ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅޭ ގައުމީ ފުޓްބޯޅަ މުބާރާތުގެ ފައިނަލް ގައި އެންމެ ފަހުގެ ޗެމްޕިއަން ވިކްޓަރީ އަތުން، ޕެނަލްޓީ ޖަހައިގެން 2- 1 އިން މޮޅުވެ، މުބާރާތުގެ ތަށި ހަތަރު އަހަރަށް ފަހު ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބުން އުފުލާލައިފި އެވެ.

މިއީ މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި ނިއު ކާމިޔާބު ކުރި ދެ ވަނަ މުބާރާތެވެ. އެގޮތުން ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ ދިރާގް ދިވެހި ލީގް ވެސް ނިއު ކާމިޔާބު ކުރީ ފަހަތުން އަރާ 3-1 ލަނޑުން ވިކްޓަރީ ބަލިކުރުމަށްފަހު އެވެ. ދިވެހި ލީގު އެޓީމުން ކާމިޔާބު ކޮށްފައި ވަނީ ވެސް ފަސް އަހަރުގެ މެދު ކެނޑުމަކަށް ފަހުއެވެ.

ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ވަގުތު ހަމަވެގެން އިތުރަށް ކުޅުނު 15 މިނެޓުގެ ދެ ހާފުގައި ވެސް ދެޓީމް ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވުމުން، ދެން ކުރިއަށް ގެންދަން ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓެވެ.

އެގޮތުން މިއަދުގެ މެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ނިއު މޮޅުވީ ވިކްޓަރީގެ ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) ފޮނުވާލި އެ ޓީމުގެ ފަސް ވަނަ ޕެނަލްޓީ ބޭރަށް ދިއުމުންނެވެ.

އޭގެ ކުރިން ނިއުގެ އިބްރާހިމް ފަޒީލް (އޮއްޕޮ) އާއި އަހުމަދު ނިޔާޒް (ނިޔާ) ވަނީ ނިއުގެ ދެ ޕެނަލްޓީ ކާމިޔާބު ކޮށްދިނެވެ. އަދި ޕެނަލްޓީގައި ވިކްޓަރިން ޖެހި ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުވި ޕެނަލްޓީ އެޓީމަށް ކާމިޔާބު ކޮށްދިނީ މިފަހަރުގެ ސީޒަންގެ ލަނޑު ލިސްޓުގެ އެންމެ ކުރީގައި އުޅޭ މުހައްމަދު އުމެއިރެވެ

މިއަދުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ވިކްޓަރީގެ އަކުރަމް ޖެހި އެޓީމްގެ ފުރަތަމަ ޕެނަލްޓީ ނިއުގެ ގޯލްކީޕަރު އިމްރާން މުހައްމަދު ދިފާއުކުރިއިރު، އެޓީމުގެ ކެޕްޓަން ޝާފިއު އަހުމަދު ޖެހި ފޮނުވާލި ޕެނަލްޓީ އަމާޒުވީ ދަނޑިއަށެވެ. އަދި ވިކްޓަރީގެ އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ޕެނަލްޓީ ޝޫޓްއައުޓަށް ދިޔައިރު، ނުވަ ކުޅުންތެރިންނާއެކު ތިބި ވިކްޓަރީގެ ގޯލްކީފަރު މުހައްމަދު ފައިސަލްގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. އެގޮތުން މިއަދުގެ މެޗުގައި ނިއުގެ ގިނަ ހަމަލަތައް ފައިސަލް ދިފާއު ކުރިއިރު، ނިއުގެ ނައިޖީރިއާ ޑިފެންޑަރު ކޫޑުސް އޮމަލާޑޭ ޖެހި ޕެނަލްޓީ ވެސް ފައިސަލް ވަނީ ދިފާއު ކޮށްފައެވެ. އަދި ނިއުގެ އަހުމަދު އަބްދުﷲ (ލިލީ) ފޮނުވާލި ޕެނަލްޓީ ވެސް ދިޔައީ ގޯލުގެ ބޭރަށެވެ.

ފައިނަލް މެޗަށްފަހު މުބާރާތުގެ ތަށި ނިއުރޭޑިއަންޓާ ހަވާލުކޮށްދެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.