ނިއު އަށް މިސީޒަނަކީ ވަރަށް ކާމިޔާބު ސީޒަނެއް ކަމަށާއި މިއަދު ލިބުނު ގައުމީ ތައްޓަކީ ވަރަށް މުހިންމު ކާމިޔާބީއެއް ކަމަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ދިވެހި ލީގު ވެސް ނިއު އަށް ހޯދައިދިން ކޯޗު ބުނީ ސީޒަނުގައި ކުޅުނު 22 މެޗުގެ ތެރެއިން އެންމެ މެޗަކުން ބަލިވުމަކީ ބޮޑު ކާމިޔާބީއެއް ކަމަށެވެ. ނިއު ބަލިވީ އެފްއޭކަޕް ސެމީ ފައިނަލުގައި އީގަލްސް އަތުން އެކަންޏެވެ. އެކަމަކު އެއީ ބަލިނުވާން މޯހަން ވެސް އެންމެ ބޭނުންވި މެޗެވެ.

"އެފްއޭކަޕަކީ ނިއު އަށް ވަރަށް މުހިންމު މުބާރާތެއް. އެހެންވެ އެންމެ ބަލިނުވާން ބޭނުންވި މެޗު އެއީ. އެކަމަކު ދެ މުބާރާތް ކާމިޔާބު ކުރެވުމަކީ ބޮޑު ކާމިޔާބީއެއް. ކުޅުންތެރިންގެ މަސައްކަތްމިއީ،" މޯހަން ބުންޏެވެ.

އޭނާ ބުނީ ނިއު އަށް ކާމިޔާބު ހޯދައިދެވުމުން ވަރަށް އުފާވާ ކަމަށާއި ސަބަބަކީ އޭނާ އަކީ އެކުލަބުގެ ސަޕޯޓަރަކަށްވެފައި ނިއުއަކީ އޭނާގެ ލެޔާ ގުޅިފައިވާ ކުލަބަކަށްވުމެވެ. ނިއުގެ ބާނީ އަކީ އޭނާގެ ބައްޕަ ކުއީން އަހުމަދު ވަހީދެވެ. އޭނާގެ ބޭބެ އެފްއޭއެމުގެ ރައީސް އަލީ އާޒިމަކީ ނިއުގެ ކުރީގެ ޗެއާމަނެވެ.

މޯހަން ބުނީ އަމިއްލަ ގެއިން ނުކުތް ކުލަބަކީ އާއިލާގެ މެމްބަރެއް ކަމަށާއި އެކުލަބަކީ މުޅި އާއިލާއަށް ވެސް ވަރަށް ހާއްސަ އެއްޗެއް ކަމަށެވެ. މިހެންވެ ގައުމީ ތަށި ހާއްސަކުރަނީ މިއަދު އުފަންދުވަސް ފާހަގަ ކުރި އޭނާގެ މަންމަ އަށް ކަމަށެވެ.

"ހަގީގަތުގައި މިއީ ކުލަބުގެ އެންމެހާ ސަޕޯޓަރުންނާއި މެނޭޖްމަންޓް ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ. ނިއު އަށް މިހާރު ސީޒަން ނިމުމުން އަންނަ އަހަރު މިއަށްވުރެ ބޮޑު ކާމިޔާބީއެއް ހޯދަން މަސައްކަތް ފަށަން އެބަޖެހޭ. އަންނަ އަހަރަކީ އޭއެފްސީ ކަޕު ވެސް ކުޅޭ އަހަރު ކަމަށްވުމުން އެއީ މުހިންމު އަހަރެއް،" މޯހަން ބުންޏެވެ.