ ނަމަ، އާޝާގެ އާއިލާގެ ނަން ކިލަނބު ވާނެ ކަމަށް އާޝާގެ އާއިލާއިން ގަބޫލު ކުރުމުގެ ނަތީޖާއަކަށް ވީ އެ ދެ މީހުންގެ ގުޅުމަށް އާއިލާގެ ރުހުން ނުލިބުނު ތާނގައި، އާއިލާގެ ނުރުހުމުގައި ކައިވެނި ކުރުމުގެ ފުރުސަތު ވެސް ނުލިބުމެވެ.

ބީބީސީން ބުނާ ގޮތުގައި މަރުގެ ހުކުމް އިއްވަމުން ގާޒީ ވަނީ މި މައްސަލަ ވަރަށް ސާފު ކަމަށާއި ސަރިޔަތަށް މައްސަލަ ސާބިތު ވާ ކަމަށް ބުނެފައެވެ.

"މަރައިލެވުނު މީހުން މަރު ވެފައި ވަނީ، އެމީހުންގެ މަރުގެ ތުހުމަތު ކުރެވުނު ފަރާތްތަކުން އެމީހުން ބަނދެ، އެއްވެސް ރަހުމެއް ނެތި އެމީހުންނަށް އަނިޔާކޮށް، އެމީހުންގެ ގައިގެ އެކި ތަންތަނުގައި ކަރަންޓު ޖެއްސުމުގެ ސަބަބުން ކަމަށް، މި ވަނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ސަރިޔަތަށް ސާބިތު ވެފައި." ކަމަށް ގާޒީ ރަމޭޝް ކުމާރު ނިންމިއެވެ.

އާއިލާގެ ގަދަރު ހިފަހައްޓާންށޭ ކިޔައިފައި މީހުން މެރުމާއި، އަދި އެހެން ސަބަބަކާ ހުރެ ނަމަވެސް ގަސްތުގައި މީހުން މެރުމުގެ އަދަބަކީ މަރު ކަމަށް އިންޑިޔާގެ ސުޕްރީމް ކޯޓުން މިދިޔަ އަހަރު ވަނީ ކަނޑައަޅައިފައި ކަމަށް ބީބީސީން ބުނެއެވެ.