15 Oct 2012, 22:47
ނ. ހޮޅުދޫގައި ދިވެހި ފުލުހުންގެ ޚިދުމަތް ފަށައި އެ ރަށުގައި ރަސްމީކޮށް ޕޮލިސް ސްޓޭޝަނެއް ހުޅުވައިފި އެވެ.
ހޮޅުދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައިދެއްވީ ހޯމް މިނިސްޓަރު ޑރ. މުހައްމަދު ޖަމީލް އަހުމަދުއާއި ކޮމިޝަނަރު އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒެވެ.
އެ ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު ޖަމީލް ވިދާޅުވީ ގައުމެއްގެ އެންމެ މުހިއްމު މަސައްކަތަކީ ގައުމުގައި ދިރިއުޅޭ ރައްޔިތުންނަށް އަމާން އޮމާން ސަލާމަތްތެރި ވެއްޓެއް ޤާއިމްކޮށްދިނުން ކަމަށާއި އަދި ރައްޔިތުން އެ މީހުންގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދާ އިރު އިއްޔެ އާއި މިއަދުގެ ހާލަތަށް ބެއްލެވުމަށް ފަހު ސުވާލު އުފެއްދުމުގެ މުހިއްމު ކަމަށް ވިދާޅުވި އެވެ. އެގޮތުން މިހާރުގެ ޤާނޫނު އަސާސީން ލިބިދީފައިވާ ހައްޤުތަކާއި އެ ހައްޤުތަކުގެ ތެރެއިން ހަނު ހުރުމުގެ ހައްޤާއި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ހަނު ހުރުމުގެ ހައްޤު ބޭނުންކުރަމުންދާ ގޮތާ ބެހޭ ގޮތުން މިނިސްޓަރު ވާހަކަފުޅު ދެއްކެވި އެވެ.
އަމާން ސަލާމަތްތެރި މުޖުތަމަޢުއެއް ޤާއިމު ކުރުމަށް އެ މުޖުތަމައުއެއްގެ އުޅޭ ހުރިހާ ފަރާތްތަކުން އެމީހުންގެ ޒިންމާ ފުރިހަމަ އަށް ނެގުމަށާއި ކުށްމަދު މުޖުތަމަޢުއެއް ޤާއިމްކުރުމަށް ޓަކައި ރައްޔިތުންނާ ފުލުހުން ގުޅިގެން މަސައްކަތްކުރުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.
ކޮމިޝަނާ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޒް ވިދާޅުވީ މިއަދު ހޮޅުދޫގައި ހުޅުވި ޕޮލިސް ސްޓޭޝަނަކީ ހޮޅުދޫ ކައުންސިލް މެމްބަރުންނާއި ރައްޔިތުން ފުލުހުންގެ ހިދުމަތް ބޭނުންވެފައި ތިބި މިންވަރު ސާފުވެގެންދިޔަ ކަމެއް ކަމަށެވެ. އަދި އެ ސްޓޭޝަން ހުޅުވުމަށް ޓަކައި ރަށު ކައުންސިލް މެމްބަރުންނާއި ރައްޔިތުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަން ފާހަގަ ކުރެއްވި އެވެ.
މިއަދުގެ މުޖުތަމަޢުތަކުގެ ހާލަތު އޮތްގޮތުން ކޮންމެ ރަށެއްގައި ވެސް ޕޮލިސް ސްޓޭޝަނެއް ހުރުމަކީ މުހިއްމު ކަމެއް ކަމަށާއި ނަމަވެސް ޤައުމުގެ ހާލަތު އޮތްގޮތުން ކޮންމެ ރަށެއްގައި ޕޮލިސް ސްޓޭޝަނެއް ޤާއިމްކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ކޮމިޝަނާ ވިދާޅުވި އެވެ.
ހޮޅުދޫގައި ހުޅުވި ޕޮލިސް ސްޓޭޝަނަކީ އެ ރަށު ރަށްވެހިގޭގައި ޤާއިމްކޮށްފައިވާ ތަނެކެވެ. ރަށްވެހި ގޭގައި ޕޮލިސް ސްޓޭޝަން ގާއިމުކޮށްފައި ވަނީ ހޮޅުދޫގައި ކުރިން ފުލުހުންގެ ހިދުމަތް ދިނުމަށް ރަށު ކައުންސިލާއި ރައްޔިތުން އިމާރާތްކޮށް ފުލުހުންނާއި ޙަވާލުކުރުމަށް ނިންމާފައި ހުރި ޕޮލިސް ސްޓޭޝަން އަންދާލުމާ ގުޅިގެންނެވެ. ރަށްވެހިގޭގައި ޕޮލިސް ސްޓޭޝަން ޤާއިމްކުރުމުގެ ހުރިހާ މަސައްކަތްތަކެއް ކޮށްފައި ވަނީ ރަށު ކައުންސިލް މެމްބަރުންނާއި ރަށު ރައްޔިތުންނެވެ.
ޕޮލިސް ސްޓޭޝަން ހުޅުވުމަށް ޓަކައި ހޮޅުދޫގައި ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އިސްވެރިންގެ އިތުރުން ނ. އަތޮޅު ކައުންސިލް މެމްބަރުންނާއި ހޮޅުދޫ ކައުންސިލް މެމްބަރުންނާއި ނ. އަތޮޅު ކޮމާންޑަރާއި ފުލުހުންނާއި ހޮޅުދޫގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި އެވެ.