16 Oct 2012, 08:28
ތަޢުލީމްގެ ފެންވަރު ރަނގަޅު ކުރުމަށް ޓީޗަރުނަށްދޭ އެހީތެރިކަން އިތުރުކުރުުމުގެ ގޮތުން ޓީޗަރުނަށްދޭ އެލެވެސްތަކާއި އިނާޔަތްތައް އަލުން ދިރާސާކޮށް މުރާޖާ ކުރާނެ ކަމަށް ރައީސުލްޖުމްހޫރީއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރީއްޔާ މިހެން ވިދާޅުވީ ރޭ ޓީޗާސް އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް މުހަންމަދު ވަހީދު ވިދާޅުވީ ތަޢުލީމްގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ އެންމެ އަސާސީ މަސައްކަތަކީ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުން ކަމަށާއި އަދި ޓީޗަރުންނަށް ވެދެވޭ އެހީތެރިކަން އިތުރު ކުރުން ކަމަށެވެ. އެގޮތުން ޓީޗަރުންނަށް އިތުރު ހިއްވަރު ދިނުމަށް ޓީޗަރުންނަށް ހާއްސަކޮށްގެން އެ މީހުންގެ ފެންވަރު ރަނގަޅު ކުރުމުގެ ޕްރޮގްރާމް ތަކެއް ހިންގަން ޖެހޭ ކަމަށާއި ޓީޗަރުންނަށް ދޭ އެލެވެސްތަކާއި އިނާޔަތްތައް އިތުރަށް ދިރާސާ ކުރަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ.
"ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ އެންމެ އަސާސީ މަސައްކަތަކީ ޓީޗަރުންގެ ފެންވަރު ރަނގަޅު ކުރުން. އަދި ޓީޗަރުންނަށް ވެދެވޭ އެހީތެރިކަން އިތުރު ކުރުން. އެހެންވީމާ އެގޮތުން ޓީޗަރުންނަށް އިތުރު ހިއްވަރު ދިނުމަށް ޓީޗިން ޕްރޮގްރާމް ތަކުގައި ފެންވަރު ރަނގަޅު ދަރިވަރުން ބައިވެރި ކުރުމަށް، ޓީޗަރުންނަށް ދޭ އެލެވެސްތަށް އަލުން މުތާލިޢާކޮށް ރަނގަޅުކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން އެންމެބޮޑު އިސްކަމައްދެއްވަނީ ތައުލީމް އުގެނޭ މުއައްސަސާތަށް ވަރުގަދަ ކުރަން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ހަރުދަނާ ތަޢުލީމީ ޒުވާނުން އިތުރުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ތަޢުލީމީ ނިޒާމަކީ މީގެ އަހަރުތަކެއްކުރިން ފަރުމާ ކުރެވި ބައްޓަން ކުރެވިފައިވާ ނިޒާމެއް ކަމަށާއި ރާއްޖޭގެ ތައުލީމަށް މިއަދު ވަނީ އާ ބަދަލުތަކެއް ގެންނަން ޖެހިފައި ކަމަށެވެ.
ރައީސް ވިދާޅުވީ ތައުލީމް ހާސިލް ކޮށްގެން ނިކުންނަ ކުދިންނަކީ ގައުމަށް ފައިދާހުރި މުޖުތަމަޢަށް ބޭނުންތެރި ބަޔަކަށް ހެދުމަށް މިހާރު އެކުލަވާލައިފައިވާ ތަޢުލީމްގެ މަންހަޖު ވަރަށް އަވަހަށް ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އަދި އެކަން ކުރެވޭނީ ޓީޗަރުންނަށް އިތުރު ތަމްރީން ލިބިގެންކަމަށް ރައީސް ވިދާޅުވި އެވެ.
"ސްކޫލް ނިމިގެން ނުކުންނަ ކުދިންނަކީ ގައުމަށް ބޭނުން ހިފޭ ރަނގަޅު ފެންވަރެއްގެ ތަޢުލީމަކާ ތަރުބީޔަތެއް ލިބިފައިވާ ކުދިންނަށްވާން އެބަޖެހޭ. އެކަން ހާސިލް ކުރުމަށް މިހާރު އުފައްދާފައިވާ މަންޙަޖު އަވަސް މުސްތަގުބަލެއްގެ ތެރޭގައި އެބަ ޖެހޭ ތަންފީޒްކުރެވެން، އެކަން ކުރެވޭނީ ޓީޗަރުންނަށް ވެސް އިތުރު ތަމްރީން ދެވިގެން،" ރައީސް ވިދާޅުވި އެވެ.
ތަޢުލީމު އުގެނެމުންދާ ކުދިންގެ ތެރެއިން މަދުއަދަދެއްގެ ކުދިން ކިޔަވަމުންދާ ގިނައަދަދެއްގެ ސްކޫލްތަށް ރާއްޖޭގައި ހުރިކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ސްކޫލް ތަކުގައި ތައުލީމް އުގަންނައި ދިނުމުގެ އިތުރު ޕްރޮގްރާމްތަކެއް ހިންގައި އެފަދަ ސްކޫލްތައް ކުރިއެރުވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ.
ރައީސް އަދި ވިދާޅުވީ ގިނަ ޒުވާނުންނަށް މިހާރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގްރޭޑް 10 އަކާ ހިސާބުން ކިޔެވުން ނިންމާލަން ޖެހުމުގެ މައްސަލަ ކަމަށާއި އެކަމަށް އަވަސް ހަލެއް ގެންނަން ޖެހޭ ކަމަށެވެ.
"މިއަދު ދިވެހިރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގްރޭޑް 10 އަކާއި ހަމައިން ތައުލީމް އުގެނުން ނިންމާލަންޖެހުން. އުމުރުން ސޯޅަ އަހަރުގައި ސްކޫލް ނިމިގެން އިތުރު ކަމެއްނެތިފައި ތިބެން ޖެހުން. އަޅުގަނޑުގެ އުންމީދަކީ ތައުލީމީ ސިޔާސަތަަށް ބަދަލުތަކެއް ގެނެސް ދިވެހި ކޮންމެ ކުއްޖަކީ އުމުރުން 18 އަހަރު ވަންދެން ތައުލީމީ ޕްރޮގްރާމެއްގެ ތެރޭގައި ކިޔަވާދެމުން ގެންދާ ކުއްޖަކަށްވުން. އަދި 18 އަހަރުވުމުން ކިޔަވައިގެން ނިކުންނައިރު ހަމަ ކޮންމެ ކުއްޖަކީވެސް ބޭނުންހިފޭ ބޭނުންތެރި ކުއްޖެއް ކަމުގައިވުން،" ރައީސް ވިދާޅުވި އެވެ.
ޒުވާންޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތު ހަރުދަނާ ކުރަން ޖެހޭ ކަމަށާއި އެ މަސައްކަތް ކޮށްދެއްވުމަށް ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގައި މަސއްކަތް ކުރައްވާ ހުރިހައި ބޭފުޅުންގެ އަރިހުން ރައީސް އެދިވަޑައިގަތެވެ.
ރައީސް ވިދާޅުވީ ދަރިވަރުންނަށް ދެވޭ ތަޢުލީމްގެ ފެންވަރު ރަނގަޅު ކުރުމަށް މިހާރު ގިނަ ދުވަސް ވެފައިވާ ސްކޫލްތަކުގެ އިމާރާތް ތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެ އިމާރާތްތައް މަރާމާތު ކުރަންޖެހިފައިވާ ކަމަށެވެ. އަދި އެމަސައްކަތްތައް އެޑިއުކޭޝަނާއި ގުޅިގެން އަވަސް މުސްތަގުބަލެއްގައި ސަރުކާރުން ކުރާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.