15 Oct 2012, 22:36
ހދ. ކުޅުދުއްފުށީގައި އާދަޔާ ހިލާފަށް ވައިރަލް ހުމާއި އަދި އަރިދަފުސް ރޯގާ ފެތުރެމުންދާ ކަމަށް އެ ރަށުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ވާހަކަ ދެއްކެވި އެ ހޮސްޕިޓަލްގެ އޮފިޝަލަކު މިއަދު ވިދާޅުވީ އެ ރަށުގައި އާދަޔާ ހިލާފަށް ވައިރަލް ހުން ޖެހިގެން ޑޮކްޓަރަށް ދައްކަންދާ މީހުންގެ އަދަދު މިދުވަސްކޮޅު އިތުރުވެފައިވާ ކަމަށެވެ. އަދި ވައިރަލް ހުން ޖެހިގެން ޑޮކްޓަރަށް ދައްކަން ގިނައިން ދަނީ 05 އަހަރުން މަތީގެ މީހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލުގެ މެޑިކަލް ރިކޯޑް އޮފިސަރު އަލީ މުހައްމަދު މިއަދު ވިދާޅުވީ ވޭތުވެ ދިޔަ ހަފްތާ އިން ފެށިގެން މިއަދާ ހަމައަށް ވައިރަލް ފީވާ ޖެހިގެން ކޮންމެ ދުވަހަކު ވެސް 05 އަހަރުން ދަަށުގެ އަށެއް ނުވަތަ 10 ކުދިން ޑޮކްޓަރަށް ދައްކާފައިވާ އިރު 05 އަހަރުން މަތީގެ 20 މީހުނަށް ވުރެ ގިނަ އިން ކޮންމެ ދުވަހަކު ވެސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ.
މީގެ އިތުރުން މި މަހުގެ މިއަދާ ހަމައަށް 05 އަހަރުން ދަށުގެ 102 ކުއްޖަކު ވައިރަލް ހުން ޖެހިގެން ޑޮކްޓަރަށް ދައްކާފައިވާ އިރު 5 މަތީގެ 199 މީހުން ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
ހަމަ އެހެންމެ އަރިދުފުސް ރޯގާޖެހިގެން 5 އަހަރުން ދަށުގެ 133 ކުދިން ޑޮކްޓަރަށް ދައްކާފައިވާ އިރު އެ ރޯގާ ޖެހިގެން 278 މީހަކު ޑޮކްޓަރަށް މި މަހުގެ މިހާތަނަށް ދައްކާފައިވާ ކަމަށް އަލީ ވިދާޅުވި އެވެ.
ވައިރަލް ހުމަކީ ކެއްސުމާއި ކުޅުގެ ޒަރިއްޔާ އިން އެކަކު އަނެއްކަކުގެ ގަޔަށް ފެތުރެމުންދާ ރޯގާ ކަމަކަށްވާތީ އެ ރޯގާ އިން ސަލާމަތްވުމަށް އިސްކަން ދިނުމަށް ހޮސްޕިޓަލުން މިހާރު ވަނީ އާންމުނަށް އިލްތިމާސްކޮށްފަ އެވެ.