12 Sep 2010, 12:43
ރައީސުލްޖުމްހޫރިއްޔާ އަށް ތަސްދީގު ކުރެއްވުން ލާޒިމްވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ދެވަނަ ފަހަރަށް ފާސްކުރި މާލިއްޔަތުގެ ގާނޫނުގެ ބިލް ތަސްދީގު ކުރެއްވުމަށް ޤާނޫނު އަސާސީގައި ވަކި މުއްދަތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ އެވެ.
ސަރަހައްދީ އޮންލައިން ނޫހެއް ކަމަށްވާ އޭޝިއަން ޓްރިބިއުނަށް ބުދަ ދުވަހު ދެއްވާފައިވާ އިންޓަވިއުއެއްގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މާލިއްޔަތުގެ ބިލު ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލެއްވުމުން، އަނެއްކާ ވެސް އެ ބިލު 39 ވޯޓުގެ އަޣުލަބިއްޔަތުން ފާސްކޮށް، ތަސްދީގު ކުރެއްވުމަށް ފޮނުވި ކަމަށާއި ނަމަވެސް، އެގޮތަށް ފޮނުވާ ބިލުތައް ތަސްދީގު ކުރެއްވުމަށް ވަކި ވަގުތެއް ޤާނޫނު އަސާސީގައި ބުނެފައިނޯންނާނެ ކަމަށެވެ.
ބައެއް ހާލަތްތަކުގައި އެކަން ކުރައްވަންވީ މުއްދަތު ބަޔާންކޮށްފައި އޮންނަ ކަމަށާއި އެ ބިލު ތަސްދީގު ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. ނަމަވެސް، އެކަން ކުރައްވާނީ ވަރަށް ބޮޑަށް ވިސްނެވުމަށް ފަހު ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑު ބޭނުންވޭ [މާލިއްޔަތުގެ ބިލު] ތަސްދީގުކުރަން. އެކަމަކު އެކަން ކުރުމުގެ ކުރިން އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން އެބަޖެހޭ" ރައީސް ވިދާޅުވި އެވެ.
ތަސްދީގު ކުރެއްވުން ރައީސަށް ލާޒިމުވާ ގޮތަށް މަޖިލީހުން ފާސްކުރި މާލިއްޔަތުގެ ބިލު ތަސްދީގު ކުރެއްވުމަށް ވަކި މުއްދަތެއް ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް، ރާއްޖޭގައި ބަންޑާރަނައިބުކަން ކުރައްވާފައިވާ ބޭފުޅަކު، ނަން ހާމަނުކުރުމަށް ޝަރުތުކޮށް، ވިދާޅުވީ ބިލެއް ދެވަނަ ފަހަރަށް މަޖިލީހުން ފާސްވުމުން އެ ބިލު ދެން ރައީސް ތަސްދީގު ކުރައްވަން ޖެހިވަޑައިނުގަންނަވާނެ ކަމަށާއި ސަރުކާރުން ހަމައެކަނި ކުރަން ޖެހޭނެ ކަމަކީ އެ ބިލު ގެޒެޓް ކުރުން ކަމަށެވެ.
"މަޖިލީހުން ބިލެއް ދެވަނަ ފަހަރަށް ފާސްވާ ހިސާބުން ނުޖެހޭނެ ދެން ރައީސް ތަސްދީގުކުރާކަށް. އެ ބިލު އޮޓަމެޓިކުން ތަސްދީގުވީ. އަދި ސަރުކާރުން ދެން ކުރަން ޖެހޭނެ ކަމަކީ އެ ބިލު ފާސްވާ ދުވަހު ސަރުކާރު ގެޒެޓުގައި ޝާއިއުކުރުން"
އަދި ނަން ނުޖެހުމަށް ޝަރުތުކުރައްވާ ތަޖުރިބާކާރު އެހެން ޤާނޫނީ ވަކީލަކު ވިދާޅުވީ، ބިލެއް ފާސްކުރާތާ 15 ދުވަހުގެ ތެރޭގައި އެ ބިލެއް ރައީސް ތަސްދީގުކުރެއްވުމާއި ނުކުރެއްވުމާ މެދު ގޮތެއް ނިންމަވަން ޖެހޭނެ ކަމަށް ޤާނޫނު އަސާސީގައި ބުނާ ކަމަށެވެ. އެހެންކަމާ އެކު، އޭނާ ވިދާޅުވީ، އެ އުސޫލަށް ބަލާއިރު ވެސް ރައީސުލްޖުމްހޫރިއްޔާ އަށް ބިލެއް ތަސްދީގު ކުރެއްވުމަށް ލާޒިމްކޮށް ދެވަނަ ފަހަރަށް މަޖިލީހުން ފާސްކުރާ ބިލުތައް ވެސް އެއަށް ވުރެ ދިގު މުއްދަތެއް ނަގައިގެންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މާލިއްޔަތުގެ ގާނޫނުގެ ބިލު އަދިވެސް ސަރުކާރުން ގެޒެޓުނުކޮށް ވަނީ ކީއްވެގެންތޯ ދެންނެވުމުން ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު މިދިޔަ ހަފުތާގައި ފުރަތަމަ ވިދާޅުވީ، ބިލު ގެޒެޓްކުރުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އެ ބިލު މަޖިލީހުގެ އިދާރާ އިން ރައީސް އޮފާހަށް ލިބުނުހާ އަވަހަކަށް ގެޒެޓްކުރައްވާނެ ކަމަށެވެ. ނަމަވެސް، މިދިޔަ މަހުގެ 26 ގައި ދެވަނަ ފަހަރަށް މަޖިލީހުން ފާސްކުރި މާލިއްޔަތުގެ ބިލު އެ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައީސް އޮފީހަށް ފޮނުވާފައިވާ ކަމަށް މަޖިލީހުގެ އިދާރާ އިން ވަނީ މިއަދު ކަށަވަރުކޮށްދީފަ އެވެ.
މި ބިލަކީ، ދާދިފަހުން މުޅި ކެބިނެޓު އެއްކޮށް އިސްތިއުފާދެއްވި މައިގަނޑު އެއް ސަބަބެވެ. ދައުލަތުގެ އެއްވެސް މުދަލެއްގެ މުއާމަލާތް މަޖިލީހުގެ ރުހުން ނެތި ނުކުރެވޭ ގޮތަށް މާލިއްޔަތު ބިލު އިސްލާހުކުރުމާ ގުޅިގެން ސަރުކާރުން ބުނަމުން ދިޔައީ، އެހެން އެ ޤާނޫނު އޮއްވާ ސަރުކާރު ހިންގުމުގައި ބޮޑެތި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ. އަދި ވަޒީރުން ވިދާޅުވަމުން ގެންދެވީ އެބޭފުޅުންގެ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހުރަސްއެޅޭނެ ކަމަށެވެ.
ނަމަވެސް، އެ ބިލު ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލެއްވުމުން ވެސް ދެވަނަ ފަހަރަށް މަޖިލީހުން ފާސްކުރީ އެ ބިލު އޮތް ގޮތަށެވެ. އެހެންކަމުން ދެން އެކަމަށް އޮތް ހައްލެއް ހޯދުމުގެ މަސައްކަތް ބަންޑާރަ ނައިބު ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.