16 Oct 2012, 09:12
ބޮލީވުޑުގެ މަޝްހޫރު ފިލްމީ ތަރީން ކަމަށް ވާ ސައިފް ޢަލީ ޚާން އާއި ކަރީނާ ކަޕޫރުގެ ކައިވެނީގެ ރަސްމުތައް ފެށިއްޖެ ކަމަށް ޚަބަރު ލިބެ އެވެ. ކަރީނާ އާއި ސައިފްގެ ކައިވެނީގެ ރަސްމުތައް ކުރިޔަށް ދާ އިރު، ބޮލީވުޑުގެ މަޝްހޫރު ފަރާތްތަކުން ދަނީ ސައިފް އާއި ކަރީނާއަށް ވަރަށް ހޫނުކޮށް މަރުހަބާ ކިޔަމުންނެވެ.
ސައިފް އާއި ކަރީނާގެ ކައިވެނީގެ ސަންގީތު ހަފްލާ އޮތީ ބާންދްރާގައި ހުންނަ، ކަރީނާގެ ގޭގައި އާދީއްތަ ދުވަހު އެވެ. ސަންގީތު ހަފްލާގެ ކުލަގަދަކަމުން އެއީ ފެޝަނާއި، ރީތިކަމާއި، ފިލްމީ ތަރީންގެ މޭލާއެކޭ ހީވާ ވަރު ވީ ކަމަށް ބޮލީވުޑުގެ ޚަބަރުތައް ގެނެސް ދޭ ފަރާތްތަކުން ސިފަ ކޮށްފައި ވެއެވެ. ސަންގީތު ޙަފްލާގައި ނީތޫ ސިންހާއި، ބަބީތާ އާއި މަލާއިކާ އަރޯރާ ޚާން އާއި ކަރަން ޖޯހަރާއި ތުޝާރު ކަޕޫރު ފަދަ ފިލްމީ ދުނިޔޭގައި މަޝްހޫރު އެތައް ފަރާތެއްގެ ބައިވެރިވުން ފާހަގަ ކުރެވިގެން ދިޔައެވެ.
ކައިވެނި ކުރުން އޮންނާނީ ކޮން ދުވަހެއްގައި ކަން ރަސްމީކޮށް އިއުލާންކޮށްފައި ނުވިޔަސް، ސައިފް އާއި ކަރީނާގެ ކައިވެނި ކުރެވޭނީ އަންގާރަ ދުވަހު (މިއަދު) ކަމަށް ބީބީސީ އުރުދޫގައި ހާމަކޮށްފައިވެއެވެ.
ސައިފް އާއި ކަރީނާގެ ކައިވެނީގެ ތައްޔާރީތަކުގައި އެންމެ އިސްކޮށް އުޅެނީ ފިލްމީ ތަރި އަދި ސައިފްގެ ކޮއްކޮ ސުހާ އަލީ ޚާން އާއި ސަބާ އަލީ ޚާނެވެ. ކައިވެނީގެ ވަލީމާ ބޮންބޭގެ އިތުރުން ދިއްލީގައި ވެސް ކުރިޔަށް ދާނެ ކަމަށް ޚަބަރު ލިބެއެވެ. ކައިވެނީގެ ރަސްމިއްޔާތުގެ ފުރަތަމަ ބައި އޮންނާނީ ބޮންބޭގައެވެ. ދެން އޭގެ ފަހުގެ ބައި އޮންނާނީ ދިއްލީއާ ގުޅިފައިވާ ސައިފްގެ ޚާންދާނީ ރަށް ކަމުގައިވާ ޕަޓައުދީގައެވެ.
ސައިފް އާއި ކަރީނާގެ ކައިވެނި ޕާޓީއަށް އިންޑިޔާގެ ރައީސް ޕްރަނަބް މުކަރުޖީ ވެސް ވަޑައިގަންނަވާނެ ކަމަށް ޚަބަރު ލިބެއެވެ. ޕްރަނަބް މުކަރުޖީ އަކީ ސައިފްގެ މަންމަ ޝަރްމީލާ ޓޭގޯރ އެކޭ އެއްފަދައިން ވެސްޓް ބެންގާލަށް ނިސްބަތް ވެވަޑައިގަންނަވާ ބޭފުޅެކެވެ.
ކައިވެނީގެ ރަސްމިއްޔާތުތަކަށް ކަރީނާ ކަޕޫރުގެ ހެދުންތައް ފަރުމާކޮށްފައި ވަނީ މަނޭޝް މަލޯތުރާއެވެ.
މިއީ ސައިފް ޢަލީ ޚާންގެ ދެވަނަ ކައިވެންޏެވެ. ކުރީން ސައިފް ކައިވެނިކޮށްފައި ވަނީ ފިލްމީ ތަރި އަމްރިތާ ސިންހާއެވެ. އަމްރިތާ ސިންހާއި ސައިފަށް ދެ ކުދީން ލިބިފައިވެއެވެ. އެއީ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ސައިފް އާއި ކަރީނާގެ ކައިވެނީގެ ސަންގީތު ޙަފްލާގައި ސައިފްގެ ދެ ކޮއްކޮއިން ކަމުގައިވާ ސުހާ އާއި ސަބާއާ އެކު ސައިފްގެ ދަރިފުޅު ސާރާ ޢަލީ ޚާން ވެސް ބައިވެރިވިއެވެ.
ސައިފް އާއި ކަރީނާ ހަނީމޫނަށް އައުމަށް ޚިޔާލުކޮށްފައިވާ މަންޒިލުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނޭ ކަމަށް ޚަބަރު ލިބެއެވެ.
\"